Roadha Mihaaru
ހައި ރިސްކް މީހުންގެ ކޮވިޑް ކޭސްތައް ގިނަވެއްޖެ

ހައިރިސްކް މީހުންނަށް ކޮވިޑް ޖެހޭލެއް ގިނަ، މިއީ ބޮޑު ކަންބޮޑުވުމެއް: އެޗްޕީއޭ

30 އޯގަސްޓް 2020

ކޮވިޑް-19 ޖެހުމުން އެންމެ ބޮޑު ނުރައްްކަލާ ކުރިމަތިވާ ކެޓަގަރީގެ މީހުންނަށް އެ ބަލި ޖެހޭ ވަރު ރާއްޖޭގައި އިތުރުވެ، ހެލްްތު ޕްރޮޓެކްޝަން އެޖެންސީން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ޖެހުމުން އެންމެ ބޮޑު ނުރައްްކަލާ ކުރިމަތިވާ ކެޓަގަރީގެ މީހުންނަށް އެ ބަލި ޖެހޭ ވަރު ރާއްޖޭގައި އިތުރުވެ، ހެލްްތު ޕްރޮޓެކްޝަން އެޖެންސީން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖޭން މިހާރު ފެންނަ ކޮވިޑްގެ ކޭސްތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނާއި މާބަނޑުމީހުން މިހާރު ގިނަވަމުން ދާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

މި މަހު ކޮވިޑްގެ ކޭސްތައް ފެނުނު ކެޓަގަރީތަކުގެ ތަފްސީލު ދެއްވަން އޭނާ ރޭ ދެއްކެވި ގްރާފްތަކުން ދައްކާ ގޮތުގައި ނުރައްކާ ބޮޑު ކެޓަގަރީގެ މީހުންނަށް ކޮވިޑް ޖެހޭ ވަރު މިދިޔަ ތިން ހަފްތާގައި ވެސް ވަނީ ކުރީ ހަފްތާ އަށް ވުރެ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި އެކަޓަގަރީގެ މީހުންގެ ތެރެއިން 130 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވި އެވެ. އަދި އޭގެ ކުރީ ހަފްތާގައި ވެސް އެފަދަ ކޭސްތައް ހުރީ 100 އިން މަތީގަ އެވެ.

"ދިގު މުއްދަތަށް ފަރުވާދޭން ޖެހޭ ފަދަ ގައިން ގަޔަށް ނާރާ ބަލިތައް ހުންނަ ބޭފުޅުންނަކީ ހައިރިސްކް ބޭފުޅުން. ސުވާލެއް އުފެދޭނެ މިހައިތަނަށް ފެނުނު ކޭސްތަކުގެ ތެރޭގައި މި ހައި ރިސްކް ހުރި މީހުންގެ ކޭސްތައް ހުރީ ކިހިނެއްތޯ؟ މިގޮތަށް ބަލައިލާއިރު ވަރަށް ކަންބޮޑުވާން ޖެހޭ ފަދަ މަންޒަރުތަކެއް މިފެންނަނީ،" އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިގުމުއްދަތަށް ފަރުވާ ކުރާ މީހުންގެ ތެރެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި ލޭނާރުތަކުގެ ބަލިތައް ހުރި މީހުން ތިބިކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ. އަދި އޭގެ ތެރޭގައި އެއް ބާވަތަށް ވުރެ ގިނަ ބާވަތުގެ ބަލިތައް ހުރި މީހުން ވެސްް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ ބޮޑެތި ބަލިތަކުގެ މީހުންނާއި މާބަނޑު މީހުންނަށް ކޮވިޑް ޖެހޭ ވަރު މަދުކުރުމަށް ޓަކައި އާއްމުން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މިކިޔަނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނޭ އެންމެ ގިނައިން މި ބަލީގެ ޝިކާރަޔަކަށް މިވަނީ. އެހެންވާއިރު އެ ބޭފުޅުން ބޭރު ތެރޭގައި އުޅެފައި ގެއަށް މި އަންނަނީ،" އޭނާ ވިދާޅުވި އެވެ. "ހަމަ އެކަށީގެންވޭ އެބޭފުޅުންނަށް ބަލި ޖެހިފައި މާ ބޮޑު އަަލާމާތެއް ވެސް ނުފެނި، އެއްވެސް މީހަކަށް ބައްޔެެއް އުޅޭކަން ވެސް ނޭނގި އެކަން ފާއިތުވެގެން ދާއިރު ގޭތެރޭގައި ދެން މިތިބޭ ކުޑަކުދިންނާއި އުމުރުން ދުވަސްމީ މީހުންނާއި ގައިން ގަޔަށް އަރާ ބަލިތައް ޖެހިފައި ތިބި މީހުންނާއި އަދި މާބަނޑު އަންހެނުންނާއި މިހުރިހާ އެންމެނަށް ބަލި ޖައްސާލާ."

ރޭ އަފްޒަލް ދެއްވި ތަފްސީލުތަކުން އެނގުނު ގޮތުގައި ކޮވިޑްގެ ކޭސްތައް މި މަހު ވަރަށް ބޮޑަށް އިތުރުވި ނަމަވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރޭގައި ބަލި ފެތުރޭ ނިސްބަތް ހުރީ މާލެ ލޮކްޑައުންކޮށްފައި އޮތް އިރު ވެސް ހުރި ވަރަށެވެ. އިތުރުވީ ދިވެހިންގެ ތެރޭގައި ބަލި ފެތުރޭ ވަރެވެ. އިއްޔެގެ ހަވީރު 6:00 އާ ހަމަ އަށް ރާއްޖޭން 7,578 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރޭގައި ދިވެހިންގެ އަދަދަކީ 4،653 އެވެ.