Roadha Mihaaru
ގަދަ 10ގައި ހިމެނުނު އަދަދު އާ އުސޫލާއެކު މަދުވެއްޖެ

އޯލެވެލް ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު އާ އުސޫލާއެކު މަދުވެއްޖެ

17 ޖުލައި 2018

އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފެށުމާއެކު، އޯ ލެވެލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު، ފާއިތުވި ތިން އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފެށުމާއެކު، އޯ ލެވެލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު، ފާއިތުވި ތިން އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.

މިދިޔަ އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ގަދަ 10 ގައި ހިމެނުނީ 375 ދަރިވަރެކެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރާއްޖޭގެ ގަދަ 10ގައި 589 ދަރިވަރަކު ހިމެނުނެވެ. އޭގެ ތެރެއިން އަށް މާއްދާއިން އޭ ހޯދައިގެން 126 ދަރިވަރަކު އެއް ވަަނަ ހޯދާފައިވެ އެވެ. އަދި ދެހާސް ފަނަރަ ވަނަ އަހަރު ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ އަދަދަކީ 502 އެވެ.

މިދިޔަ އަހަރު 8 މާއްދާއިން އޭ ސްޓާ ހޯދައިގެން ހަ ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގެ އެއްވަނަ ހޯދައިފަ އެވެ. އެ ދަރިވަރުންނަށް ތައުލީމީ ފަންޑުން ސްކޮލަޝިޕް ދީފައިވެ އެވެ.

ދުނިޔޭގެ ގަދަ 10ގައި މިދިޔަ އަހަރު ހިމެނުނީ 35 ދަރިވަރަކެވެ.

އޯ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވާހަކަ ދައްކަވަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު

އޯ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވާހަކަ ދައްކަވަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީޓެކް އިން އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ 10 ގައި ތިން ދަރިވަރަކު ވެސް މިދިޔަ އަހަރު ހިމެނިފައި ވެ އެވެ. މިއީ ބީޓެކްގެ ދަރިވަަރަކު ގަދަ 10 ގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އެ ދަރިވަރުންނަކީ އިސްކަންދަރު ސްކޫލުގެ ދަރިވަރު އަހުމަދު އަލްހާން އިބްރާހިމް، ހިރިޔާ ސްކޫލުގެ ފާތިމަތު ޖަސްރާ ޖަވާދާއި ފޭދޫ ސްކޫލުގެ އާމިނަތު އީމާނެވެ.

އޯ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވި ގޮތުގައި ގަދަ 10 ހޮވާ އުސޫލު މަތިކުރި ކަމުގައި ވިއަސް ދަރިވަރުން ވަނީ ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ބީޓެކް ހެދި ދަރިވަރުންގެ ތެރެއިން ތިން ދަރިވަރަކު ފުރަތަމަ ފަހަރަށް ގައުމީ ގަދަ 10ގައި ހިމެނިފައިވާ އިރު އެ ދަރިވަރުން ވަނީ އަމަލީ ދާއިރާއިން ކިޔެވުމަކީ އެންމެ މަތީ ބޮންތިއަށް ދިއުމަށް އޮތް ހުރަހެއް ނޫން ކަން ސާބިތުކޮށްދީފައި ކަމަށެވެ. ސްކޫލު މަންހަޖަށް އަލަށް ތައާރަފުކުރެވުނު ބީޓެކް ޕްރޮގްރާމަށް ކުރިއަށް ވުރެ ބޮޑަށް އިތުބާރު ހޯދައިދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރު އޯ ލެވެލް ނިންމި 6000 ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވީ ވަރަށް މަދު ދަރިވަރުންތަކެއް ކަމަށެވެ. އޭގެ ތެރެއިން ތިން މާއްދާ އިން ފާސްވި ދަރިވަރުންގެ އަދަދު 40 ޕަސެންޓަށް ވުރެ ގިނަ ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ވިސްނާލައްވާ އެހެންކަމުން ދެން މި ދެންނެވި ތިން ހަތަރު ހާސް ކުދިންގެ ކުރިމަގަށް އެޅިގެންދާނެ ހުރަސް. އެ ކުދިންގެ މުސްތަގުބަލަށް ދިމާވާނެ ގޮންޖެހުންތައް. މުޅި މުޖުތަމައު އެކަމަށް އަދާކުރަންޖެހޭނެ އަގު. އަދި މި ދެންނެވުނީ ހަމަ އެންމެ އަހަރެއްގެ ވާހަކަ. އަދި މިއީ 10 އާ ހިސާބަށް ސްކޫލުގައި ހިފަހައްޓާލެވުނު ދަރިވަރުންގެ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ކުއްޖަކު ބާކީނުކޮށް ކިޔަވައިދޭން ފެށުމުން، އޯ ލެވެލްގައި ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ ރަނގަޅުވެފައިވާ ކަމަށެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، އޯ ލެވެލް ނިންމި 10 ދަރިވަރުންގެ ތެރެއިން އަށް ދަރިވަރުންނަކީ މަދުވެގެން ފަސް މާއްދާއިން ފާސްވި ދަރިވަރުން ކަމަށާއި އެ 10 ދަރިވަރުންގެ ތެރެއިން ނުވަ ދަރިވަރުންނަކީ ތިން މާއްދާއިން ފާސްވި ދަރިވަރުން ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު އުޅެނީ 77 ޕަސެންޓުގަ އެވެ. ނަމަވެސް މިނިސްޓްރީން އަމާޒު ހިފާފައި ހުރީ ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު 60 ޕަސެންޓަށް ހެދުމަށެވެ.

"ކުރިން ތައުލީމީ ގޮތުން ކާމިޔާބު ނުވާނެ ކަމަށް ބަލައި ސްކޫލުތަކުން އުއްމީދު އުއްމީދު ދޫކޮށްލާފައިވާ އެތައް ހާސް ކުދިންނަކަށް ދަސްވާރާއި ބީޓެކް ޕްރޮގްރާމްގެ ތެރެއިން ކާމިޔާބު ހޯދައިދީ އެ ދަރިވަރުންގެ މުހިއްމު ކަމާއި ހުރި ހުނަރު އާއިލާއާ މުޖުތަމައުއަށް ހާމަކޮށްދެވުނީިތީ. ހަވާސާ ކޮށްލެވި ސްކޫލުގެ ނިޒާމްގެ ތެރެއިން ބޭރުވެފައިވާ އަދި ބަެއް ފަހަރު މުޖުތަމައުއަށް ތަކުލީފަކަށް ވެފައިވާ ބައެއް ކުދިން އަލުން އަނބުރާ ނިޒާމުގެ ތެރެއަށް ވައްދާ އެ ކުދިންނަށް އެކަށޭނެ ތަމްރީން ފޯރުކޮށްދީ، ބޭނުންތެރި އުއްމީދީ ޒުވާނުންނަށް ހަދާދެވުތީ" މިނިސްޓަރު ވިދާޅުވި އެވެ.

ވަކިވަކި މާއްދާތަކަށް ބަލާއިރު މިދިޔަ އަހަރު ދަރިވަރުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ. އެގޮތުން ހިސާބުން ފާސްވި ދަރިވަރުންގެ އަދަދު 60 ޕަސެންޓަށް އިތުރުކުރެވުނު އިރު އިނގިރޭސި މާއްދާއިން ވެސް ފާސްވި ދަރިވަރުންގެ އަދަދު އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.