Roadha Mihaaru
ވަހީދުގެ ކެރުންތެރިކަން އެމްޑީޕީއަށް އެނގޭނެ: އިދިކޮޅު

ވަހީދުގެ ދިފާއުގައި އިދިކޮޅު: "ކެރުންތެރިކަން އެމްޑީޕީއަށް އެނގޭނެ"

30 އޯގަސްޓް 2020

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަކީ އަބަދުވެސް ގައުމު އިސްކުރައްވައި ރައްޔިތުންގެ ފަޅީގައި މަސައްކަތް ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާނެ ބޭފުޅެއްކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީގެ ސަރުކާރަށް ކަމަށް ބުނެ އެ މަނިކުފާނުގެ ދިފާއުގައި އިދިކޮޅުން ނުކުމެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަކީ އަބަދުވެސް ގައުމު އިސްކުރައްވައި ރައްޔިތުންގެ ފަޅީގައި މަސައްކަތް ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާނެ ބޭފުޅެއްކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީގެ ސަރުކާރަށް ކަމަށް ބުނެ އެ މަނިކުފާނުގެ ދިފާއުގައި އިދިކޮޅުން ނުކުމެއްޖެ އެވެ.

ޕީޕީއެމާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ވަހީދު ވަނީ މިދިޔަ ހުކުރުދުވަހު އިދިކޮޅު ކޯލިޝަންގެ މުޒާހަރާގައި ބައިވެރިވެވަޑައިގެން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. ޚާރިޖީ ގުޅުމުގައި އެހެން ގައުމުތައް އެކަހެރިކޮށް އިންޑިއާ އާއި ރާއްޖެ، އާދަޔާ ޚިލާފަށް ގާތް ވުމުން މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވުމުގެ ބިރު އޮތް ކަމަށް ބުނެ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" އިދިކޮޅުން އަޑުއުފުލި މުޒާހަރާގައި މާސްކް ނާޅުއްވައި ވަހީދު ވާހަކަފުޅު ދެއްކެވުމުން ވަނީ މި ސަރުކާރުގެ ފާޑުކިއުން އަމާޒުވެފަ އެވެ.

ކުރީގެ ރައީސުންގެ އިނާޔާތް ލިބިވަޑައިގަންނަވާ ބޭފުޅަކު، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް ބެއްލެވުމެއް ނެތި ބަލި ފެތުރޭގޮތަށް މުޒާހަރާގައި ބައިވެރިވެވަޑައިގަތް މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ނުސީދާކޮށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފަ އެވެ. ކަމާބެހޭ އިދާރާތަކުގެ އެންގުމަށް ތަބާނުވާ އެންމެންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު ފުލުހުން އަޅާނެ އެ މަނިކުފާނު ކަމަށް ވިދާޅުވެފައި ވަނިކޮށް، އެ މުޒާހަރާއާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އެންގި ބޭފުޅުންގެ ތެރޭގައި ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.

ވަހީދަށް ތުހުމަތުކުރާ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކުރަނީ މިއަދު ހަވީރު ހަތަރެއް ޖަހާ އިރަށެވެ.

ޕީޕީއެމާއި ޕީއެންސީން ސިފަކުރަނީ އެއީ، ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގަ އެވެ.

އެ ކޯލިޝަން ހިންގަވާ ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަހީދަކީ ގައުމުގެ ހައްގުގައި ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީގެ ސަރުކާރަށް ކަމަށެވެ. ވާދަވެރި ސިޔާސީ ހަރަކާތަށް ނުކުމެވަޑައިގެން މިއަދު ވެސް ހުންނެވީ ރައްޔިތުންގެ ފަޅީގައި ވަރުގަދަ ލަޝްކަރާ އެކުގައި ކަމަށް ވިދާޅުވި އެވެ.

