Roadha Mihaaru
މަނަފަރުން 60 އަށް ވުރެ ގިނަ ދިވެހިން ވަކިކޮށްފި

މަނަފަރުން 60 އަށް ވުރެ ގިނަ ދިވެހިން ވަޒީފާ އިން ވަކިކޮށްފި

08 ސެޕްޓެމްބަރ 2020

ހއ. އަތޮޅުގައި ހިންގަމުން އަންނަ ޖޭއޭ މަނަފަރު ރިސޯޓުގައި މަސައްކަތް ކުރާ 68 ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހއ. އަތޮޅުގައި ހިންގަމުން އަންނަ ޖޭއޭ މަނަފަރު ރިސޯޓުގައި މަސައްކަތް ކުރާ 68 ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

މީގެ ތެރޭގައި ހއ. އަތޮޅުގެ ދިއްދު އާއި އިހަވަންދު އާއި ހޯރަފުށީގެ ގިނަ މުވައްޒަފުން ހިމެނޭއިރު އެންމެ ގިނައިން ވަކިކޮށްފައިވަނީ ހޯރަފުށީގެ މުވައްޒަފުންނެވެ. އެގޮތުން އެ ރަށުގެ 24 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މަނަފަރުގައި މަސައްކަތް ކުރާތާ 10 އަހަރަށްފަހު ވަޒީފާއިން ވަކި ކުރި މުވައްޒަފަކު "މިހާރު" އަށް ބުނިގޮތުގައި އެ ރިސޯޓުން ވަނީ ދިވެހިންގެ އިތުރުން ބައެއް ބިދޭސީން ވެސް ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ބަދަލުގައި ވެރިންގެ ފަރާތުން ކޮންމެ މުވައްޒަފަކަށް 400 ޑޮލަރު (ގާތްގަނޑަކަށް 6،168ރ.) އާއި ދެ މަހުގެ މުސާރައިގެ އިތުރުން ޗުއްޓީ ނުނަގާ ތިބި މުވައްޒަފުންނަށް ޗުއްޓީގެ ފައިސާ ދޭން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ހޯރަފުށީގެ ގިނަ އަދަދެއްގެ މުވައްޒަފުން އެއްފަހަރާ ވަކިކުރުުމުގެ ސަބަބުން އެ ރަށުގެ ގިނަ އާއިލާތަކަކަށް ވަނީ އަސަރުކޮށްފަ އެވެ. އެހެންކަމުން އެކަން ހައްލު ކުރުމަށް މިވަގުތު އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއާ ވަޒީފާއިން ވަކިކުރި މީހުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

"ސަލީމް ވިދާޅުވި މިނިސްޓްރީ އާއި މަނަފަރުގެ މެނޭޖްމަންޓާ ވާހަކަދައްކައިގެން ވެސް މިކަން ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ރިސޯޓު ހަމަޔަކަށް އެޅެންދެން ނޯޕޭއަށް ފޮނުވިޔަސް. އެކަމަކު މިހާރު ކަންތައް މި ކުރީ ވަރަށް ހިތްދަތި ގޮތަކަށް." މަނަފަރުގެ ވަޒީފާއިން ކަނޑާލި މުވައްޒަފަކު ބުންޏެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއް--

މަނަފަރު ރިސޯޓުން މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކި ކުރަން ނިންމާފައިވަނީ ކޮވިޑް-19އާ ގުޅިގެން އާމްދަނީ އަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެންނެވެ. އަދި އަލުން ރިސޯޓު ހުޅުވާއިރު އެހާ ގިނަ މުވައްޒަފުންނާ އެކު މަސައްކަތް ކުރުމުގެ ގާބިލުކަމެއް މިވަގުތު ރިސޯޓުގައި ނެތް ކަމަށް ވެސް އެ ރިސޯޓުން ވަނީ ބުނެފަ އެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ވަޒީފާއިން ވަކި ކުރި މީހުންގެ ތެރެއިން އެ ރަށު މީހުންނަށް އިންކަމް ސަޕޯޓު ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މަނަފަރުން އެއްފަހަރާ އެ ރަށުގެ ގިނަ ބަޔަކު ކަނޑާލުމަކީ ރަށަށް ލިބުނު ވަަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ރިސޯޓުގައި މަސައްކަތް ކުރޭ އެހެން ރަށްރަށުގެ މުވައްޒަފުން ވެސް. އެކަމަކު މިރަށުގެ ގިނަ އަދަދެއްގެ ކުދިން ކަނޑާލުމަކީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން. މި ކަންތައްތައް ބަލައި އެ ކުދިންނަށް ހައްގު ހޯދައިދޭން އަޅުގަނޑުމެންނަށް ކުރެވުނުހާ މަސައްކަތެއް ކުރަން މިތިބީ." ވަހީދު ވިދާޅުވި އެވެ.

މަނަފަރު ރިސޯޓުގެ ވިލާއެެއް -- ފައިލް ފޮޓޯ

މަނަފަރު ރިސޯޓުގެ ވިލާއެެއް -- ފައިލް ފޮޓޯ

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވެ ގިނަ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. މީގެ ސަބަބުން އެކި ރިސޯޓުތަކުން އަންނަނީ މުވައްޒަފުން ވަކިކޮށް، އެއްބައި މުވައްޒަފުން ނޯޕޭއަށް ވެސް ފޮނުވަމުންނެވެ.

މަނަފަރު ރިސޯޓު މިވަގުތު އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އޮޕަރޭޝަންތައް ފަށަން އެ ރިސޯޓުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ރިސޯޓުން ވަނީ ކޮވިޑް-19އާ ގުޅިގެން މުވައްޒަފުންގެ މުސާރަ 25 ޕަސެންޓަށް ކުޑަ ވެސް ކޮށްފަ އެވެ.

ޖޭއޭ މަނަފަރު ރިސޯޓަކީ ދުބާއީގެ ޖޭއޭ ރިސޯޓްސް އެންޑް ހޮޓެލްސް އިން ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓެކެވެ.