Roadha Mihaaru
ބަލިމީހުން ތަފާތުކުރުމަކީ ކޮވިޑަށްވުރެ ސީރިއަސް ބައްޔެއް

ވަކި ރަށެއްގެ މީހަކަށް ބައްޔެއް ޖެހުމުން ތަފާތުކުރުމަކީ ކޮވިޑަށް ވުރެ ސީރިއަސް ބައްޔެއް: ޑރ. ނަޒްލާ

31 އޯގަސްޓް 2020

ވަކި ރަށަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހުމުން ތަފާތުކުރުމަކީ ކޮވިޑް-19 އަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަކި ރަށަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހުމުން ތަފާތުކުރުމަކީ ކޮވިޑް-19 އަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުން ގއ. ވިލިނގިއްޔަށް ބަލި މީހަކު އެރުވިޔަ ނުދީ މިއަދު ހުރަސްއެޅި މައްސަލައާ ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާނު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ފަދަ ބަލިމަޑުކަމަކާ ކުރިމަތިލާއިރު ނަފްސާނީ ގޮތުން ވެސް އޭގެ އަސަރުކުރާ ކަމަށެވެ. އެއާއެކު، ލިބެންޖެހޭ ފަރުވާ ލަސްވެގެން ދިއުމަކީ ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ވިލިނގިލީގައި ހުންނަ ހާއްސަ ފެސިލިޓީގައި ފަރުވާ ދިނުމަށް ގެންދިޔަ އުމުރުން ދުވަސްވީ މީހާ ވިލިނގިއްޔަށް އެރުވުމާ ދެކޮޅަށް އެ ރަށު ބަޔަކު ނުކުމެ އިހްތިޖާޖް ކުރުމުން އެ މީހާ ތިނަދޫ އަށް އަނބުރާ ގެންގޮސް މިރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.

އޭނާއަށް ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ

އެޗްއީއޯސީގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ

"އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެން ފަދަ އިންސާނެއްގެ ވާހަކަ. ދިވެއްސެއްގެ ވާހަކަ. އަޅުގަނޑުމެން އެކަކު އަނެކަކަށް ނުދިން އެހީތެރިކަމެއް އެހެން ދެން ވަކި ކޮން ފަރާތަކުންތޯ ދޭނީ. މިގޮތަށް ވަކި ރަށަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހިފައި ހުރިއޭ ކިޔަފާއި ތަފާތުކުރުމާއި ތަފާތު ގޮތަކަށް އޭނައާ ދޭތެރޭ ދެކުމާއި، މިއީ ކޮވިޑް-19 އަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވަނީ، އެގޮތަށް އެކަން ނުކޮށް މީހުންނަށް އަޅާލައި އޯގާތެރިކަން އިސްކުރުމަށް އެދިވަޑައިގެންފަ އެވެ.

ކޮވިޑް-19 އަށް އަތޮޅު ތެރޭގައި ޚާއްސަ ފެސިލިޓީތައް ގާއިމް ކުރުމުގެ ގޮތުން ދެކުނުގައި ގާއިމްކުރި ދެ ފެސިލިޓީ ހުންނަނީ ވިލިނގިލީގެ އިތުރުން އައްޑޫ ސިޓީގަ އެވެ.

އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެން ފަދަ އިންސާނެއްގެ ވާހަކަ. ދިވެއްސެއްގެ ވާހަކަ. އަޅުގަނޑުމެން އެކަކު އަނެކަކަށް ނުދިން އެހީތެރިކަމެއް އެހެން ދެން ވަކި ކޮން ފަރާތަކުންތޯ ދޭނީ. މިގޮތަށް ވަކި ރަށަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔަށް ޖެހިފައި ހުރިއޭ ކިޔަފާއި ތަފާތުކުރުމާއި ތަފާތު ގޮތަކަށް އޭނައާ ދޭތެރޭ ދެކުމާއި، މިއީ ކޮވިޑް-19 އަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށް އަޅުގަނޑުމެން ދެކެނީ- ނަޒްލާ ވިދާޅުވި.

ނަޒްލާ ވިދާޅުވީ ވިލިނގިލިއްޔަށް ބަލި މީހާ އަރުވަން ދެކޮޅު ހަދައި ހުރަސްއެޅި މައްސަލަ ބަލައި ރިޕޯޓެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ބެލުމަށްފަހު ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.