Roadha Mihaaru
އިތުރަށް ބޮންޑް ވިއްކަން މަޖިލީހުގެ ލަފަޔަކަށް އެދެފި

އިތުރަށް ބޮންޑް ވިއްކަން މަޖިލީހުގެ ލަފަޔަކަށް އެދެފި

31 އޯގަސްޓް 2020

ދައުލަތުގެ ބަޖެޓުގައި ބޮންޑު ވިއްކައިގެން އާމްދަނީ ހޯދަން ހިމަނާފައިވާ އަދަދަށް ވުރެ އިތުރަށް ބޮންޑު ވިއްކުމަށްޓަކައި އެކަމަށް މަޖިލީހުގެ ލަފައެއް ހޯދުމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު އެދިވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދައުލަތުގެ ބަޖެޓުގައި ބޮންޑު ވިއްކައިގެން އާމްދަނީ ހޯދަން ހިމަނާފައިވާ އަދަދަށް ވުރެ އިތުރަށް ބޮންޑު ވިއްކުމަށްޓަކައި އެކަމަށް މަޖިލީހުގެ ލަފައެއް ހޯދުމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު އެދިވަޑައިގެންފި އެވެ.

ދައުލަތުގެ ބަޖެޓުގައި 2018 އިން 2022 އަށް ބޭރުގެ ފަރާތްތަކަށް ބޮންޑު ވިއްކައިގެން ފައިނޭންސް ކުރާނެ ކަމަށް 4.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ރާއްޖޭގެ ފަރާތްތަކަށް ބޮންޑް ވިއްކައިގެން 930 މިލިއަން ރުފިޔާ ފައިނޭންސް ކުރާނެ ކަމަށް ހިމަނާފައިވެ އެވެ.

ގަވަރުނަރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ބޮންޑް ވިއްކާއިރު އަމަލު ކުރަނީ ބޮންޑް ވިއްކައިގެން ފައިނޭންސް ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ޖުމުލަ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދު ބަލައިގެން ކަމަށެވެ. ނަމަވެސް ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކުމަށް މިހާރު މަސައްކަތް ކުރާ ބޮންޑާ އެކު އެ އަދަދަށް ވުރެ ޖުމުލަ އަދަދު އިތުރު ވެދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓްގައި ހިމެނޭ ނެޓް ފައިނޭސިންގެ އަދަދު ހަ ބިލިއަން ރުފިޔާ އަށް އަރާއިރު އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން އަހަރުގެ ތެރޭގައި ދަރަނި ނެގިދާނެ ކަމަށާއި އެހެން ނަމަވެސް އަހަރު ނިމުމުގެ ކުރިން ނެޓް ފައިނޭންސް ހަ ބިލިއަނަށް ވުރެ ކުޑަ ކުރެވިއްޖެ ނަމަ ބަޖެޓާ އެއްގޮތަށް އަމަލު ކުރެވުނު ކަމަށް ބެލެވޭނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ފިނޭންސް މިނިސްޓްރީ އަށް ލަފާ ދީފައިވާ ކަމަށް ވެސް ގަވަރުނަރުގެ ސިޓީގައިވެ އެވެ.

އެހެންކަމުން ބޮންޑް ވިއްކައިގެން އާމްދަނީ ހޯދަން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ބޮންޑު ވިއްކަން މަޖިލީހުގެ ރުހުން ހޯދަން ޖެހޭތޯ ސާފު ކުރުމަށް ބޭނުންވާތީ އެކަމުގައި މަޖިލީހުން ދެކޭގޮތެއް އަންގަވައިދެއްވުމަށް ގަވަރުނަރު އެދިވަޑައިގެންފައިވެ އެވެ.

"އަދަދަށް ވުރެ އިތުރަށް ސަރުކާރަށް ސެކިއުރިޓީ އިޝޫ ކުރެއްވޭނަމަ ފާސް ކުރައްވާފައިވާ ބަޖެޓުގެ ތެރެއިން އެންމެ ގިނަ ވެގެން އިޝޫ ކުރެއްވޭނެ އަދަދެއް ވެސް އަންގަވައި ދެއްވުން އެދެން،" ސިޓީގައިވެ އެވެ.

ޓީ ނުވަތަ ޓްރެޝަރީ ބޮންޑަކީ ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ ދޭ ގޮތަށް އެހެން ގައުމަކުން ނަގާ ފައިސާ އެވެ.

އެ ސިޓީ މަޖިލީހުގައި އިއްވުވުމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލައިގައި މިއަދު ބަހުސް ކުރުމަށް ފަހު، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގަވަރުނަރަށް ހައްލެއް އަންގަވާނެ ކަމަށެވެ.

ބަހުސް ކުރައްވަމުން ކިނބިދޫ ދާއިރާގެ މެމްބަރު، އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް މާލީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތި ވެފައިވާއިރު އެކަންކަން ހައްލު ކުރަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.