Roadha Mihaaru
ކޮންޓްރޯލެއް ނެތް، ޑޮލަރުގެ އަގު މައްޗަށް!

ކޮންޓްރޯލެއް ނެތް، ޑޮލަރުގެ އަގު މައްޗަށް!

03 ސެޕްޓެމްބަރ 2020

މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޑޮލަރު ގަނެވިއްކާ ތަނަކަށް އިއްޔެ ވަތް އިރު ކަމުދާކަށް ނެތެވެ؛ އެތަނުގައި މިހާރު ވިއްކަން ހުރީ ތަރުކާރީ އެވެ! މާރުކުރާނެ ޑޮލަރެއް ނުލިބެ އެވެ. އާންމުކޮށް ޑޮލަރުގެ ބާޒާރު އޮތް ޗާނދަނީ މަގުގެ ގެސްޓް ޝޮޕް ސަރަހައްދުން ފެންނަނީ މާޔޫސްކަމެވެ. އެތަންތަނަށް ޑޮލަރު ނުލިބޭ އިރު ވަންނާނެ ޓޫރިސްޓަކު ނުވާތާ އެތައް މަހެއް ވެއްޖެ އެވެ. އެ ހާސްކަން އެންމެ ބޮޑަށް ކުރިމަތިވެފައި އޮތީ ވިޔަފާރިވެރިންނަށެވެ. އޭގެ ނުބައި އަސަރު މިހާރު ރައްޔިތުންގެ ޖީބާ ހަމައަށް ތިލަވެއްޖެ އެވެ. ކުރިން ބޭންކްތަކުން އެކި ބޭނުންތަކަށް ޑޮލަރު ދޫކުރިޔަސް، މިހާރު ދެވޭނެ ޑޮލަރެއް ބޭންކްތަކުގައި ވެސް ނެތެވެ!

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޑޮލަރު ގަނެވިއްކާ ތަނަކަށް އިއްޔެ ވަތް އިރު ކަމުދާކަށް ނެތެވެ؛ އެތަނުގައި މިހާރު ވިއްކަން ހުރީ ތަރުކާރީ އެވެ! މާރުކުރާނެ ޑޮލަރެއް ނުލިބެ އެވެ. އާންމުކޮށް ޑޮލަރުގެ ބާޒާރު އޮތް ޗާނދަނީ މަގުގެ ގެސްޓް ޝޮޕް ސަރަހައްދުން ފެންނަނީ މާޔޫސްކަމެވެ. އެތަންތަނަށް ޑޮލަރު ނުލިބޭ އިރު ވަންނާނެ ޓޫރިސްޓަކު ނުވާތާ އެތައް މަހެއް ވެއްޖެ އެވެ. އެ ހާސްކަން އެންމެ ބޮޑަށް ކުރިމަތިވެފައި އޮތީ ވިޔަފާރިވެރިންނަށެވެ. އޭގެ ނުބައި އަސަރު މިހާރު ރައްޔިތުންގެ ޖީބާ ހަމައަށް ތިލަވެއްޖެ އެވެ. ކުރިން ބޭންކްތަކުން އެކި ބޭނުންތަކަށް ޑޮލަރު ދޫކުރިޔަސް، މިހާރު ދެވޭނެ ޑޮލަރެއް ބޭންކްތަކުގައި ވެސް ނެތެވެ!

ރާއްޖޭގެ އިގްތިސާދު ޒަމާނުއްސުރެ ޓޫރިޒަމަށް ފައްކާ ކުރަމުން އައި ގޮތުން އޭގެ ހިތި ރަހަ މިހާރު ލާން ފަށައިފި އެވެ. ސަރުކާރުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެއްގެ އަރިހު، މިވަރުގެ މައްސަލަގަނޑަކުން ވިސްނުނު އެންމެ ބޮޑު ކަމަކީ ކޮބައިތޯ ދަންނަވާލުމުން ވެސް ވިދާޅުވީ، "އެންމެ އިގްތިސާދަކަށް ބަރޯސާވުން" ކަމަށެވެ.

ކޮވިޑްގެ މި ބަލިމަޑުކަމާ އެކު އިގްތިސާދު މުޅިންހެން ފުނޑާލިއިރު އެއިން އެންމެ ބޮޑަށް ގުޑުވާލީ ވެސް ވިޔަފާރިތަކެވެ. ޑޮލަރު ވަންނަ ހަމައެކަނި ދޮރާށި މުޅިން ބަންދުވުމާ އެކު، ދެން މިއޮތީ ހެދޭނެ ގޮތް ހުސްވެ އަމިއްލަ ބާރު ކެނޑިފަ އެވެ. ޑޮލަރުގެ ތާށިކަން އިންތިހާ އަށް ބޮޑުވެ، ޑޮލަރު ލިބުން ދަތިވީ އެވެ.

