Roadha Mihaaru
ހޫނު ރޯޅީގެ މަރުތަކަށް ފަހު އަލިފާން ރޯވުމުގެ ބިރު

ހޫނު ރޯޅީގެ މަރުތަކަށް ފަހު އަލިފާން ރޯވުމުގެ ބިރު

04 ޖުލައި 2021

ކެނެޑާގެ އެންމެ ހުޅަނގު ޕްރޮވިންސް ކަމަށްވާ ބްރިޓިސް ކޮލަމްބިއާ އަށް ކުރިމަތިވި އާދަޔާ ހިލާފު ހޫނުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވުމަށް ފަހު، އެ ޕްރޮވިންސްގެ ބޮޑު ބައެއްގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

ކެނެޑާގެ އެންމެ ހުޅަނގު ޕްރޮވިންސް ކަމަށްވާ ބްރިޓިސް ކޮލަމްބިއާ އަށް ކުރިމަތިވި އާދަޔާ ހިލާފު ހޫނުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވުމަށް ފަހު، އެ ޕްރޮވިންސްގެ ބޮޑު ބައެއްގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

އިއްޔެގެ ނިޔަލަށް ބްރިޓިސް ކޮލަމްބިއާގެ 176 ތަނެއްގައި އަލިފާން ރޯވެފައިވާ އިރު، އަލިފާން ރޯވެފައިވާ ސަރަހައްދުތަކާ ކައިރީގައި ދިރިއުޅޭ މީހުން، ރައްކާތެރި އެހެން ސަރަހައްދުތަކަށް ދިޔުމަށް ކެނެޑާ ސަރުކާރުން މިހާރު ވަނީ އަންގައިފަ އެވެ.

ކެނެޑާގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި މިއަހަރުގެ އެންމެ ހޫނު ދުވަސްތައް ނިމެން އަދިވެސް އިތުރު ތިން ހަފުތާގެ މުއްދަތެއް އޮތް އިރު، އިތުރު ސަރަހައްދުތަކުގައި އަލިފާން ރޯވުމުގެ ފުރުސަތު އެބަ އޮތެވެ. މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ވެސް، ކޮންމެވެސް ވަރަކަށް އަލިފާނުގެ ހާދިސާތައް ހިނގާފައި ވިޔަސް، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި، ރެކޯޑް މިންވަރަކަށް ހޫނުމިން މަތިވެފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައް މެދުވެރިވެދާނެ ގޮތެއް ލަފާކޮށްލަން ވެސް ނޭނގެ އެވެ.

ބޯ ޖަންގަލި ހެދިފައިވާ ސަރަހައްދުތަކާއި އެ ނޫން ބައެއް ސަރަހައްދުތަކުގައި އަލިފާން ރޯވެފައިވަނީ، ގަދަ ހޫނުގެ ތެރޭގައި އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ހޮނު އެޅުމުންނެވެ. ކެނެޑާގެ ރަސްމީ ޓީވީ ޗެނަލުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް ބްރިޓިސް ކޮލަމްބިއާގެ އެކި ސަރަހައްދުތަކަށް، ހޮނު އެޅުމުގެ 12000 އަށް ވުރެ ހާދިސާ ރެކޯޑް ކުރެވިފައިވެ އެވެ.

ކެނެޑާގެ ތާރީހުގައި ވެސް ހޫނުމިން އެންމެ މައްޗަށް ދިޔައީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. ޖޫން މަހުގެ 29 ވަނަ ދުވަހު، ބްރިޓިޝް ކޮލަމްބިއާގައި ހޫނުމިން ހުރީ 49.5 ޑިގްރީ ސެލްސިއަސް (121 ފެރަންހައިޓް)ގަ އެވެ. ހޫނު ގަދަވުމުގެ ސަބަބުން، ޖޫން މަހުގެ 25 އިން 30 އާ ދެމެދު، ބްރިޓިޝް ކޮލަމްބިއާ އިން އެކަނިވެސް، 486 މީހުން މަރުވިކަމަށް ވަނީ ނުރަސްމީ ހިސާބުތަކުން ދައްކަ އެވެ.