މި ޓުވީޓާ އެކު ވަހީދު ޕީޕީއެމްގެ އެޑްވައިޒަރަކަށް ހަމަޖެއްސި ދުވަހު އެ ޕާޓީގެ އިސް ބޭފުޅުންނާ އެކު ހުންނެވި ފޮޓޯ ވެސް އަބްދުއްރަހީމް ޓުވިޓާގައި އާއްމުކުރެއްވި އެވެ.

ވަހީދު ފަސްޖެހިވަޑައިނުގަންނަވާނެ ކަން އެމްޑީޕީ އަށް އެނގޭނެ ކަމަށް އަބްދުއްރަހީމް އެ މާނަ ކުރެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބަކަށް ހުންނެވުމަށް ފަހު އެ މަނިކުފާނު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގަތް ހާދިސާތަކަށް އިޝާރާތް ކުރައްވައި ކަމަށް ބެލެވެ އެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިދިކޮޅުން ސިލްސިލާކޮށް ކުރި މުޒާހަރާތަކަށް ފަހު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ އެވެ. އެމްޑީޕީން އެދުނު ގޮތަށް ވަހީދު މަގާމުން އިސްތިއުފާ ނުދެއްވުމަކީ އެ މަނިކުފާނު ވެސް "ބަޣާވާތުގައި" ބައިވެރިވުން ކަމަށް އެމްޑީޕީން އަދިވެސް ތުހުމަތު ކުރެ އެވެ.

އެކަމަކު ޕީޕީއެމުން ސިފަކުރާ ގޮތުން ނަމަ، ވަހީދުގެ އަމަލުކުރެއްވި ގޮތަކީ ރައްޔިތުންގެ ފަޅި ޚިޔާރުކުރެއްވުމެވެ.

ހުކުރު ދުވަހުގެ ހަރަކާތުގައި ވަހީދު، މާސްކު ނާޅުއްވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައިވާއިރު، އެ މަނިކުފާނު ވިދާޅުވީ، އެއްވުމުގެ ބައިވެރިންނާ މުޚާތަބު ކުރެއްވި ގަޑީގައި ނޫނީ ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށެވެ. ވާހަކަ ދައްކަވަން ހުންނެވީ އާއްމުންގެ ތެރޭގައި ނޫން ކަަމަށާއި ޕީޕީއެމްގެ އޮފީސް ތެރޭގައި ކަަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅުގެ މުޒާހަރާއާ ގުޅިގެން ވަހީދުގެ އިތުރުން ޕީޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ފުލުސް އޮފީހަށް ހާޒިރުވާން އޮތީ އަންގައިފަ އެވެ.

ކޮވިޑް-19 ފެތުރެމުންދަނިކޮށް މުޒާހަރާކޮށްގެން އިދިކޮޅުގެ އިސް ބޭފުޅުން ހާޒިރުކުރުން ކުށްވެރި ކުރައްވައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ބަލި ކޮންޓްރޯލް ނުވީ އެމްޑީޕީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުމުން ކަމަށެވެ. އިދިިކޮޅު ގޯސްވެ، ތަހުގީގަކާ ހިސާބަށް ދިޔައީ އެ މުޒާހަރާގައި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އޮތް މިންވަރު ހާމަވުމުން ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ފުލުހުން ސިޔާސީ ކުރުމުގެ ނުރައްކާ ބޮޑުވާނެ. ޝުޖާއު/ޕާޓީން އަދާކުރީ ގާނޫނީ ޒިންމާ. އިހްތިޖާޖް މިހާރު ހަޖަމްނުވަނީތޯ؟" ޖަމީލް ސުވާލުކުރެއްވި އެވެ.

އިދިކޮޅުން މުޒާހަރާކުރީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ އެއްވުންތައް ނުބާއްވަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ފުލުހުން އިރުޝާދު ދީފައި ވަނިކޮށެވެ. ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް މި ފަހުން ވަރުގަދަކޮށް، އެ މިންގަނޑުތަކާ ޚިލާފުވާ މީހުން ޖޫރިމަނާ ވެސް ކުރެ އެވެ.