"ކުރިން ބޭންކުން އަޅުގަނޑުމެންނަށް އިސްވެ ގުޅައިފައި ބުނާނެ ޑޮލަރު އެބަ ހުއްޓޭ އަންނާށޭ. އެކަމަކު މިހާރު އަޅުގަނޑުމެން މިޖެހެނީ ޓީޓީތަކަށް ވެސް ޑޮލަރު ހޯދައިގެން ދާން،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ބާޒާރުމަތީގެ ފިހާރައެއްގެ އިސް ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

"ޑޮލަރުގެ ދަތިކަން އޮތް ވަރަކީ ކުރިން އެއް ޑޮލަރުގެ ނޫޓަކީ އަޅުގަނޑުމެން އެއްވެސް ހާލެއްގައި އަތްލާ އެއްޗެއް ނޫން. މިހާރު އެހެނެއް ނޫން. އެއް ޑޮލަރު ވެސް މި ގަންނަނީ ބޮޑު އަގުގައި."

ބައެއް ޕަބްލިކް ވައިބާ ގުރޫޕުތަކުގައި ޑޮލަރު ވިއްކާ ވާހަކަ ޖަހާފައި ހުރި އިރު އިއްޔެ އަގު އުޅުނީ 19.60ރ. ގަ އެވެ. އެއީ ދުވަހަކު ވެސް ޑޮލަރުގެ އަގު އަރައިގެން ދިޔަ ވަރެއް ނޫނެވެ. އިގްތިސާދީ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޑޮލަރުގެ ރޭޓް ފަހަކަށް އައިސް ހަފުތާއަކުން ހަފުތާއަކުން 30-50ލ. ގެ ރޭޓުން ދަނީ މައްޗަށެވެ. އެހެންވެ، މި ނިސްބަތުން ދާ ނަމަ، މަދު ހަފުތާތަކެއްގެ ތެރޭގައި ޑޮލަރެއްގެ އަގު 25ރ. އަށް އެރުމަކީ ވެސް ދުރު ކަމެއް ނޫނެވެ.

މުދަލުގެ އަގު 20-25 ޕަސެންޓް ބޮޑުވެއްޖެ

ޑޮލަރުގެ އަގުތައް އުފުލޭ ވަރަކަށް އަނެއްކޮޅުން އިންފްލޭޝަން ނުވަތަ މުދަލުގެ އަގު ވެސް ދަނީ މައްޗަށެވެ. ކަޅު ބާޒާރުން ނޫން ގޮތަކަށް މިހާރު ޑޮލަރު ހޯދެން ނެތް އިރު އެ ރޭޓުން މުދަލުގެ އަގު ހަދަން ވެސް ވިޔަފާރިވެރިން ވަނީ ފަށައިފަ އެވެ. އެހެންކަމުން މުދަލުގެ އަގު އުފުލެމުން އެދަނީ ކަޅު ބާޒާރުގައި މިހާރު ޑޮލަރުގެ އަގު ހުރި ނިސްބަތުގަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ވެސް ބޭރުން އެތެރެކުރާ މުދަލެވެ. ހާއްސަކޮށް ކާބޯތަކެއްޗެވެ.

ފިހާރައަކުން ބަޔަކު ވިޔަފާރި ކުރަނީ: މުދަލުގެ އަގު ވަނީ ބޮޑުވެފައި -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިހާރައަކުން ބަޔަކު ވިޔަފާރި ކުރަނީ: މުދަލުގެ އަގު ވަނީ ބޮޑުވެފައި -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ބާޒާރުމަތީގެ ބޮޑު ހޯލްސޭލް ފިހާރައަކުން ބުނި ގޮތުގައި، ވިޔަފާރީގައި އެ މީހުން މިހާރު ތަޖުރިބާ ކުރަމުން އެދަނީ އެކަމުގައި ހޭދަކުރި ސާޅީހަކަށް އަހަރުގެ ތެރޭގައި ނުކުރާ ވަރުގެ ހިތި ތަޖުރިބާތަކެކެވެ. ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ބޮޑު އަގުގައި ވެސް ޑޮލަރު ނުލިބިދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށް، އެ ފިހާރައިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ. އެހެންވެ، އާންމު ބާޒާރަށް ބޭނުންވާ ވަރަށް ގިނަ މުދަލުގެ އަގު ބޮޑުވެ، ބައެއް އާންމު ބާވަތްތައް ހުރީ ހުސްވެފަ އެވެ.

