Roadha Mihaaru
ކައުންސިލަރުން ސަސްޕެންޑްކުރި އުސޫލު ބާތިލް: ހައި ކޯޓް

ކައުންސިލަރުން ސަސްޕެންޑްކުރި އުސޫލު ހައި ކޯޓުން ބާތިލްކޮށްފި

14 ސެޕްޓެމްބަރ 2020

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަރުން ސަސްޕެންޑްކޮށް، އިންޒާރު ދޭން އުސޫލަކީ ގާނޫނާ ޚިލާފް އުސޫލެއް ކަމަށް ކަނޑައަޅައި، އެ އުސޫލު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަރުން ސަސްޕެންޑްކޮށް، އިންޒާރު ދޭން އުސޫލަކީ ގާނޫނާ ޚިލާފް އުސޫލެއް ކަމަށް ކަނޑައަޅައި، އެ އުސޫލު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އެލްޖީއޭއިން 2016 ވަނަ އަހަރު އެކުލަވާލައި، އަމަލުކުރަން ފެށި ކައުންސިލްތަކުން ކުރާ ގާނޫނާ ޚިލާފް ކަންކަމާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ދަށުން ގިނަ ކައުންސިލަރުންތަކެއް 2018 ވަނަ އަހަރު ސަސްޕެންޑްކުރި އެވެ.

އެ އުސޫލު ބާތިލް ކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ރައީފާ އަބްދުލްވައްހާބާއި ޒިމްނާ އަބްދުލްމުހުސިން އެވެ. އެ އުސޫލު ބާތިލް ކުރަންޖެހޭ ކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި އެއްބަސްވި އެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ އުސޫލު އެލްޖީއޭއިން އެކުލަވާލާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ކަމަށް އެ އުސޫލުގައި ބަޔާން ކުރާއިރު، ގާނޫނުގެ އެ މާއްދާއަކީ ދެ ކައުންސިލެއްގެ ދެމެދުގައި މެދުގައި އުފެދޭ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އެލްޖީއޭއިން ގޮތެއް ނިންމަންޖެހޭ ކަމަށް ބުނާ މާއްދާއެއް ކަމަށެވެ. އެ މާއްދާއަކީ ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމާ ބެހޭ މާއްދާއެއް ކަމަށް ނުވާތީ އެއީ ގާނޫނީ އިމުން ބޭރުން އެލްޖީއޭއިން އެކުލަވާލި އުސޫލެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އެ އުސޫލަކީ ގާނޫނީ ބާރު ލިބިގެން ހަދާފައިވާ އުސޫލަކަށް ނުވާތީ އާއި އަދި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާ ގަވާއިދުތަކުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަނުވާ އުސޫލަކަށް ވާތީ އެ އުސޫލު ބާތިލްކުރީ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހާތިފް އެވެ.