Roadha Mihaaru
ސަފީރުކަމަށް ޝަހީބު އައްޔަންކުރަން ރުހުން ދީފި

ސިންގަޕޫރުގެ ސަފީރު ކަމަށް ޝަހީބު އައްޔަންކުރަން ރުހުން ދީފި

06 ސެޕްޓެމްބަރ 2020

ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް، ހ. ޖެހޭވައި އިބްރާހީމް ޝަހީބު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ރުހުންދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް، ހ. ޖެހޭވައި އިބްރާހީމް ޝަހީބު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ރުހުންދީފި އެވެ.

ޝަހީބް ސަފީރު ކަމަށް އައްޔަން ކުރަން ރުހުންދޭން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ 58 މެމްބަރެއްގެ ވޯޓުންނެވެ. ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ޝަހީބް އައްޔަން ކުރަން ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވީ މިދިޔަ މަހު އެވެ. ކޮމިޓީން އެ މައްސަލަ ދިރާސާކޮށް އެކުލަވައިލި ރިޕޯޓް ފާސްކުރީ މިއަދުގެ ޖަލްސާގަ އެވެ.

ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ހުށަހަޅާފައިވާ ޝަހީބުގެ ސީވީގައިވާ ގޮތުން ޝަހީބަކީ 1994 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފޮރިން ސާވިސްގެ އެކި މަގާމުތައް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އެ ދާއިރާއާ ގުޅިވަޑައިގެންނެވީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީގެ ގޮތުގަ އެވެ.

ސިންގަޕޫރުގެ ސަފީރު ކަމުގައި އެންމެ ފަހުން ހުންނެވީ ޑރ. އަބްދުﷲ މައުސޫމެވެ. މައުސޫމް މިހާރު ވަނީ ޓޫރިޒަމް މިނިސްޓަރަކަށް ހަމަޖައްސައިފަ އެވެ.