"އެހެން ނޫނީ އަޅުގަނޑުމެންގެ ދެތިން ކޮންޓެއިނަރު އަބަދުހެން ކަނޑުމަތީގައި އުޅޭނެ. އެކަމަކު މިހާރު މުދާ ނުގެނެވިގެން މި އުޅެނީ. އަނެއްކޮޅުން ކޮންމެ ދުވަހަކުހެން ޑޮލަރުގެ އަގު އެބަ ބަދަލުވޭ. އެއާ އެކު ބާޒާރުގައި ވެސް މުދަލުގެ އަގުތައް މައްޗަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

ގެއަކަށް އާންމުކޮށް ބޭނުންވާ 13 އައިޓަމެއް ހިމަނައިގެން "މިހާރު"ން ލިސްޓެއް ތައްޔާރުކޮށް މިދިޔަ މާޗް މަހާއި މިދިޔަ މަހުގެ އަގުތައް ބެލިއިރު ވެސް، ޖުމްލަކޮށް 23 ޕަސެންޓްގެ ބޮޑުވުމެއް އުޅެ އެވެ. ކޮފީ އާއި ހިކިކިރާއި މައިލޯ އާއި ދޮންނަ ކުނޑި އާއި ފާހާނާ ސާފުކުރަން ބޭނުންކުރާ ސާމާނާއި ކުކިން އޮއިލާއި ބައެއް ބާވަތުގެ ކޮސްމެޓިކްސް ހިމަނައިގެން ތައްޔާރުކުރި ލިސްޓަށް މާޗް މަހު 1،500ރ. އެރި އިރު މިހާރު ހަމަ އެ ލިސްޓަށް 2،000ރ. އަރަ އެވެ.

"ޑޮލަރުގެ ދަތިކަން ބޮޑުވާ ވަރަކަށް މުދަލުގެ އަގަށް އެ ބަދަލު އަންނާނެ. އެއީ ހުއްޓުވޭނެ ކަމެއް ނޫން،" ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

ޑޮލަރުގެ ނިޒާމު އޮތީ ބަދަލުކުރަން ޖެހިފައި

ރާއްޖޭގެ ޑޮލަރުގެ އާމްދަނީގެ 80 ޕަސެންޓަކީ ޓޫރިޒަމް އެވެ. އެ 80 ޕަސެންޓަކީ ވެސް ރާއްޖެ އަށް ވަންނަ ޑޮލަރުގެ ބައިކުޅަބަ އެވެ. އެހެންވެ، ސަރުކާރުން މިހާރު މަޝްވަރާ ކުރަމުން އަންނަނީ ޑޮލަރުގެ މުޅި މާކެޓް އެމްއެމްއޭގެ އަތްދަށަށް ގެންދެވޭނެ ގޮތެއް ހޯދޭތޯ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގަައި، ޑޮލަރުގެ މައްސަލަ ހައްލުކުރަން އެމްއެމްއޭގެ ގާނޫނަށް ގެނެވިދާނެ ބަދަލުތައް މިހާރު އަންނަނީ ޓާސްކް ފޯހުން ބަލަމުންނެވެ. އެކަމުގައި އެމްއެމްއޭއާ ވެސް ވަރަށް ކައިރިން ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށް، އަންގާރަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަމީރު އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ފިނޭންސް މިނިސްޓަރު އަމީރު އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ޑޮލަރުން މުސާރަ ދިނުމާއި ޑޮލަރުގެ މުއާމަލާތްތައް ހުއްޓުވުމާއި ރާއްޖޭގެ ބޭންކުތަކުގައި ނުޖެހޭ ގޮތަށް ޑޮލަރު ބޭރުވުން ހުއްޓުވުންް މިއީ އަޅުގަނޑުމެންގެ ވިސްނުމަކީ. އެކަން ކުރެވެން އޮތީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން،" އަމީރު ވިދާޅުވި އެވެ.

