ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރި ޚަރަދުތަކާއެކު، ދައުލަތުގެ ހަޒާނާ ހުސްވިޔަސް އެކަމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ވަހީދު މި ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
28 އޯގަސްޓް 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރި ޚަރަދުތަކާއެކު، ދައުލަތުގެ ހަޒާނާ ހުސްވިޔަސް އެކަމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ވަހީދު މި ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް މާލޭގައި ބޭއްވި ސައިކަލު ބުރަށް ފަހު، އިދިކޮޅު ޕާޓީ ޕީޕީއެމް އޮފީސް ކައިރީގައި ބޭއްވި އެއްވުމުގައި، ވަހީދު ވިދާޅުވީ ރާއްޖެ އަށް މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ފެންނަނީ ސަރުކާރުގެ ވާޖިބުތައް އަދާނުކުރާތަން ކަމަށެވެ.
ފެނިގެން މިދަނީ ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔަ ތަން. ދައުލަތުގެ ހުރިހާ ފައިސާ ހުސްވެގެން ދިޔަ ތަން. އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވޭ.--- ވަހީދު
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ވަހީދު ވިދާޅުވީ، ރައްޔިތުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް މި ސަރުކާރަށް ނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކުރުމުގައި ސަރުކާރު ނާގާބިލްވެ، ނުކުޅެދިފައިވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމަލުތަކާ މެދު ދެން ދެން ކެތް ނުކުރެވޭނެ ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. އެހެންވެ، ސަރުކާރަށް، ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު މިހާރަށް ވުރެ ރަނގަޅަށް އަދާކުރަންޖެހޭ ކަމަށް ވަހީދު ވިދާޅުވި އެވެ.
ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މާލޭގައި މިއަދު ބޭއްވި ސައިކަލު ބުރުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
"ރައްޔިތުންގެ ހަޒާނާ ހުސްވެގެން ގޮސް ރައްޔިތުން ހާލުގައި ޖެހޭ ވަގުތުގައި އެންމެން ބައިވެރި ކޮށްގެން، އެބަޖެހޭ މިކަން ހައްލުކުރަން މަސައްކަތް ކުރަން. އެތަނެއް ނޫން މިއަދު ފެނިގެން މިދަނީކީ. ފެނިގެން މިދަނީ ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔަތަން. ދައުލަތުގެ ހުރިހާ ފައިސާ ހުސްވެގެން ދިޔަ ތަން،" ވަހީދު ވިދާޅުވި އެވެ.
"އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވޭ. އެހެންވީމާ އޭގެ ހިތްހަމަނުޖެހުން އަޅުގަނޑުމެން މިތާ މިއަދު ފާޅުކުރަމުން މި ގެންދަނީ."
ވަހީދު ވިދާޅުވީ، ލޭ އޮހުރުވައިގެން ވެސް ރާއްޖެ ސަލާމަތްކުރުމަށް ދިވެހިން އަބަދު ވެސް ތިބޭނީ ތައްޔާރަށެވެ.
މާލޭގައި ހަލުވިކަމާއެކު، ފެތުރެމުންދާ ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވެ އެވެ. އެ ހަރަދުތަކުގެ ތެރޭގައި ކޮވިޑުން އާންމުން ރައްކާތެރިކޮށް، އެ ބަލި ކޮންޓްރޯލް ކުރުމާއި އެހީތެރިވުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަ އެލަވަންސް ދިނުމާއި ވަޒީފާ ގެއްލިފައިވާ މީހުންނާއި ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި މާލީ އެހީ ދިނުން ހިމެނެ އެވެ.
ނަމަވެސް، އެ ޚަރަދުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ދާދި ފަހުން ނެރުއްވި، ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު، އެތައް ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލަތައް އޭސީސީ އާއި ފުލުހުން ވެސް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
އިދިކޮޅުގެ އެއްވުމަށް ރައީސް ފާޑުވިދާޅުވެއްޖެ
ރައީސް ފާޑުވިދާޅުވީ އަސަރުކޮށްގެން: އިދިކޮޅު
ރައްޔިތުން ބޭނުންވަނީ މިވެރިކަން ބަދަލުކުރަން: އަދުރޭ
ވަހީދު ޕޮލިހަށް ހާޒިރުކުރުމުން ފާޑުވިދާޅުވީ ރައީސަށް
ވަހީދުގެ ކެރުންތެރިކަން އެމްޑީޕީއަށް އެނގޭނެ: އިދިކޮޅު
އެއްވުމާ ގުޅިގެން ވަހީދު ފުލުސް އޮފީހަށް ހާޒިރުކުރަނީ
މާސްކު ނާޅުއްވައި މުޒާހަރާ ކުރުމުން ވަހީދަށް ފާޑުކިޔުން
މަޝްވަރާގެ ނިޔަތާ މެދު ސުވާލު އުފެދޭ: ޝުޖާއު
ޕީޕީއެމާއި ޕީއެންސީން އިންޑިއާ ސަފީރާ ބައްދަލުކޮށްފި
ޝިޔާމްގެ ރާގު ބަދަލުވެ އެމްޑީޕީ މެމްބަރުންނަށް ސުވާލެއް