Roadha Mihaaru
ޕާޓީއަށް ނުދާ، ޔޫކޭން އައި މީހަކު ކްލަސްޓާގައި ހިމެނޭ

ކައިވެނި ޕާޓީ ކްލަސްޓާގައި ޔޫކޭ އިން އައި މީހެއް ހިމެނޭ، އެކަމަކު އެއީ ޕާޓީ ބޭއްވި ފަހުން އައި މީހެއް

28 ޑިސެމްބަރ 2020

މި މަހުގެ 20 ގައި ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީ އަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތުން އައި މީހަކު ހިމެނޭ ކަމަށާއި އެކަމަކު އެއީ ޕާޓީ ބޭއްވި ފަހުން ރާއްޖެ އައި މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މި މަހުގެ 20 ގައި ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީ އަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތުން އައި މީހަކު ހިމެނޭ ކަމަށާއި އެކަމަކު އެއީ ޕާޓީ ބޭއްވި ފަހުން ރާއްޖެ އައި މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ގެ ވައިރަސް މިއުޓޭޭޓްވެގެން އުފެދުނު އާ ވޭޭރިއަންޓް ފުރަތަމަ ފެނުނީ އިނގިރޭސި ވިލާތުންނެވެ. އެ ވޭރިިއަންޓްގެ އެންމެ ބޮޑު ނުރައްކަލަކީ ފެތުރޭލެއް ހަލުވިކަމުން ކޮންޓްރޯލް ކުރަން އުނދަގޫވުމެވެ.

ޕާޓީ ކްލަސްޓާއާ އިނގިރޭސި ވިލާތުން އައި މީހަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ވާހަކަ ދެއްކެވުނަސް އެޗްޕީއޭ އިން ބުނީ ބުނީ އިނގިރޭސި ވިލާތުން އައި މީހާ އަކީ ކައިވެނި ޕާޓީގެ ކްލަސްޓާގައި ހިމެނޭ މީހެއްގެ އާއިލާގެ މެމްބަރެއް ކަމަށެވެ. ނަމަވެސް އޭނާ ރާއްޖެ އަށް އައީ ކައިވެނި ޕާޓީގެ ފަހުން ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ މީހާ އިނގިރޭސި ވިލާތުން އައީ ޕާޓީ ބޭއްވިތާ ދެ ދުވަސް ފަހުން މި މަހުގެ 22 ވަނަ ދުވަހު އެވެ.

އޭނާ ރާއްޖެ އައި އިރު ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީނު ވާކަށް ވެސް ނުޖެހެ އެވެ. ނަމަވެސް އިނގިރޭސި ވިލާތުން ފެންނަ ތަފާތު ވައިރަސް އެކި ގައުމުތަކުން ފެންނަން ފެށުމާ އެކު މިހާރު ވަނީ އެ ގައުމުން އަންނަ މީހުން ކަރަންޓީނުކުރަން ފަށައިފަ އެވެ.

އެޗްޕީއޭ އިން ބުނީ ޕާޓީ ކްލަސްޓާގައި ހިމެނޭ އިނގިރޭސި ވިލާތުން އައި މީހާ ކޮވިޑަށް ޓެސްޓްކުރީ ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށި ފަހުން ކަމަށެވެ.

"މި ކޭސްއަކީ އާ ސްޓްރެއިންއާ ގުޅުން ހުރި ކޭސްއެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތް،" އެޗްޕީއޭ އިން މިއަދު ބުންޏެވެ.

ރާއްޖޭން ބޭރުން އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު އެޗްޕީއޭ އިން ވަނީ ޔޫކޭ އިން އަންނަ ދިވެހިންނާއި ވޯކްވިސާގައި އަންނަ މީހުންނަށް ހާއްސަ އުސޫލެއް ހަދައިފަ އެވެ. އެ މީހުން 10 ދުވަހަށް ކަރަންޓީނު ކުރުމަށާއި ފަސް ދުވަސް ވުމުން ޓެސްޓްކޮށް އަދި ކަރަންޓީނުގެ މުއްދަތު ހަމަވުމުން ވެސް ޓެސްޓްކުރާ ގޮތަށް މިހާރު އޮތީ ހަމަޖައްސައިފަ އެވެ.

ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީގައި ގާތްގަނޑަކަށް 120 މީހަކު ބައިވެރިވި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ ތެރެއިން 41 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހައި ރިސްކް މީހުން ވެސް ހިމެނޭކަން ފާހަގަކޮށް އެޗްޕީއޭ އިން އިލްތިމާސްކުރީ ހަފުލާތައް ބާއްވަން ހުއްދަ ދީފައި ވިޔަސް އެކަމުގައި އަމަލުކުރަން އެކުލަވާލާފައިވާ މިންގަނޑުތަކަށް ތަބާވުމަށެވެ.