Roadha Mihaaru
ދެވަނަ ފިޔަވަހީގައި 3 ސްކޫލު އަޅައިދޭނެ ބަޔަކު ހޯދަނީ

ދެ ވަނަ ފިޔަވަހީގައި ތިން ސްކޫލު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

15 ސެޕްޓެމްބަރ 2020

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތިން ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ރޭ އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތިން ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ރޭ އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އަމިއްލަ ހަރަދުގައި ޑިޒައިންކޮށް ސްކޫލު އިމާރާތްކުރަން ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި، ކޮންމެ ސްކޫލަކަށް 850،000ރ. ހުށަހަޅަންޖެހެ އެވެ.

ކޮންމެ ބީލެއްގައި ބައިވެރިވުމަށް 1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. ބަނޑޭރި ޕޭއިން ފައިސާ ބަލައިގަންނަން ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމައަށެވެ. އެއަށްފަހު ބީލަން ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވިދާޅުވީ މިހާރު އިއުލާނުކޮށްފައިވަނީ 1،000-1،200 ދަރިވަރުންގެ ތިން ސްކޫލު އެޅުމަށެވެ. މި އަހަރު ނިމުމުގެ ކުރިން އެއް ސްކޫލުގެ މަސައްކަތް ފަށާނެ ކަމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ރިޔާޒު ވިދާޅުވި އެވެ.

އޭނާ އޭރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ސްކޫލު ނިންމުމަށްފަހު 2022 ވަނަ އަހަރު ކިޔެވުން ފެށޭއިރަށް އެ ތަން ބޭނުންކުރެވޭނެ ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މިހާރު އަޅަމުން އަންނަ 25 ބުރީގެ 7،000 ފްލެޓުތައް ނިންމައި މީހުން ދިރިއުޅެވޭނެ ކަމަށް ލަފާކުރަނީ އަށް ވަރަކަށް މަސް ފަހުންނެވެ.

އެ ކޮންމެ ފްލޯއެއްގައި 20 ފްލެޓު ހުރެ އެވެ. ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ.

ފްލެޓުތަކަށް މީހުން ބަދަލުވާއިރު، އެ ސަރަހައްދުގައި ސްކޫލެއް ހުރުން މުހިއްމު ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ސަރުކާރުގެ ޕްލޭނަކީ ސްކޫލުތަކުގެ ކިޔެވުން އެއްދަންފަޅި އަށް ބަދަލުކުރުމެވެެ. އެ ސިޔާސަތު ތަންފީޒުކުރުމަށް މާލެ ސަރަހައްދަށް އިތުރު 10 ސްކޫލު ބޭނުންވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވެފައި ވެ އެވެ.

ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅާނެ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ކަނޑައަޅައިފަ އެވެ.