Roadha Mihaaru

އަލިފާނުގެ ހާދިސާއާ ބެހޭ ގޮތުން ބޭއްވި ކޮމިޓީ ސިއްރުކޮށްފި

ހުކުރުދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސިފައިންނާއި ފުލުހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

އަލިފާނުގެ ހާދިސާއާ ބެހޭ ބައްދަލުވުން ސިއްރުކޮށްފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

31 އޯގަސްޓް 2020

ހުކުރުދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސިފައިންނާއި ފުލުހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

އެ ބައްދަލުވުން ސިއްރުކުރީ ބައްދަލުވުމުގައި ދޭ ބައެއް މައުލޫމާތަކީ ބައެއް ފަރާތްތަކަށް ލިބެން ނޭދޭ މައުލޫމާތު ކަމަށް ފުލުހުން ބުނުމުންނެވެ. ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މައްސަލައިގެ ހައްސާސްކަމުން ކޮމިޓީ ސިއްރުކުރަން އެދިވަޑައިގަތުމަކީ ބަލައިގަނެވޭ ކަމެއް ކަމަށެވެ. އެހެންވެ މެމްބަރުން އިއުތިރާޒް ނުކުރާ ނަމަ ސިއްރު ކުރަން އޭނާ ނިންމެވި އެވެ.

ސިއްރު ކުރަން އެދެނީ "މައުލޫމާތުތަަކެއް ދާންވާ ހިސާބުތަކަށްް ނޫން އެހެން ހިސާބުތަކަށް ހިނގައިދާނެތީ" ކަމަށް ފުލުހުން ބުނީ ބެލެވޭ ގޮތުގައި އެ ހާދިސާއާ ގުޅިގެން ތުހުމަތުތަކެއް ކުރެވޭ ބަޔަކު ތިބުމެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި އުރީދޫ މޯލްޑިވްސް ހިންގާ "ގަދަގޭ މުހައްމަދުފުޅު ބިލްޑިންގު"ގައި ރޯވީ ކެފޭ "ތިއޯލޯ"ގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގިނައިރުތަކެއް ވުމުންނެވެ. ކެފޭގައި އަނދަމުން ދިޔަ އަލިފާންގަނޑު، 10 ބުރީގެ އިމާރާތުގައި ރޯވީ އެތަނުގެ ބޭރުގައި ޖަހާފައި ހުރި ކްލެޑިންގެ ސަބަބުން ކަމަށް، ބައެއް މީހުން ލަފާކުރެ އެވެ.

އެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކެފޭގައި ރޯކޮށްލުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ކެފޭ ޓިއޯލޯގެ ވެރިޔާ، ހަސަން ދީދީ ތުހުމަތު ކުރެ އެވެ. އޭނާ މިހާރުއަށް ކުރިން ބުނެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ކެފޭ ބަންދުކޮށް އެތެރެއިން ތަޅުލާފައި ހުއްޓަ އެވެ. އަލިފާން ރޯވިއިރު، ކެފޭ ވަނީ ބަންދުކޮށް، އެތެރެއިން ތަޅުލައިފަ އެވެ. އެތެރޭގައި އެ ވަގުތު ހުރީ ކޮންމެ ރެއަކު ވެސް ޑިއުޓީ އަށް ހުންނަ ބިދޭސީ މުވައްޒަފު އެކަންޏެވެ.