Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

29 އޯގަސްޓް 2020

ބަތަލާ ކަންގަނާ ރަނާވަތު އެއާ ފޯސް ޕައިލެޓެއްގެ ރޯލް ކުޅޭ ފިލްމު "ތޭޖާސް" ގެ ޝޫޓިން ޑިސެމްބަރުގައި ފަށަން ނިންމައި، ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ކަންގަނާ ރަނާވަތު އެއާ ފޯސް ޕައިލެޓެއްގެ ރޯލް ކުޅޭ ފިލްމު "ތޭޖާސް" ގެ ޝޫޓިން ޑިސެމްބަރުގައި ފަށަން ނިންމައި، ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ 2018 ގައި ހިންދީ ސިނަމާ އަށް އައި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ވިކީ ކޯޝަލްގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ހަދާ ފިލްމެކެވެ. "ތޭޖާސް" ގެ ޑައިރެކްޓަރަކީ ސަރްވޭޝް މެވާރާ އެވެ.

މި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު ކަންގަނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އެކްޝަން ފިލްމު "ދާޅަކް" ހިމެނެ އެވެ. މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ޕަންގާ" ގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ "ތަލައިވީ" އެވެ.

އޭގައި ކަންގަނާ ފެންނާނީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލުންނެވެ.

ޝާހްރުކާއި އާލިއާގެ ފިލްމެއް

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ޑައިރެކްޓަރު ސިދާތު އާނަންދު ޝާހްރުކް ޚާނާ އެކު ހަދާ ފިލްމި "ޕަތާން" ގެ ބަތަލާ އަކީ އާލިއާ ބަޓެވެ. އެކަމަކު މިހާރު އެ ފިލްމުން ޝާހްރުކާ އެކީ ފެންނާނެ ކަމަށް ބެލެވެނީ ދީޕިކާ ޕަދްކޯނެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "ޕަތާން" އިން އާލިއާ އަށް ފުރުސަތު ނުލިބުނަސް، ޝާހްރުކާ އެކީ ކުޅޭނެ އެހެން ފިލްމެއް މިހާރު ވަނީ ލިބިފަ އެވެ. އެ ފިލްމަކީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ހަދާ ފިލްމެއް ކަމަށްވެ އެވެ. އަދި އޭގެ ސްކްރިޕްޓް ވެސް މިހާރު އާލިއާ އަށް ކިޔައިދީފައިވާ އިރު، މިއީ އަންހެން ކެރެކްޓާއަކަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ބުންޏެވެ. އަދި ފިލްމަށް ޑައިރެކްޓަރަކު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މިޑް-ޑޭ އިން ބުނިގޮތުގައި މި ކޮމިކް-ޑްރާމާގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. ޝާހްރުކާއި އާލިއާ ވަނީ 2016 ގައި ގޯރީ ޝިންޑޭ ގެނެސްދިން "ޑިއާ ޒިންދަގީ" ގައި އެކީގައި މަސައްކަތްކޮށްފަ އެވެ.

ކާތިކްގެ އެކްޝަން ފިލްމު ހުއްޓައެއް ނުލާ

އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެ ޑައިރެކްޓަރު އޯމް ރައުތު، ޒުވާން އެކްޓަރު ކާތިކް އާރިޔަނާ އެކު ހަދަން ނިންމާފައިވާ އެކްޝަން ފިލްމު ނަހަދަން ނިންމާފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.

އެ ފިލްމު ނަހަދަން ނިންމައި އޭގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރީ މީގެ ހަފުތާއެއްހާ ދުވަސްކުރިން އޯމް، ޕްރަބާސްއާ އެކު "އަދިޕުރުޝް" ކިޔާ ފިލްމެއް ހަދަން އިއުލާންކުރުމާ ގުޅިގެންންނެވެ. ނަމަވެސް ކާތިކާ އެކު ހަދާ ފިލްމު މި ވަގުތަށް މަޑުޖައްސާލާފައިވާކަން ކަށަވަރުކޮށް ދެމުން އޯމް ބުނީ އޭގެ މަސައްކަތް ތަންކޮޅެއް ފަހުން ކުރާ ގޮތަށް ނިންމީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ގައުމުން ބޭރަށް ދަތުރު ވެސް ކުރެވެން ނެތުމުން ކަމަށެވެ.

އޭނާ ބުނީ އެ ފިލްމަކީ ބޭރު ގައުމެއްގައި ޝޫޓްކުރަން ޖެހޭ ފިލްމެއް ކަމަށެވެ. އެހެންވެ ކޮވިޑުން އެއްކޮށް އަރައިގަނެވި އާންމު ހާލަތަކަށް އައި އިރަކުން ކާތިކްގެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ. އެ ފިލްމު ލަސްކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ކާތިކް ޝޫޓިން ފަށާފައި އޮތް "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ 2" އަށް ވެސް ވަގުތު ހުސްކުރަން ޖެހުން ވެސް ހިމެނެ އެވެ.

"ސަޅަކް 2" ގެ އާ ލަވަ އަކީ "ޝުކުރިޔާ"

ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ސަޅަކް 2" ގެ ލަވަތަކުގެ ތެރެއިން "ޝުކުރިއްޔާ" އާންމުންނަށް ދޫކޮށްލައިފި އެވެ.

މި ލަވައިގެ މިއުޒިކް ޖީތު ގަންގޫލީ ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ކޭކޭ އާއި ޖުބިން ނޯޓިޔާލެވެ. ޅެން ހެދީ ރަޝްމީ ވިރާގެވެ. "ޝުކުރިޔާ" އަކީ "ސަޅަކް 2" ގެ ލަވަތަކުގެ ތެރެއިން ދައްކައިލި ހަތަރު ވަނަ ލަވަ އެވެ. މި ފިލްމުގެ ތަރިންނަކީ އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރާއި ސަންޖޭ ދަތާއި ޕޫޖާ ޕަޓެވެ.

"ސަޅަކް 2" އަކީ މަހޭޝް 1991 ގައި ސަންޖޭ އާއި ޕޫޖާއާ އެކު ގެނެސްދިން "ސަޅަކް" ގެ ދެވަނަ ބައެވެ.