Roadha Mihaaru
ޖެނުއަރީ 6ގެ ކުރިން އިންތިޚާބު ބާއްވަން ގާނޫނެއް

ޖެނުއަރީ 6 ގެ ނިޔަލަށް އިންތިޚާބު ބާއްވަން ޚާއްސަ ގާނޫނެއް ހަދަނީ

29 މާޗް 2020

ކޮރޯނާވައިރަހުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އަންނަ ޖެނުއަރީ 6 ގެ ކުރިން ބާއްވަން ޚާއްސަ ގާނޫނެއް ހަދަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮރޯނާވައިރަހުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އަންނަ ޖެނުއަރީ 6 ގެ ކުރިން ބާއްވަން ޚާއްސަ ގާނޫނެއް ހަދަން ނިންމައިފި އެވެ.

ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 4 ގައި އިންތިޚާބު ބާއްވާށެވެ. އިންތިޚާބު ފަސްކުރީ އިލެކްޝަންސް ކޮމިޝަނުން ހުރިހާ ތައްޔާރީތަކެއް ވެފައި ވަނިކޮށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި "ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނު"ގެ ނަމުގައި ބިލެއް އެކުލަވާލައި މި ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޑްރާފްޓްކޮށްފައިވާ އެ ބިލުގެ ބޭނުމަކީ ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ނުބޭއްވި ލަސްވެފައިވާތީ ގާނޫނީ ފަރުވާއެއް ހޯދުމެވެ.

އެ ގާނޫނު ފަރުމާކުރަމުން އަންނަނީ، އިންތިޚާބު ނިމުމާއެކު އުވާލާ ގޮތަށެވެ. އަދި އިންތިޚާބު ފަސްކުރިއިރު އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެފައިވާ ހިސާބުން އަލުން ހުރިހާ ކަމެއް ފަށާ ގޮތަށެވެ. އެހެންކަމުން، އިންތިޚާބަށް އަލުން ހުޅުވާނުލައި ކުރިއަށް ގެންދާނީ މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ އެކުގަ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ.

އިންތިޚާބު ފަސްކުރުމުގެ ގާނޫނީ ބާރެއް އިލެކްޝަންސް ކޮމިޝަނަކަށް ލިބިގެނެއް ނުވެ އެވެ. އެހެންވެ އެ މައްސަލަ އަށް ހައްލެއް ހޯދަން އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ ގޮތުގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލި އެވެ. މީގެއިތުރުން އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވެސް ވާދަކުރި އެވެ.

އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.