Roadha Mihaaru
"ބްލެކް ވިޑޯ" އާ ހެދި  ޖޮހަންސަނާއި ޑިޒްނީ ކޯޅެނީ

"ބްލެކް ވިޑޯ" ރިލީޒްކުރި ގޮތުން ޖޮހަންސަނާއި ޑިޒްނީ ކޯޅެނީ

01 އޯގަސްޓް 2021

ސުޕަހީރޯ ފިލްމު "ބްލެކް ވިޑޯ" ސިނަމާތަކާ އެއް ދުވަހެއްގައި ޑިޒްނީ ޕްލަސް އިން ސްޓްރީމްކުރި މައްސަލާޣާއި ޢެގެ ބަތަލާ ސްކާލެޓް ޖޮހަންސަން، ޑިޒްނީ އަށް ދައުވާކުރުމުން ދެ ފަރާތުގެ މެދުގައި ކޯޅުންގަނޑެއް އުފެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސުޕަހީރޯ ފިލްމު "ބްލެކް ވިޑޯ" ސިނަމާތަކާ އެއް ދުވަހެއްގައި ޑިޒްނީ ޕްލަސް އިން ސްޓްރީމްކުރި މައްސަލާޣާއި ޢެގެ ބަތަލާ ސްކާލެޓް ޖޮހަންސަން، ޑިޒްނީ އަށް ދައުވާކުރުމުން ދެ ފަރާތުގެ މެދުގައި ކޯޅުންގަނޑެއް އުފެދިއްޖެ އެވެ.

މީޑިއާތަކުން ބުނީ އެގޮތަށް ޑިޒްނީން ފިލްމު ރިލީޒްކުރީ އެގްރީމަންޓާ ހިލާފަށް ކަމަށް ބުނެ ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓަށް ޖޮހަންސަން ހުށަހެޅީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. ޑިޒްނީގެ ދަށުން ހިންގާ މާވެލް ސްޓޫޑިއޯސް އިން ހެދި ސުޕަހީރޯ ފިލްމު "ބްލެކް ވިޑޯ" ސިނަމާތަކާ އެކީގައި ޑިޒްނީ ޕްލަސް އިން ޕްރީމިއާކުރީ ޖުލައި 9 ގަ އެވެ.

މި މައްސަލާގައި ޖޮހަންސަން، 36، ބުނީ އޭނާގެ ކޮންޓްރެކްޓް އޮތް ގޮތުން ފިލްމަކީ އެކްސްކްލޫސިވްކޮށް ސިނަމާތަކުގައި އަޅުވަން ހެދި ފިލްމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި އެއްބަސްވުމުގައިވާ ގޮތުން ފިލްމު އެންމެ އަވަހަށް ވެސް ސްޓްރީމިން އަށް ދޫކޮށްލަން އެގްރިމަންޓްގައި އޮތީ ފިލްމު ސިނަމާތަކުގައި ރިލީޒްކުރާތާ 90 ދުވަސް ނުވަތަ ތިން މަސް ފަހުން ކަމަށެވެ. އަދި އެގޮތަށް ޑިޒްނީން އަމަލުކުރުމުން ޖޮހަސަންގެ ސްޓާ ވެލިއު އަށް ވެސް އަސަރުކޮށްފައިވާ ކަމަށާއި ފިލްމަށް ލިބެންވާ ފުރިހަމަ ތަރުހީބާއި އާމްދަނީ އަށް ވެސް ހުރަސްއެޅިފައިވާ ކަމަށް ބުންޏެވެ.

ޖޮހަސަންންގެ ވަކީލު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަން އުޒުރަކަށް ހަދާފައި ޑިޒްނީން "ބްލެކް ވިޑޯ" ޑިޒްނީ ޕްލަސް އިން ސިނަމާތަކާ އެއް ދުވަހެއްގައި ޕްރީމިއާކުރީ ސަބްސްކްރައިބަރުން އިތުރުކޮށް، ކުންފުނީގެ އަމިއްލަ އަށް ފައިދާ އަށް އެކަނި ވިސްނައިގެންނެވެ.

ނަމަވެސް ފިލްމުތައް ހިނގުމުގައި އެ ފިލްމެއްގެ ތަރިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި "ބްލެކް ވިޑޯ" އާ ގުޅިގެން ޑިޒްނީ އަމަލުކޮށްފައި ވަނީ ޖޮހަންސަންގެ ސްޓާ ވެލިއު އަށް ގަދަރުކުޑަ ކުރެވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

މި މައްސަލާގައި ޑިޒްނީ މިހާރު ވަނީ ރައްދު ވެސް ދީފަ އެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ޖޮހަންސަންގެ އެގްރިމަންޓާ ހިލާފުވެފައި ނުވާނެ ކަމަށާއި ދައުވާގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.

"އަހަރެމެން ހިތާމަކުރަން މުޅި ދުނިޔެ އަށް ކުރިމަތިވެފައި އޮތް ބަލިމަޑުކަމެއްގެ ތެރޭގައި ފިލްމުތައް ރިލީޒްކުރަން ދިމާވެފައި އޮތް ދަތި ހާލަތަށް ރިއާޔަތްކުރުމެއް ނެތި އަހަރެމެން ނިންމި ނިންމުމާ ދެކޮޅަށް ޖޮހަންސަން ކޯޓަށް މައްސަލަ ހުށަހެޅުމުން،" ޑިޒްނީން ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޖޮހަންސަން "ބްލެކް ވިޑޯ" ކުޅުނީ 20 މިލިއަން ޑޮލަރަށެވެ.

ޑިޒްނީން ބުނި ގޮތުގައި ޖޮހަންސަން ވަރުގަދަ ތަރިއަކަށްވުމުގައި އެ ކުންފުނީގެ ހިއްސާ ވެސް ކުޑަ ނުވާނެ ކަމަށެވެ. މިހާތަނަށް ޑިޒްނީގެ ނުވަ ފިލްމެއްގައި އޭނާ މަސައްކަތްކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ބިލިއަނުން އާމްދަނީ ލިބިފައި ހުންނާނެ ކަމަށް ބުންޏެވެ.

ޑިޒްނީގެ ރައްދު ހޫނުކޮށް އައުމުން ޖޮހަންސަންގެ ގާނޫނީ ޓީމުން އިތުރަށް ރައްދުދީ ބުނީ ކުންފުނިން މިހާރު އުޅެނީ އޭނާގެ އަގު ވައްޓައިލަން ކަމަށެވެ.

ކޮވިޑާ ހެދި ފަސްކުރަމުން ގޮސް ޖުލައި މަހުގެ 9 ގައި ރަސްމީކޮށް ޕްރީމިއާކުރި "ބްލެކް ވިޑޯ" އަށް މިހާތަނަށް އާމްދަނީ ގޮތުގައި 320.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ކޭޓް ޝޯޓްލަންޓް ޑައިރެކްޓްކުރި ފިލްމަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

"ބްލެކް ވިޑޯ" އަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތު ދިމާވި ފަހުން ސިނަމާތަކުގައި އަޅުވައިގެން ރިލީޒްކުރި ހަފުތާ ބަންދުގައި އެކަނި 218 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމު ވެސް މެ އެވެ.