Roadha Mihaaru
ކައުންސިލްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

26 އޮކްޓޯބަރ 2016

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޖެނުއަރީ 14ގައި ބާއްވާ އިންތިހާބުގައި ކައުންސިލަރު ކަމަށް ކުރިމަތިލާ މީހުންނާއި އިންތިހާބުގެ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބު ކަމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 އާ ހަމައަށް ފޯމު ހުށަހެޅޭނެ އެވެ.

އެކަމަކު ވީހާ ވެސް އަވަހަކަށް ފޯމު ހުށަހެޅުމަށް އީސީން އެދެ އެވެ.

އިންތިހާބާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އެ ކޮމިޝަނުގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ ކައުންސިލަރު ކަމަށް ކުރިމަތިލާން އެދޭ މީހުން ކުށުގެ ރެކޯޑާއި ދަރަނީގެ ފޯމު ހުށަހަޅަން ޖެހޭއިރު، އެ ފޯމުތައް ކްލިއާ ކުރަން ވަގުތު ނަގާނެ ކަމަށެވެ. އެގޮތުން އެ މީހަކަށް ކުރިމަތިލެވޭކަން ދެ ދުވަހުގެ ތެރޭގައި އަންގަން ޖެހޭއިރު، އެ ފުރުސަތު އޮންނާނީ ވީހާ ވެސް އަވަހަކަށް ކުރިމަތިލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހު ދުވަހު ކުރިމަތިލާން މަޑުކޮށްފި ނަމަ، ފޯމު ކްލިއާ ކުރުމުގައި މައްސަލައެއް ދިމާވެ، ނުވަތަ އަލުން ފުރިހަމަ ކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެ ފުރުސަތު ނުލިބިދާނެ،" އަމްޖަދުު ވިދާޅުވި އެވެ.

އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު، އޮންލައިންކޮށް ވެސް ފޯމުތައް ހުށަހެޅޭނެ އެވެ.

ކައުންސިލް ކަމަށް ކުރިމަތިލާން އެދޭ މީހާ އަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ އެވެ. އަދި ހައްދު ކަނޑައަޅާފައިވާ ކުށެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމާއިި އެ ހުކުމެއް ތަންފީޒުކުރި މީހެއް ނަމަ އޭގެ ފަހުން ތިން އަހަރު ވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު އިންތިހާބުކުރާނީ 653 ކައުންސިލަރުންނެވެ. އިލެކްޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިހާބުކުރާނެ ކަމަށެވެ. މި ފަހަރު އިންތިހާބު މޮނީޓާ ކުރުމަށް ރާއްޖޭން ބޭރުގެ ގިނަ އޮބްޒާވަރުންތަކެއް ރާއްޖެ އަންނާނެ ކަމަށް އީސީން ބުންޏެވެ. އޭގެ ތެރޭގައި އިންތިހާބުތަކާ ބެހޭ ދުނިޔޭގެ ޖަމިއްޔާ އާއި މި ސަރަހައްދުތަކުގެ އިންތިހާބާ ބެހޭ ޖަމިއްޔާ ވެސް ހިމެނެ އެވެ.

އިންތިހާބުގައި ރާއްޖޭގެ އެކި ރަށްރަށުގައި 400 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 132 ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބާޖަމާލުއްދީންގެ އިމާރާތުގަ އެވެ.