Roadha Mihaaru
ގްރީން ޓެކްސްގެ އާމްދަނީ ހަަތަރު މިލިޔަނަށް ވުރެ ދަށަށް

ގްރީން ޓެކްސްގެ އާމްދަނީ ހަތަރު މިލިޔަނަށް ވުރެ ވެސް ދަށްވެއްޖެ

19 ސެޕްޓެމްބަރ 2020

ރާއްޖެއަށް ގްރީން ޓެކްސްގެ ގޮތުގައި ލިބެމުން އައި އާމްދަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދަށްވަމުން އައިސް މިދިޔަ ޖޫން މަހު ހަތަރު މިލިޔަން ރުފިޔާ އަށް ވުރެ ދަށަށް ވެއްްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ރިޕޯޓުން ދައްްކައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެއަށް ގްރީން ޓެކްސްގެ ގޮތުގައި ލިބެމުން އައި އާމްދަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދަށްވަމުން އައިސް މިދިޔަ ޖޫން މަހު ހަތަރު މިލިޔަން ރުފިޔާ އަށް ވުރެ ދަށަށް ވެއްްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ރިޕޯޓުން ދައްްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖެނުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި 84 މިލިޔަން ރުފިޔާ ދައުލަތަށް ލިބުނެވެ. އެއަށް ފަހު ކޮންމެ މަހަކު ވެސް ދަށް ވަމުން ގޮސް ޖޫން މަހު ލިބުނީ 3.9 މިލިޔަން ރުފިޔާ ކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކަ އެވެ.

ޖެނުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ މާލެ އަތޮޅުގެ ރިސޯޓްތަކުން ލިބުނު ފައިސާ އެވެ. ޖެނުއަރީ މަހު މާލެ އަތޮޅުން 29 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބުނު އިރު އޭގެ ތެރެއިން 28.4 މިލިޔަން ރުފިޔާ ލިބުނީ ރިސޯޓްތަކުންނެވެ. އަނެއް ބަޔަކީ ހޮޓާތަކާއި ގެސްްޓްހައުސްތަކުން ލިބުނު ފައިސާ އެވެ.

ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 77 މިލިޔަން ރުފިޔާ އެވެ. އެއީ އޭރުގައި ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާގައި ކޮރޯނާވައިރަސް ފެތުރޭތީ ބައެއް ސަރަހައްދުތައް ލޮކްޑައުންކުރުމުން އައި ބަދަލަކަށް ވެދާނެ އެވެ. ފެބްްރުއަަރީ މަހު މާލެ އަތޮޅުން 26.8 މިިލިޔަން ރުފިޔާ ލިބުނު އިރު އޭގެ ތެރެއިން 25.7 މިލިޔަން ރުފިޔާ ލިބުނީ ރިސޯޓްތަކުންނެވެ.

މާޗްމަހު ރާއްޖެއަށް ގްރީން ޓެކްސްގެ ގޮތުގައި 74 މިލިޔަން ރުފިޔާ ލިބުނެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކުއްލިއަކަށް ބޮޑުތަނުން ދަށަށް ގޮސްފައި ވަނީ އޭޕްރިލްމަހު އެވެ. އެގޮތުން އޭޕްރިލްމަހު ލިބުނީ 35.7 މިލިޔަން ރުފިޔާ އެވެ. އޭޕްރިލްމަހު މާލެ އަތޮޅުން 12.6 މިލިޔަން ރުފިޔާ ލިބުނު އިރު 12.3 މިލިޔަން ރުފިޔާ ލިބުނީ ރިސޯޓްތަކުންނެވެ. ހޮޓާތަކާއި ގެސްޓްހައުސްތަކުން ލިބުނީ 214،878ރ. އެވެ.

ގްރީން ޓެކްސްްގެ ގޮތުގައި ލިބުނު އާމްދަނީ މިހާބޮޑަށް ދަށަށް ދިޔައީ ކޮވިޑް-19 ފެތުރޭތީ ރާއްޖެ އާއި ދުނިޔޭގެ އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައުމުންނެވެ. އެބައްޔަކީ ބޮޑު ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިއުލާނު ކުރީ މާޗްމަހު އެވެ. ރާއްޖޭން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމުން ބޯޑަރު ބަންދުކުރީ މާޗުމަހު އެވެ. އޭގެ ފަހުން އަލުން ހުޅުވައިލީ މިދިޔަ ޖުލައިިމަހު އެވެ.