Roadha Mihaaru
ސަރުކާރުގެ ބަޔާނަށް އީވާ ފާޑުވިދާޅުވެއްޖެ

ވެންޓިލޭޓަރުގެ މައްސަލަ: ސަރުކާރުގެ ބަޔާނަށް އީވާ ފާޑުވިދާޅުވެއްޖެ

29 މާޗް 2021

ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ ކުންފުންޏަކަށް ފައިސާ ދިން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި ސަރުކާރަށް އަމާޒުވި ފާޑުކިއުންތަކަަށް ރައްދުދީ ހޮނިހިރު ދުވަހު ނެރުނު ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ ކުންފުންޏަކަށް ފައިސާ ދިން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި ސަރުކާރަށް އަމާޒުވި ފާޑުކިއުންތަކަަށް ރައްދުދީ ހޮނިހިރު ދުވަހު ނެރުނު ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު މައްސަލަ އަލުން ބަލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު މަޖިލީހަށް ހުށަޙެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އީވާ ވިދާޅުވީ ތިން ބާރު އޮތީ ވަކިވެފައޭ ކިޔާފައި އެ މައްސަލަ ދޫކޮށްލެވޭކަށް ނޯންނާނެ ކަމަށާއި އެ "ވައްކަަމަށް" އިންސާފު ހޯދަން ބޭނުންވާ ވާހަކަ ދައުލަތުގެ ވެރިންނަަށް ބުނެވޭނެ ކަމަށެވެ. އެ މައްސަލަ ރަނގަޅަށް ސާފުވަންދެން ބަލަން ބޭނުންވާ ކަމަށް ބުނުމަކީ މުއައްސަސާތަކަށް ބާރު ފޯރުވުން ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވުމުން، ރައީސް އޮފީހުން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ މުސްތަގިއްލުކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށެެވެ. އެ މިނިވަންކަން ދީފައި އެ ވަނީ ނުފޫޒެއް ނެތި ދައުވާކުރަން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެފަދަ އުސޫލުތައް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.

އީވާ މިއަދު ވިދާޅުވީ ވައްކަމަށް އިންސާފު ހޯދަން ބޭނުންވާ ކަމަށް ދައުލަތުގެ ވެރިން ބުނުމަކީ މުއަައްސަސާތަކަށް ބާރުފޯރުވުން ނޫން ކަމަށެވެ.

"އެއީ މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވައިލުމެއް ނޫން. އެއީ ދައުލަތުގެ ވެރީން، ރައްޔިތުން ވެރިކަން ކުރާން ހަވާލުކުރި މީހުން، ދައުލަތާއި ގައުމާ ދިވެހި ރައްޔިތުންް ގެންދާން ބޭނުންވާ ތެދުވެރި މިސްރާބު ސާފުކޮށްދިިނުން އެއީ. އެކަން ރައްޔިތުންނަށް ވެސް ސާފުވާން ޖެހޭނެ. ރައްޔިތުންގެ މަޖިލީހަށް ވެސް ސާފުވާން ޖެހޭނެ، މުއްސަސާތަކަށް ވެސް [ސާފު]ވާން ޖެހޭނެ. އެއީ އެއްވެސް ހާލަތެއްގައި މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވައިލުމެއް ނޫން،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ ވައްކަން ރަނގަޅަށް ނުބަލައިފިއްޔާ، އެއްވެސް ވައްކަމެއް ދެން ބަލާނެކަމުގެ އިތުބާރު ރައްޔިތުންނަށް ދެން ނޯންނާނެ ކަަމަށެެވެ. އޭނާ ވިދާޅުވީ އެ އިިތުބާރު އޭރުން ނޯންނާނީ ހަމައެކަނި ރައްޔިތުންނަށްް ނޫން ކަމަށާއި ޚުދު އޭނާއަށް ވެސް އެ އިތުބާރު ދެން ނޯންނާނެ ކަމަށެވެ.

ތިން ބާރު ވަކިވެފައޭ، ކޯލިޝަން ސަރުކާރެކޭ ކިޔައިގެން ހުއްޖަތެއް ނުދެެއްކޭނެ ކަމަށާއި 2018 ވަނަ އަަހަރު ރައްޔިތުން އިތުބާރު ދިނީ އެމްޑީޕީ އަށް ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލަ އަލުން ބަލަން ގޮވާލައި އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، އެއްވެސް މީހަކަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވާފައި ވަނީ އެހެން ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ވެންޓިލޭޓަރު ގެނައުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށް، އެ ކުންފުންޏަށް 31 މިލިއަން ރުފިޔާ ދިނީ ފައިނޭންޝަލް ގެރެންޓީ ނުހޯދައި ކަމަށް ވާތީ އެކަމުގައި ފިނޭންސް މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވި އެވެ.