Roadha Mihaaru
ވިގޫރްގައި މުލާން ޝޫޓްކުރުމުން ޑިޒްނީ ހޫނުފެނަށް

ޗައިނާގައި މުސްލިމުންނަށް އަނިޔާވެރިވާ ވިގޫރްގައި "މުލާން" ޝޫޓްކުރިކަން އެނގި ޑިޒްނީ ހޫނުފެނަށް

10 ސެޕްޓެމްބަރ 2020

ކޮވިޑް-19އާ ހެދި ސިނަމާތަކުގައި ނޭޅުވި ދިގުލައިގެން ދާން ފެށުމުން މިދިޔަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް އިން ޑިޖިޓަލްކޮށް ޕްރިމިއާކުރި ޑިޒްނީގެ އާ ފިލްމު "މުލާން" އާ އެކު އެ ސްޓޫޑިއޯ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19އާ ހެދި ސިނަމާތަކުގައި ނޭޅުވި ދިގުލައިގެން ދާން ފެށުމުން މިދިޔަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް އިން ޑިޖިޓަލްކޮށް ޕްރިމިއާކުރި ޑިޒްނީގެ އާ ފިލްމު "މުލާން" އާ އެކު އެ ސްޓޫޑިއޯ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މައްސަލައަކަށްވީ ފިލްމުގެ ނިންމައިލުމަށް ފަހު ގެނެސްދޭ ކްރެޑިޓްގެ ތެރޭގައި ޗައިނާގެ ވިގޫރް މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާ ހުޅަނގު ޗައިނާގެ ޝިންޖިއަންގައި "މުލާން"ގެ މަންޒަރުތަކެއް ނަގާފައި ހުރިކަން އެނގުމެވެ. އެކަން އެނގުނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވިގޫރް އޮޓޮނަމަސް ރީޖަން ކޮމިޓީ އާއި ބިއުރޯ އޮފް ޕަބްލިކް ސެކިއުރިޓީ އަށް ޝުކުރުއަދާކޮށްފައި އޮތުމުންނެވެ. ކްރެޑިޓްގެ ސްކްރީންޝޮޓްތަކެއް ވެސް ބައެެއް މީހުން ސޯޝަލް މީޑިއާގައި ދައުރުކޮށް، "މުލާން" ބޮއިކޮޓްކުރަން ގޮވާލާފައިވެ އެވެ.

ޝިންޖިއާންގެ ޖަލުތަކުގައި ވީގޫރް ދަރިކޮޅުގެ މިލިއަނެއްހާ މުސްލިމުން ހައްޔަރުކޮށްގެން ގެންގުޅޭ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ މީހުންނާ ދޭތެރޭ ވަރަށް އަނިޔާވެރިކޮށް ދަނީ އަމަލުކުރަމުންނެވެ. މި މައްސަލާގައި ޗައިނާ އަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަރަށް ގިނަ ޖަމާއަތްތަކުން ވަނީ ޑިޒްނީން "މުލާން" ގެ މަންޒަރުތަކެއް ޝިންޖިއާންގްގައި ނެގުމަކީ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމަށް ބުނެފަ އެވެ. އަދި އެކަމާ ގުޅުވައިގެން ޗައިނާ އަށް ޝުކުރު އަދާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫން ކަމަށް ވެސް ބުންޏެވެ.

ޗައިނާގެ ވާހަކައެއް ކިޔައިދޭ "މުލާން" ގެ މަންޒަރުތަކެއް ޒިއަންޖިއާންގްގައި ނަގާފައިވާކަން ކަށަވަރުވި ނަމަވެސް އެއީ ފިލްމުގެ ކިތައް ޕަސަންޓް ކަމެއް ނޭނގެ އެވެ. އަދި އެ ފިލްމުގެ ޝޫޓިން އަށް ޑިޒްނީން ލޮކޭޝަން ހޯދިކަން ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ޑިޒްނީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. "މުލާން" އަކީ އެ ސްޓޫޑިއޯ އިން 1998 ގައި ހަމަ އެ ނަމުގައި ގެނެސްދިން އެނިމޭޓް ފިލްމު އަސްލަކަށް ބަލައިެގން ގެނެސްދިން ލައިވް-އެކްޝަން ފިލްމެކެވެ. އަދި މިއީ ގިނަ އަދަދަކަށް ވީއެފްއެކްސް ވެސް ބޭނުންކޮށްފައިވާ ފިލްމެކެވެ.

މުލާންގެ ވިކިޕީޑިއާ ބުނާގޮތުން ނިކީ ކާރޯ ޑައިރެކްޓްކުރި ފިލްމުގެ މަންޒަޒަރުތައް ނަގާފައި ވަނީ ޗައިނާ އާއި ނިއު ޒީލެންޑްގަ އެވެ. "މުލާން" ގެ މައިގަނޑު ވާހަކަ އަކީ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ އުމުރުން ދުވަސްވީ މީހަކު އަލުން އެނބުރި ހަނގުރާމަ އަށް ނުކުންނަން ޖެހުމުން ބަދަލުގައި އޭނާގެ އަންހެން ދަރިފުޅު ހަނގުރާމަ އަށް ނުކުމެ ދައްކައިލާ ކުޅަދާނަ ކަމެވެ.