Roadha Mihaaru
ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދޭން ފާސްކޮށްފި

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާ ދޭން ފާސްކޮށްފި

01 ޖުލައި 2024

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. ކޮމިޓީގައި އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި އެހެން ހުރިހާ މެންބަރުން ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، ގައުމުގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލައި އެކަމަށް ބޭނުންވާ ގާނޫނުތައް ތައާރަފުކޮށް އާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް މި ސަރުކާރުން ތައްޔާރު ވެފައިވާ ކަމަށެވެ.

ނަމަވެސް ގައުމުގެ އިގުތިސާދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރުން އުނދަގޫ ހިސާބަކަށް އިގުތިސާދު ނިކަމެތިވެގެން ދިޔައިރު މަރުކަޒީ ބޭންކު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެމްއެމްއޭގެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް ފާހަގަކުރެއްވި ބައެއް ކަންކަން:

1- ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާ ވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރު އަޅުއްވާފައި.

2- އެހެންވެ އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހުން.

3- ސަރުކާރުން މިހާރު ވެސް ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމު ކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ވެސް ނުކުރޭ.

4- ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކުގައި ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ފާހަގަ ކޮށްފައިވުން.

ނާޒިމް ވިދާޅުވީ އެމްއެމްއޭގެ ގާނޫނުން ބަޔާން ކޮށްފައިވާ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން ސަރުކާރަށް ލަފާ ދިނުމާއި މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަމަލީ ގޮތުން ގަވަރުނަރު އަލީ ހާޝިމް ހަރުދަނާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށެވެ.

ގައުމު އިގުތިސާދީ ބޮޑު ކާރިސާއަކުން ސަލާމަތް ކުރުމަށްޓަކައި އެމްއެމްއޭ އިން މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ އިރު، އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިއީ އެމްއެމްއޭގެ ފަރާތުން މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަންޖެހޭ ނަމަ އެކަން ކުރަން ޖެހޭ ވަގުތު ކަމަށް ވާތީ އެމްއެމްއޭ ހިންގުމަށް "ތާޒާ އާރޯ ލީޑާޝިޕެއް" ބޭނުންވާ ކަމަށް ފެންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ތިނެއްގައިވާ ގޮތުގެ މަތިން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމަށް ހުށަހަޅަން،" ނާޒިމްގެ ހުށަހެޅުއްވުމުގައި ވެ އެވެ.