މިހާރު ރާއްޖެ އަށް ދިމާވެގެން އުޅޭ ޑޮލަރުގެ މައްސަލައިގައި އަމީރު ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކާ ހިލާފަށް ރާއްޖެ އަކީ އިމްޕޯޓް ހުއްޓާލެވެން އޮތް ގައުމެއް ނޫން ކަމަށެވެ. ދެން އޮތް ގޮތަކީ ހުރި ތަނަކުން ޑޮލަރު ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޮވިޑާ ގުޅިގެން ބައެއް ގައުމުތަކުން އެޅި ފިޔަވަޅެއް އިމްޕޯޓް ހުއްޓާލުމަކީ. ދެން އޭގެ މާނައަކީ އެ ގައުމަކުން އުފައްދާ ތަކެއްޗޭ ބޭނުންކުރަން ޖެހޭނީ. އެކަމަކު އަޅުގަނޑުމެންނަކަށް އެހެނެއް ވާކަށް ނެތް،" އަމީރު ވިދާޅުވި އެވެ.

އެހެންވެ ދެން އޮތް ހައްލު ހޯދަން ސަރުކާރުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ދަށުން މިހާތަނަށް ލިބިފައިވާ 222 މިލިއަން ޑޮލަރަކީ ކޮންމެވެސް ވަރެއްގެ ލުޔެކެވެ. އެހީ އާއި ލޯނުގެ ގޮތުގައި މި އަހަރުގެ ކުރިއަށް އޮތް ތަނުގައި 700 މިލިއަން ޑޮލަރު ލިބުމުން ޑޮލަރުގެ ރޭޓްތައް ތިރިވުމަކީ ގާތް ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ގަބޫލުކުރަން ޑޮލަރުގެ ބާޒާރު އުފުލިއްޖެ ކަން. އެކަމަކު އަޅުގަނޑުމެންގެ ރަސްމީ ރޭޓް ބަދަލު ކުރުމުގެ ވިސްނުމެއް އެއްގޮތަކަށް ވެސް އަދި ނެތް. އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންނަށް އަސްލު ރޭޓަށް ޑޮލަރު ތިރިކުރެވޭނެ ކަމަށް،" އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ޑޮލަރެއް ނެތް، ދެން އޮތީ މެނޭޖްކުރުން

ރާއްޖޭގެ ރިޒާވްގައި ހުރި 150 މިލިއަނެއްހާ ޑޮލަރު ނޫނީ ދައުލަތުގައި އިތުރު ޑޮލަރެއް ނެތެވެ. އެއީ އެންމެ ތިން މަހުގެ ކާބޯތަަކެއްޗަށް ވާ ވަރެވެ. ސަރުކާރުން މިހާރު މެނޭޖްކުރަމުން ގެންދަނީ ރިޒާވުން ނަގައިގެންނާއި ބޭރުގެ ލޯނާއި ހިލޭ އެހީން ލިބޭ އެއްޗަކުންނެވެ. ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި ތެލާއި އަދި ބްލެކް މާކެޓް ހިފަހައްޓަން އާންމުންނަށް ދޫކުރާ ޑޮލަރަކީ ވެސް ހަމަ ރިޒާވްގައި ހުރި އެއްޗެކެވެ.

އެމްއެމްއޭއިން ވެސް އެއްބަސްވާ ގޮތުގައި ޑޮލަރުގެ މައްސަލަ އޮތީ ނާޒުކުރު ހާލަތެއްގަ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ: ---މިހާރު ފައިލް ފޮޓޯ

މަރުކަޒީ ބޭންކް އެމްއެމްއޭ: ---މިހާރު ފައިލް ފޮޓޯ

"ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ އާމްދަނީ އިންތިހާ އަށް ދަށްވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ ސަޕްލައި މަދުވެ ޑޮލަރު ހޯދުމުގެ ދަތިތަކާ މިދަނީ ކުރިމަތިވަމުންނެވެ،" މަރުކަޒީ ބޭންކުން "މިހާރަ"ށް އަންގާރަ ދުވަހު ފޮނުވި ނޯޓެއްގައިވެ އެވެ.

އޭގައި ބުނެފައިވާ ގޮތުގައި، މި ހާލަތުގައި އެމްއެމްއޭއިން އަންނަނީ މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށާއި އާއްމުންނާއި ސަރުކާރު ކުންފުނިތަކުގެ ތަރައްގީގެ މަޝްރޫއުތަކަށާއި ބިޒްނަސް އޮޕަރޭޝަންގެ ބޭނުންތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ކޮވިޑް-19 އަށް ހާއްސަކޮށްގެން ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދޭ ބޭރު ފައިސާގެ އަދަދު ވަނީ މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި އިތުރު ވެސް ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ. އެކަމަކު އިތުރު ކުރި ޑޮލަރަކީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި ދޫކުރާ ޑޮލަރު ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.

