ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ފަށާފައިވާއިރު، އެ ވެކްސިންގެ ސަބަބުން މީހަކަށް ސިއްހީ ބޮޑު ނުރައްކަލެއް މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއޯއީސީ) އިން މިރޭ ބުނެފި އެވެ.
07 ފެބުރުއަރީ 2021
ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ފަށާފައިވާއިރު، އެ ވެކްސިންގެ ސަބަބުން މީހަކަށް ސިއްހީ ބޮޑު ނުރައްކަލެއް މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއޯއީސީ) އިން މިރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ގިނަ ބަޔަކު ވެކްސިން ޖަހަން އަންނަ ކަމަށާއި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސިއްހީ ބޮޑު ސައިޑް އިފެކްޓެއް ކުރިމަތިވެގެން ފަރުވާ ދޭން ޖެހިފައިނުވާ ކަމަށެވެ. މިހާތަނަށް ދިމާވީ ހުން އައުމާއި ގައިގައި ރިއްސުން ފަދަ އާދައިގެ ކަންތައްތަކެއް ކަމަށާއި ވެކްސިން ޖަހާ މަރުކަޒުތަކުގައި އެ ކަންކަމަށް ފަރުވާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަދުމަދުން ފެންނަމުން އެބަދޭ. ދެން އަންނަ ޕްރެސްއެއްގައި އެ އަދަދުތަކުގެ ތަފްސީލު ގެނެސްދޭނަން. އެހެން ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ ވަރަށް ރިއެކްޝަނެއް އައި މީހަކު މިހާތަނަށް ފާހަގަ ކުރެވިފައެއް ނެތް،" އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާ ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ވެކްސިން ޖަހަން ރަޖިސްޓަރީ ނުކުރިޔަސް، ވެކްސިން ޖަހާ މަރުކަޒަށް ދިއުމުން އެ މީހުންގެ މައުލޫމާތު ނެގުމަށް ފަހު ވެކްސިން ޖަހަމުންދެ އެވެ. އެކަމަކު، ވީހާ ވެސް ގިނަ ބަޔަކު ދުރާލައި ވެކްސިން ޖަހަން ރަޖިސްޓަރީ ވާން އެދޭ ކަމަށާއި ވެކްސިން ޖަހަން ދާއިރު، އެކަމަށް ރަނގަޅަށް ތައްޔާރު ވުމަށް އެދިވަޑައިގަތެވެ. އެގޮތުން ކައިގެން ދިއުމާއި ފަސޭހައިން ވެކްސިން ޖެހޭ ފަދަ ހެދުމެއްގައި ތިބުމަށް ޑރ. ނަޒްލާ އެދިވަޑައިގަތެވެ. ވެކްސިން ޖެހިޔަސް، ދެ ޑޯޒު ފުރިހަމަ ވަންދެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެކްސިން ޖަހާ ވަގުތަކު ރައްކާތެރިކަމެއް ނުލިބޭނެ. ކޮންމެވެސް މުއްދަތެއް ނަގާނެ އޭގެ ސަބަބުން ދިފާއީ ބާރު ހަށިގަނޑުގައި އުފެދެން. ކުރިއަށް އޮތް ތަނުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މަސައްކަތް ކުރެއްވުން މުހިންމު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން 9،700 އަށް ވުރެ ގިނަ މީހުން ވަނީ ޖަހައިފަ އެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް އެ ވެކްސިން އަންނަނީ ޖަހަމުންނެވެ.
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ކޮވިޑް ރޭޓް 5 ޕަސެންޓަށްވުރެ މަތި ރަށްތައް ހާމަކުރަނީ
އޮމިކްރޯންގެ ރާޅު އެތައް ގުނައެއް ހަލުއިވެދާނެ
90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކުރުމުން ލުޔެއް
ފުރަތަމަ ޑޯޒަށްފަހު މާބަނޑުވެއްޖެނަމަ ދެން ދޭނީ ފައިޒާ
ވެކްސިންނުޖެހޭ އުމުރުގެ ކުދިން ކަރަންޓީނުވާކަށް ނުޖެހޭ
ކުޑަކުދިން ދަތުރުކުރާ އިރު ކަރަންޓީނު ވާން ޖެހޭނެ
މާލޭގައި ރެންޑަމް ސާމްޕަލް ނަގަން އަލުން ފަށައިފި