Roadha Mihaaru
ރިޝްވަތަށް އެދުނު މައްސަލައިގައި އައްމަޓީ އޭސީސީއަށް

ސީ ލައިފް މަޝްރޫއަށް 1 މިލިއަން ޑޮލަރުގެ ރިޝްވަތަށް އެދުނު މައްސަލަ އަލުން އޭސީސީއަށް

10 ސެޕްޓެމްބަރ 2020

ސީ ލައިފްއާ ހަވާލުކުރި ހައުސިން މަޝްރޫއު ކެންސަލްކޮށް ކުރީގެ ސަރުކާރުގައި އެޗްޑީސީގެ އިސްވެރިންތަކެއް އެއް މިލިއަން ޑޮލަރުގެ ރިޝްވަތަށް އެދުނު މައްސަލައިގެ ތަހުގީގު ލަސްވާ ސަބަބު ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިއަދު އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސީ ލައިފްއާ ހަވާލުކުރި ހައުސިން މަޝްރޫއު ކެންސަލްކޮށް ކުރީގެ ސަރުކާރުގައި އެޗްޑީސީގެ އިސްވެރިންތަކެއް އެއް މިލިއަން ޑޮލަރުގެ ރިޝްވަތަށް އެދުނު މައްސަލައިގެ ތަހުގީގު ލަސްވާ ސަބަބު ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިއަދު އެދިއްޖެ އެވެ.

ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު ކެންސަލްކުރީ އެޗްޑީސީއާ އެކު ވީ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ.

އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެޗްޑީސީން ދޭންޖެހޭ ހުއްދަތައް ނުދީ ގަސްތުގައި ލަސްކުރިކަމުގެ ތުހުމަތު ސީ ލައިފުން ކުރެ އެވެ. ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ސީ ލައިފާ އެކު ހިއްސާވި އަނެއް ދެ ކުންފުނި މި މަޝްރޫއު ދޫކޮށްލައި އެ މީހުންގެ ހިއްސާ ގަތުމަށް މަޖުބޫރުކުރުވީ ކުރީ ސަރުކާރުގެ ފިއްތުންތަކާ ހެދި ކަމަށް ސީ ލައިފުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ދެ ކުންފުނީގެ ހިއްސާ ގަތުމަށް 950،000 ޑޮލަރު ހަރަދުވި އިރު މިއީ ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ހުރި ފައިސާއިން ބޮޑު ބައެކެވެ. މިހެންވިއަސް މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވެގެން ސަރުކާރަށް ހުށަހެޅުމުން އެޗްޑީސީގެ އިސްވެރިން ރިޝްވަތަށް އެދުނު ކަމަށާއި މި މައްސަލަ ފުލުހުންނާއި އޭސީސީ އަށް ހެއްކާއެކު ހުށަހެޅި ކަމަށް އައްމަޓީގެ ސިޓީގައިވެ އެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ރިޝްވަތަށް އެދުނީ އެޗްޑީސީގެ އޭރުގެ މެނޭޖިން ޑައިރެކްޓަރެވެ. އައްމަޓީ އެ ވިދާޅުވާ މުއްދަތުގައި އެ މަގާމު ފުރުއްވީ މުހައްމަދު ސައިމަން އެވެ.

އޭސީސީއަށް ހުށަހެޅި ސިޓީގައި އައްމަޓީ ބުނެފައިވާ ގޮތުގައި އެޗްޑީސީއާ އެކު މުއާމަލާތްކުރީ މެދުވެރިއަކާއެކު އެވެ. 1 މިލިއަން ޑޮލަރު ހޯދަން ސްރީ ލަންކާއަށް އައުމަށް އެދުމުން އެޗްޑީސީގެ މެދުވެރިޔާ ވަނީ ޕްރޮޖެކްޓް އަލުން ފެށުމުގެ ހުއްދައިގެ ލިޔުން އެޗްޑީސީގެ އީ މެއިލްއަކުން ހޯދައިފަ އެވެ. އެޗްޑީސީން ފޮނުވި މެދުވެރިޔާއާ ބައްދަލުކުރީ ސީ ލައިފުން ހިންގި "ކޮންޓްރޯލްޑް އޮޕަރޭޝަނެއްގައި" ލަންކާގައި އެ ވަގުތު ޗުއްޓީގައި ހުރި ދިވެހި ފުލުހަކާއެކުގައި ކަމަށް އައްމަޓީ ބުންޏެވެ.

