Roadha Mihaaru
މާސްކު ނާޅުއްވައި މުޒާހަރާ ކުރުމުން ވަހީދަށް ފާޑުކިޔުން

މާސްކު ނާޅުއްވައި މުޒާހަރާގައި ހުންނެވުމުން ވަހީދަށް ބޮޑެތި ފާޑުކިޔުންތަކެއް

29 އޯގަސްޓް 2020

އިދިކޮޅު ކޯލިޝަނުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދުތަކާ ޚިލާފަށް މިއަދު މާލޭގައި ބޭއްވި މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ވަހީދު މާސްކް ނާޅުއްވައި ބައިވެރިވެ ވަޑައިގަތުމުން، ގިނަ ބަޔަކު އެ މަނިކުފާނަށް ފާޑު ކިޔައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިދިކޮޅު ކޯލިޝަނުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދުތަކާ ޚިލާފަށް މިއަދު މާލޭގައި ބޭއްވި މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ވަހީދު މާސްކް ނާޅުއްވައި ބައިވެރިވެ ވަޑައިގަތުމުން، ގިނަ ބަޔަކު އެ މަނިކުފާނަށް ފާޑު ކިޔައިފި އެވެ.

"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ނަމުގައި މިއަދު ހަވީރު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މުޒާހަރާ ކުރީ، ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެއްވުންތައް މަދުކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެމުން އަންނަނިކޮށެވެ. އަދި މުޒާހަރާގައި ބައިވެރިވި ބައެއް މީހުން މާސްކް ނާޅާއިރު، އެއްވެސް ގައިދުރުކަމެއް ނެތެވެ.

މުޒާހަރާ ކުރުމަށް މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރަށް ފަހު، ޕީޕީއެމް އޮފީސް ކައިރީގައި ބޭއްވި އެއްވުމުގައި ވަހީދު ވާހަކަފުޅު ދެއްކެވި އިރު ހުންނެވީ މާސްކު ނާޅުއްވަ އެވެ. މިކަމާ ގިނަ ބަޔަކު މިއަދު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ދައުލަތުން، ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ހޯއްދަވައިގެން، މި ފަދަ ބަލިމަޑުކަމެއްގެ ތެރޭގައި، ސިޔާސީ ފައިދާއަށް މުޒާހަރާ ކުރެއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި މި ދަނޑިވަޅު ސަރުކާރުންނާއި ސިއްހީ ދާއިރާގެ މީހުން ދަނީ، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން، ގޭގައި ތިބުމަށް އާދޭސް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"[ސިއްހީ ދާއިރާ]އަށް ނުކަތާ ވަރަށް ބާރުބޮޑުވެގެން މަރުވާ މީހުންގެ ޒިންމާ ނަންގަވަން ތައްޔާރުތޯ؟،" ވަހީދު ޓެގް ކުރައްވައި، ޓްވިޓާގައި ރޮޒައިނާ ސުވާލު ކުރެއްވެވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި، އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި ވަހީދުގެ މި އަމަލާ ގުޅޭގޮތުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު މެމްބަރު އިމްތިޔާޒު ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ދާއިރު، ވަހީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހާލަތުގެ ފައިދާ ނާޖާއިޒް ގޮތުގައި ނަންގަވަން ކަމަށެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ހިލާފުވާން އިދިކޮޅު ސަޕޯޓަރުންނަށް ގޮވާލެއްވުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު، މުހައްމަދު ވިސާމް ވެސް ވަނީ ވަހީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ރާއްޖެ ވަނިކޮށް، ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތް ބަރާބަރަށް ނަންގަވާ ބޭފުޅަކު އިސްވެ ހުންނަވައި، ގައިގޯޅިކޮށް ބާއްވާ މި ފަދަ އެއްވުންތައް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ގައުމީ ޒިންމާ ނުއުފުއްލަވާ މިފަދަ ބޭފުޅުންގެ އިނާޔަތް ކަނޑާލަން ޖެހޭނެ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.

މިއަދު މާލޭގައި ކުރި މުޒާހަރާގައި، ގައިދުރުކަން ނުބަހައްޓައި ބައެއް މީހުން މާސްކް ނާޅާ ބައިވެރިވި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން މިއަދު ބުނީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، މިންގަނޑުތަކާ ހިލާފުވި މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށެވެ. ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް ބޯލަނބައި ނަމޫނާ ދައްކަވަން ޖެހިވަޑައިގަންނަވާ ސިޔާސީ ބޭފުޅުން މުޒާހަރާކުރުމާއި އެއްވުންތައް ބޭއްވުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މި ފަހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނު ލިއުއްވި "ދެ ރަދުން" ފޮތް ނެރުއްވުމުގެ ހަފުލާގައި މާސްކް ނާޅުއްވައި ގިނަ ބަޔަކު ޖަމާކޮށް، ފޮތުގައި ސޮއިކުރެއްވުން ކުރިއަށް ގެންދަވައިފަ އެވެ.