މިއީ ކުރިމަތިވާނެ ހާލަތެއް، ދެން އޮތީ ކުރިއަށް ވިސްނުން

މުޅި ދުނިޔެ އަށް ފެތުރިފައި އޮތް ބޮޑު ބަލިމަޑުކަން ދަތުރުފަތުރާ ގުޅިފައި ވާތީ އޭގެ އެންމެ ނޭދެވޭ އަސަރު ކުރާނެ އެއް ގައުމަކީ ރާއްޖެ އެވެ. މާނައަކީ، ޓޫރިޒަމް މުޅިން ފުނޑިގެން ދިއުމެވެ.

"މިއީ އަޅުގަނޑުމެން އެކަންޏެއް ނޫން. މުޅި ދުނިޔެ އަށް ދިމާވެގެން އުޅޭ ހާލަތެއް. އެހެން ގައުމުތަކާ އަޅުގަނޑުމެންގެ ތަފާތަކަށް ވީ އަޅުގަނޑުމެންގެ މުޅި އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުން،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި އެވެ.

އެހެންވެ ރާއްޖޭގެ އިގްތިސާދު ޑައިވަސިފައި ކޮށް އެހެން ދޮރުތަކުން ޑޮލަރު ވަންނާނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ. ސަރުކާރުން ވިސްނާފައިވާ އެއް ކަމަކީ، ދުރު މުސްތަގުބަލަކަށް އަމާޒުކޮށް އިގްތިސާދީ ހަރަކާތްތަކެއް ހިންގުމާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފައިސާ ވަންނާނެ ގޮތްތަކެއް ހޯދުމެވެ. އެގޮތުން ވިސްނާފައިވާ އެއް ކަމަކީ ހއ. ދައްޕަރުގައި ސެކަންޑް ހޯމްތަކެއް ހެދުމެވެ. އެއީ ބޭރުގެ މީހުންނަށް ވިއްކާ ލަގްޒަރީ އެޕާޓްމެންޓްތަކެކެވެ.

"މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮށް އުޅޭ ކަމެއް. އަޅުގަނޑުމެންނަށް ފެންނާނެ އެއީ ދުނިޔޭގައި ކާމިޔާބު މޮޑެލެއްކަން،" އޭނާ ވިދާޅުވި އެވެ.

"މިހާރު އޭގެ މަޝްވަރާތައް ވެސް ކުރިއަށް އެބަދޭ ވަރަށް ބާރަށް."

ފައްޔާޒް "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: އަހުމަދު އައުޝަން

ފައްޔާޒް "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: އަހުމަދު އައުޝަން

އެކަމަކު ޓޫރިޒަމާ އެއްވަރުގެ ސިނާއަތެއް ރާއްޖޭގައި އަލުން ތަރައްގީ ކުރުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. ނަމަވެސް އިގްތިސާދީ ނަޒަރަކުން ބަލާއިރު، އޭނާ ވިދާޅުވީ، ކުރިއަށް ގެންދެވިދާނެ ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މަސްވެރިކަމަށް އިތުރަށް އިންވެސްޓް ކުރުމާއި ދަނޑުވެރިކަން ފުޅާކުރުން ހިމެނެ އެވެ. މީގެ އިތުރުން ކުރެވިދާނެ އެހެން ކަންކަން ވެސް ދެނެގަތުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ތާއީދުކުރައްވައި އަމީރު ވެސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ވެސް އެކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކާރިސާއިން ދެއްކި އެންމެ ބޮޑު ހަގީގަތަކީ އިގްތިސާދީ އާ މަސައްކަތްތަކެއް ފަށަން ޖެހިފައިވުމެވެ.

"މީގެ ބޭނުމަކީ ޓޫރިޒަމަށް ބަރޯސާވުން ދޫކޮށްލުމެއް ނޫން. ބަރޯސާވުން ކުޑަކުރުން. އެހެން ގޮތްގޮތުން ވެސް އާމްދަނީ ލިބޭނެ ގޮތްތައް އޮންނަން ޖެހޭނެ. މިކަންކަން ކުރިން ވެސް ކޮށްފައި އޮތް ނަމައޭ މިހާރު އަޅުގަނޑުމެން އެންމެންގެ ހިތަށް ވެސް އަރާނެ،" އޭނާ ވިދާޅުވި އެވެ.