"މި މައްސަލައާ ގުޅޭ ހެކިތައް ލިބުމުން އެ މީހާއަށް ފައިސާ ނުދީ އޮޕަރޭޝަން ހިންގުމުގައި ބައިވެރިވި ފަރާތްތަކުގެ އެއްްބާރުލުމާ އެކު މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ތިޔަ ކޮމިޝަނަށް ވާނީ ހުށަހަޅާފައެވެ." ސިޓީގައިވެ އެވެ.

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި ފްލެޓް އިމާރާތްތަކުގެ ކުރެހުމެއް

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި ފްލެޓް އިމާރާތްތަކުގެ ކުރެހުމެއް

މި މައްސަލަ ފުލުހުން ނުބަލަން ނިންމައި ފައިލްކުރީ އޭސީސީން ތަހުގީގުކުރާ ކަމަށް ބުނެ އެވެ. ސިޓީގައި އައްމަޓީ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ 2015 ގައި ބަލަން ފެށި މި މައްސަލައިގައި އޭސީސީން މިހާތަނަށް ވެސް ގޮތެއް ނިންމާފައި ނުވާތީ އެވެ. މައްސަލައިގެ ތަހުގީގަށް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑައިރެކްޓަރުގެ ލެޕްޓޮޕް ކޮމިޝަނުން ހޯދި ކަމަށާއި ނަމަވެސް، ހުރިހާ ހެކިތަކެއް ޑިލީޓްކުރަން އޭނާ މަސައްކަތް ކުރެއްވިކަން ސީ ލައިފަށް އެނގޭކަމަށް އެ ސިޓީގައިވެ އެވެ.

މި ތަހުގީގުގައި ސިޔާސީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވާފައިވާ ނަމަ އެކަން ވެސް ސާފުކޮށްދޭން ސީ ލައިފުން އެދިފައިވެ އެވެ.

"މި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެޗްޑީސީން ހޯދުމަށް އެދިފައިވާ 1 މިލިއަން ޑޮލަރު ނުދެއްކުމުން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެޗްޑީސީގެ އޭރުގެ އިސްވެރިން ހުރަސްއަޅައި ޕްރޮޖެކްޓް ހުއްޓުވުމުގެ ސަބަބުން ފްލެޓްތަކުގެ މަސައްކަތް ނުނިންމުމުގެ ސަބަބުން ޕްރޮޖެކްޓަށް ފައިސާ ދެއްކި އެތައް ފަރާތްތަކަކަށް އަނބުރާ ފައިސާ ދޭންޖެހި ދިވެހިރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މި މައްސަލަ ބައްލަވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާފައިނުވުމުގެ ސަބަބުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގަބޫލުކުރެއްވޭ ނަމަ އެކަން އަންގަވައިދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް 45 މިލިއަން ރުފިޔާ ދޫކުރީ ސަރުކާރުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޗްޑީސީން އިއުލާންކުރި މަޝްރޫއަކުން ހުޅުމާލޭގައި، 3،000 ހައުސިން ޔުނިޓް އަޅަން 2014 ގައި ސީ ލައިފުން ހުޅުވާލުމުން ފްލެޓް ގަންނަން ގިނަ ބަޔަކު ފައިސާ ދެއްކި އެވެ.

ސީ ލައިފަށް ފައިސާ ދައްކައި ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް މި ސަރުކާރުން ވަދެ ކޯޓުން ބޭރުގައި ވަނީ ހައްލެއް ހޯދައިދީފަ އެވެ. އެއީ، ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން، އެ މީހުންނަށް އެޗްޑީސީން ބަދަލު ދިނުމެވެ. އެއީ، މާލީ ބަދަލުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމުގެ ފުރުސަތު ވެސް ދިނުމެވެ.