Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

06 ސެޕްޓެމްބަރ 2020

"އަ ތާޒްޑޭ" ކިޔާ ފިލްމަކަށް ބަތަލާ ޔާމީ ގޯތަމް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"އަ ތާޒްޑޭ" ކިޔާ ފިލްމަކަށް ބަތަލާ ޔާމީ ގޯތަމް ސޮއިކޮށްފި އެވެ.

މި ފިލްމަކީ އޭނާ މިދިޔަ އަހަރު މުހިއްމު ރޯލެއް ކުޅުނު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ބެހްޒާދު ކަމްބާޓާ ޑައިރެކްޓްކުރާ "އަ ތާޒްޑޭ" ގައި ޔާމީ ފެނިގެންދާނީ ޕްލޭސްކޫލް ޓީޗަރެއްގެ ރޯލުންނެވެ. ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ އިރު، ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ. އެކަމަކު ސިނަމާތަކުގެ ބަދަލުގައި ފިލްމު ޕްރިމިއާކުރާނީ ޑިޖިޓަލްކޮށެވެ.

"އަ ތާޒްޑޭ" އަށް ސޮއިކުރި އިރު، ޔާމީ މިދިޔަ ހަފުތާގައި ވަނީ ސައިފް އަލީ ޚާނާއި އަރުޖުން ކަޕޫރާއި ޖެކްލިން ފެނަންޑޭޒާ އެކު ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" އަށް ވެސް ސޮއިކޮށްފަ އެވެ.

ޔާމީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގިނީ ވެޑްސް ސަނީ" ހިމެނެ އެވެ.

"ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން މިއަދު

އިންޑިއާގެ ލޮކްޑައުނާ އެކު ޝޫޓިން ހުއްޓުމަކަށް އައިސްފައި އޮތް އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން އަލުން މިއަދު ފަށަން ނިންމައިފި އެވެ.

ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައި އިރު ބާކީ 40 ޕަސެންޓް ޝޫޓިން އެބައޮތެވެ. "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން އަލުން ފަށައި ގަންނާނީ މުމްބާއީންނެވެ. އެކަމަށް ހާއްސަކޮށްގެން ސެ ސެޓެއް ވެސް މުމްބާއީގެ ދެ ސަރަހައްދެއްގައި ވަނީ ހަދައިފަ އެވެ. އާމިރު މިދިޔަ މަހުގެ ތެރޭގައި ވަނީ ފިލްމުގެ މަންޒަރުތަކެއް ނަގަން ލޮކޭޝަން ހޯދަން ތުރުކީ އަށް ވެސް ދަތުރެއްކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކާސްޓާއި ކްރޫ ވަރަށް އަވަހަށް އެ ގައުމަށް ވެސް ދާނެ އެވެ.

"ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން އަލުން ފަށާ އިރު، ފިލްމުގެ ބަތަލާ ކަރީނާ ކަޕޫރް ދެވަނަ ދަރިއަކަށް ބަލިވެއިނުމާ ގުޅިގެން އޭނާ ވަނީ ބްރޭކެއް ނަގާތީީ ފިލްމުގެ ޝޫޓިން އަވަސްކޮށްދޭން ވެސް އެދިފަ އެވެ.

އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ މި ފިލްމަކީ 1994 ގެ "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. "ލާލް ސިންގް ޗައްޑާ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ.

ޕްރޮޑިއުސާސް ގިލްޑުން ބަޔާނެއް

ޖޫން މަހު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި ފަހުން ބޮލީވުޑާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ގިނަ ވާހަކަތަކެއް މީޑިއާތަކުގައި ފެތެރުމުންދާތީ ފިލްމު އިންޑަސްޓްރީގެ ގަދަރާއި އަގު ވެއްޓޭ ފަދަ ވާހާކަތައް ނުފެތުރުމަށް ގޮވާލައި ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާ އިން ބަޔާނެއް ނެރެފި އެވެ.

އެތަނުން ނެރުނު ދިގު ބަޔާނުގައި ބުނީ ފާއިތުވި މަސްތަކުގައި ފިލްމީ ދާއިރާއާ ބެހޭ ގޮތުން ވަރަށް ކަންބޮޑުވާން ޖެހޭ ކަހަލަ ގިނަ ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށެވެ.

ނަމަވެސް މި އެ އިންޑަސްޓްރީ އަކީ އަބަދު ވެސް އެތައް ބަޔަކަށް ފުރުސަތު ލިބެމުން އަންނަ އަދި ފުރުސަތު ހޯދަމުން އަންނަ އިންޑަސްޓްރީއެއް ކަމަށް ބުންޏެވެ. އަދި އެ އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްފައިވާ ކޮންމެ މީހަކީ އެތައް ދަތިތަކަކާއި ހުރަސްތަކަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދާފައިވާ މީހުން ކަމަށާއި ކޮންމެ މީހަކު ވެސް އަޒުމަކާ އެކު ބުރަކޮށް މަސައްކަތްކޮށްފި ނަމަ ކާމިޔާބު މީހަކަށް ވެވޭނެ ކަމަށް ބުންޏެވެ.

އެހެންވެ ބޮލީވުޑްގެ ތަސައްވުރު ހަޑިވާ ގޮތަށް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ޝާދުގެ ފިލްމުން ދިލްޖީތު ވަކިވެއްޖެ

"ބަލިވެއިންނަ" ފިރިހެނެއްގެ ވާހަކަ ކިޔައިދޭން ޑައިރެކްޓަރު ޝާދު އަލީ ހަދަން ނިންމި ފިލްމަށް ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް އެއްބަސްވުމަށް ފަހު، އެ ފިލްމު އޭނާ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އިންޑިއާ ލޮކްޑައުންއަކަށް ދިއުމުގެ ކުރިން އެމެރިކާ އަށް ދިޔަ ގޮތަށް ސެން ފްރެންސިސްކޯގައި ހުރި ދިލްޖީތު ފިލްމުގެ ޝޫޓިން އަށް އިންޑިއާ އަށް އެނބުރި އަންނަން ތައްޔާރުވަމުން ދަނިކޮށް، އޭނާ ވަނީ އެ ފިލްމު ނުކުޅެން ނިންމައިފަ އެވެ. އަދި އޭގެ ފަހުން ޝާދުގެ ކޯލްތަކަށް ދިލްޖީތު ޖަވާބު ވެސް ނުދޭ ކަމަށް ބުންޏެވެ. ޝާދު އެންމެ ފަހުން ގެނެސްދިން ފިލްމު "ސޫރްމާ" ގެ ބަތަލަކީ ވެސް ދިލްޖީތެވެ.

ހަންގާމާ އިން ބުނިގޮތުގައި "ގުޑް ނިއުޒް" ގެ ރޯލެއް ކުޅުނު ދިލްޖީތު ޝާދުގެ ފިލްމު ދޫކޮށްލަން ނިންމީ އޭގެ ކޮންސެޕްޓާ ދޭތެރޭ އުފެދުނު ނުތަނަވަަސް ހިޔާލުތަކަކާ ގުޅިގެންނެވެ. އެ ފިލްމުގެ ނަމަކީ "ޕާޕާ ޖީ ޕެޓް ސޭ ހޭ" ކަމަށްވެ އެވެ.

ޝާދު ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ސާތިޔާ" އާއި "ބަންޓީ އޯރް ބަބްލީ" އަދި "ކިލް ދިލް" ހިމެނެ އެވެ.