Roadha Mihaaru
ހިސާންގެ ތާއީދާ ނުލައި ޖޭއެސްސީގެ ގާނޫނު ފާސްކޮށްފި

ހިސާންގެ ތާއީދާ ނުލައި ޖޭއެސްސީގެ ގާނޫނުގެ އިސްލާހު ފާސްކޮށްފި

17 އޮކްޓޯބަރ 2022

ފަނޑިޔާރުންގެ މައްސަލަތައް ބަލާ އިޖުރާއަތުތަކަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފަނޑިޔާރުންގެ މައްސަލަތައް ބަލާ އިޖުރާއަތުތަކަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

އެއީ އެ ކޮމިޝަނުން ބަލާ މައްސަލަތައް ނިންމާ މުއްދަތު އަވަސް ކުރުމަށް ހުށަހެޅި އިސްލާހެކެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ އިސްލާހު ދިރާސާކުރި ގޮތުގެ ރިޕޯޓު މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ފަނޑިޔާރުންގެ މައްސަލަތައް މިހާރު ބަލާއިރު، ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ ނިންމުންތަކާއި އެ ކޮމިޝަންގެ މެމްބަރުންގެ ނިންމުންތަކުގައި ފުށުއެރުންތަކެއް ހުރި ކަން ޖުޑިޝަރީ ކޮމިޓީ އަށް ފާހަގަވި ކަމަށެވެ.

އެހެންކަމުން ތަހުގީގު ކޮމިޓީން ހަމައެކަނި ހެކިތައް ހޯދައި އެކުލަވައިލުމަށް ފަހު، ވަކި ގޮތެއް ނުނިންމާ ކޮމިޝަނަށް ރިޕޯޓު ފޮނުވާ ގޮތަށް އެ ބިލުގައި މާއްދާއެއް އިތުރު ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދުނު ކަމަށާއި ނަމަވެސް އެ ކޮމިޝަނުން އެކަމަށް އިއުތިރާޒު ކުރި ކަމަށް އިންތި ވިދާޅުވި އެވެ.

ޖޭއެސްސީން އެދުނު ގޮތަށް ކޮމިޓީން ނިންމީ އެ އިޖުރާއަތުތައް ކުރިން ވެސް އޮންނަ ގޮތަށް ބޭއްވުމަށް ކަމަށް އިންތި ވިދާޅުވި އެވެ.

ނަމަވެސް ކޮމިޓީ ރިޕޯޓް ހުށަހެޅުމަށް ފަހު، ވޯޓަށް އެހުމުގެ ކުރިން އިންތި ވަނީ އެ ބިލުގައި އިތުރު މާއްދާއެއް އިތުރު ކުރުމަށް ހުށަހަޅުއްވައިފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން، ފަނޑިޔާރުންގެ މައްސަލަ ބަލާ ތަހުގީގު ކޮމިޓީން މައްސަލައެއް ނިންމުމަށް ފަހު، ޖޭއެސްސީގެ މެމްބަރުންނަށް ފޮނުވާ ރިޕޯޓުގެ ކޮޕީއެއް މައްސަލަ ރައްދުވާ ފަނޑިޔާރަށް ވެސް ފޮނުވަން ޖެހެ އެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.

އެ ހުށަހެޅުން ބިލުގައި ހިމެނުމާ މެދު މަޖިލީހުގައި ނެގި ވޯޓުގައި 53 މެމްބަރުން ތާއީދު ކުރެއްވި ނަމަވެސް ނަމަވެސް ޖޭއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ޖެއްސެވީ ރަތް ފާހަގަ އެވެ. މާނައަކީ އެ ގޮތަށް އިސްލާހު ފާސްކުރަން އޭނާ ދެކޮޅެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވޯޓަށް އެއްސެވީ އިންތިގެ އިސްލާހާއެކު މުޅި ބިލު ފާސް ކުރުމަށެވެ. އެ ގޮތަށް ފާސްކުރަން ވެސް 53 މެމްބަރުން ވޯޓު ދެއްވި އެވެ. އެކަމަކު، ހިސާން ވޯޓު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވި އެވެ.