Roadha Mihaaru
ތިނަދޫން އިތުރު ކޭހެއް، ކޮމިއުނިޓީ ސްޕްރެޑްގެ ބިރު

އިތުރު މީހަކު ޕޮޒިޓިވް ވުމާ އެކު ތިނަދޫގައި ކޮމިއުނިޓީ ސްޕެރެޑެއްގެ ބިރު ބޮޑުވެއްޖެ

01 ސެޕްޓެމްބަރ 2020

ގދ. ތިނަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރު ބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގދ. ތިނަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރު ބޮޑުވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަލީ އަމްޖަދު މިއަދު ވިދާޅުވީ ތިނަދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވި 68 އަހަރުގެ މީހާއާ ޑައިރެކްޓް ކޮންޓެކްޓުވި ބިދޭސީއެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ބިދޭސީ ފިރިހެނަކީ ވެސް ތިނަދު އާއި މާލެއާ ދެމެދު ދަތުރުކުރާ "ދެރަހަ" ބޯޓުގައި މަސައްކަތްކުރާ ފަޅުވެރިއެކެވެ.

އަމްޖަދު ވިދާޅުވިގޮތުގައި ފަހުން ޕޮޒިޓިވްވި މީހާ، މިދިޔަ ހޯމަ ދުވަހު ރަށަށް ދިޔަސް، ބޯޓުން ފައިބައި އާއްމުންނާ ބައްދަލުވެފައެއް ނުވެ އެވެ. އެހެންވެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްވި މީހެއް އަދި ނުފެނުނަސް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފުރަތަމަ ޕޮޒިޓިވްވި މީހާ މާލެ އަށް އައިސް ބޯޓުން ފައިބައި މާލޭގައި އުޅުމަށް ފަހު ތިނަދު އަށް ދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ. ހެލްތު ޕްރޮޓެކްޝަން އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އޭނާ ހޯމް ކަރަންޓީންގައި މަޑުކުރަން ޖެހުނަސް އެ މީހާ ކަރަންޓީނެއް ނުވެ އެވެ. އަދި އާންމުންގެ ތެރެއަށް ނުކުމެ މިސްކިތަށް ގޮސް ވެސް އުޅެފައިވެ އެވެ.

އޭނާއާ ޕޮޒިޓިވްވި 50 ވަރަކަށް މީހުން މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ. އޭގެ ތެރެއިން އަށް މީހެއްގެ ސާމްޕަލް ނަގައި ތިނަދޫ ހޮސްޕިޓަލުގައި ޓެސްޓުކޮށްފައި ވެ އެވެ. ފަހުން ޕޮޒިޓިވްވެފައި ވަނީ އޭގެ ތެރެއިން މީހެކެވެ.

ބިދޭސީ މީހާއާ އެކު ދެރަހަ ބޯޓުގައި ނުވަ މީހަކު މި ވަގުތު އެބަތިއްބެވެ. ޕޮޒިޓިވްވި މީހާ ވެސް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަމްޖަދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ފުރަތަމަ ޕޮޒިޓިވްވި މީހާއާ، ރަށުގެ ގިނަ ބަޔަކު ޑައިރެކްޓް ކޮންޓެކްޓުވެ އެ ކޭސްއާ ގުޅޭ އިތުރު މީހަކު ޕޮޒިޓިވްވުމުން، ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

"ފުރަތަމަ ޕޮޒިޓިވްވި މީހާ ކަރަންޓީން ވެފައެއް ނުވޭ. އެ ކޭސް ޕޮޒިޓިވްވީމަ، ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ޕޮސިބިލިޓީސް ހައިވުމުގެ ފުރުސަތު އެބަ އޮތް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޓާ ގުޅޭ ބަޔަކު ޕޮޒިޓިވްވުމުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެކަމަކު ބަލި އިތުރަށް ފެތުރުނަ ނުދީ ބަލި ކޮންޓްރޯލްކުރުމަށް ފަރުދީ ޒިންމާ އަދާކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

"އިތުރަށް ބަލި ފެތުރެގެން ދިއުމުގެ ފުރުސަތު އޮވެދާނެ. އެހެންވެ ފަރުދީ ޒިންމާ އަދާކުރުން މުހިއްމީ،" ސައީދު ވިދާޅުވި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މި ވަގުތު ކޮވިޑް ފެތުރެމުންދަނީ މާލެ ސަރަހައްދުގަ އެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ވެސް ބަލި ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 7،804 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 29 މީހަކު މަރުވެފައި ވެ އެވެ. އެ ބަލިން 5،152 މީހުން ރަނގަޅުވެފައިވެ އެވެ. އެހެންވެ މިވަގުތު ފަރުވާ ދެމުން އަންނަނީ 2،623 މީހުންނަށެވެ.