Roadha Mihaaru
ރިސޯޓްމުވައްޒަފުންނަށް "ނައިޓަށްދެވޭ" އިސްލާހެއް

ރިސޯޓް މުވައްޒަފުންނަށް ރަށަށް ނިދަން ދެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި

31 އޯގަސްޓް 2020

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ނިމުމުން ރިސޯޓްް ދޫކޮށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ނިމުމުން ރިސޯޓްް ދޫކޮށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރަން ތައްޔާރުވެފައިވާ، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުންކުރުމުގެ ހުއްދަ ލިބޭނެ އެވެ. އެގޮތުން އެމީހުން ދަތުރުކުރަން ބޭނުންވާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނައެއް ވެސް ނުކުރެވޭނެ އެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގޮތަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ދުވަހުގެ މަސައްކަތް ނިމުނަސް ރިސޯޓުން ހުއްދަ ނުދޭހާ ހިނދަކު އަދި ފުރައިގެން ދެވޭނެ އިންތިޒާމް ރިސޯޓުން ހަމަ ޖައްސައިނުދޭ ނަމަ ރިސޯޓުގައި މުވައްޒަަފުން މަޑުކުރަން ޖެހުމެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ހިސާން ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް "ނައިޓަށް ދެވެން ޖެހޭނެ" ކަމަށާއި އެއީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެ ވައުދު މިއަދު ފުއްދާނެ ކަމަށެވެ. މަސައްކަތު ގަޑި ނިމުމުން މަސައްކަތްކުރާ ތަން ދޫކޮށްދިއުމުގެ ހައްގު ލިބޭ ގޮތަށް އިސްލާހު ހުށަހެޅުއްވީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވާ ވާހަކަ އަކީ ވަޒީފާ އަދާކުރާ މީހާ އޭނާ ވަޒީފާ އަދާކުރާކުރަން ކަނޑައަޅާފައި އޮންނަ ގަޑި ނިމުނީމާ ،އޭނާ ވަޒީފާ އަދާކުރާތަނުގައި މަޑުކުރާކަށް ވަޒީފާ ދޭ މީހާއަކަށް މަޖުބޫރެއް ނުކުރެވޭނޭ،" ހިސާން ވިދާޅުވި އެވެ.

މިއަދު އެ އިސްލާހު ފާސްކުރުމުން ރިސޯޓް މުވައްޒަފުންނަށް އެމީހުންގެ ރަށްރަށަށް ނިދަން ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އެ މީހުންގެ ރަށްރަށަށް އަނބިދަރިންގެ ގާތަށް ނިދަން ދެވޭ ގޮތް ހަދައި ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން ވި ވައުދެކެވެ. އެމްޑީޕީން ވައުދުވެފައި ވަނީ ރިސޯޓްތަކަށް މުވައްޒަފުން ނަގާއިރު އެތަންތަނާ ކައިރީގައި ހުންނަ ރަށްތަކުގެ މީހުންނަށް އިސްކަންދޭ އުސޫލެއް ވެސް ގާއިމްކުރުމަށެވެ.