Roadha Mihaaru
އަފްޣާނިސްތާނު މީހުންގެ އައިޑީކާޑަށް މަންމަގެ ނަން

އަފްޣާންނިސްތާންގެ މައިންގެ ނަން ވެސް އެންމެ ފަހުން އައިޑީ ކާޑުގައި ހިމަނަން ނިންމައިފި

20 ސެޕްޓެމްބަރ 2020

އަފްޣާނިސްތާނުގެ އައިޑީކާޑުތަކުގައި ހިމަނާ ވަނަވަރުގެ ތެރޭގައި މައިންގެ ނަން ނުހިމަނާ މައްސަލައާ ދެކޮޅަށް ކެމްޕޭންކުރާތާ ތިން އަހަރެއްހާ ދުވަސް ފަހުން އެ ފުރުސަތު ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަފްޣާނިސްތާނުގެ އައިޑީކާޑުތަކުގައި ހިމަނާ ވަނަވަރުގެ ތެރޭގައި މައިންގެ ނަން ނުހިމަނާ މައްސަލައާ ދެކޮޅަށް ކެމްޕޭންކުރާތާ ތިން އަހަރެއްހާ ދުވަސް ފަހުން އެ ފުރުސަތު ދޭން ނިންމައިފި އެވެ.

އެކަމަށް ރަސްމީކޮށް އަމަލުކުރަން ފަށަން ނިންމައި ރައީސް އަޝްރަފް ޣަނީ ވަނީ އައިޑީކާޑުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުރާސް ދުވަހު ސޮއި ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މި ބަދަލު ވެގެންދާނީ އަފްޣާން އަންހެނުންނަށް މުހިއްމު ހައްގެއް ލިބުމަށާއި މިއީ އަންހެނުން ބާރުވެރިކުރަން ކުރާ މަސައްކަތްތަކަށް ވެސް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ދެ ޖިންސްގެ މެދުގައި ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭ އަދި ވަރަށް ގިނަ އަސާސީ ހައްގުތަކުން ވެސް މަހުރޫމްވެފައިވާ އަފްޢާންގެ އަންހެނުންނަށް އެ މީހުންގެ ދަރިންގެ އައިޑީކާޑްގައި މަންމަގެ ނަން ނުހިމަނާތީ އެކަމާ ދެކޮޅަށް މީގެ ތިން އަހަރު #ވެއާއިޒްމައިނޭމްގެ ނަމުގައި ފެށި ކެމްޕޭނަށް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ވަރަށް ނުފޫޒު ގަދަ ސެލެބްރިޓީންގެ ތާއީދު ވެސް ލިބިފައިވެ އެވެ.

އަފްޣާނުގައި މިހާތަނަށް އައިޑީ ކާޑު ހަދައިދެނީ ދަރިންގެ މައިންގެ ނަން ނުހިމަނައި ބައްޕަގެ ނަން ހިމެނޭ ގޮތަށެވެ. އަދި އާންމު ލިޔެކިޔުންތަކުގައި އަންހެނުންގެ ނަން ބޭނުން ކުރުން އޮންނަނީ ވެސް މަނާކޮށްފަ އެވެ.

#ވެއާއިޒްމައިނޭމް ކެމްޕޭނުގެ ބާނީ ލާލޭ އޮސްމާނީ ވަނީ އައިޑީކާޑްގައި މައިންގެ ނަން ހިމަނަން ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ވެސް ކިޔައިފަ އެވެ.

"ހަމަ ޔަގީނުން ވެސް މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަދި މިއީ އަހަރެމެން ފެށި ކެމްޕޭންގެ ނަތީޖާ،" އޭނާ ވިދާޅުވި އެވެ. "ގާނޫނަށް ގެނައި އިސްލާހަކުން މައިންގެ ނަން އައިޑީކާޑުގައި ހިމަނަން ސަރުކާރުން ނިންމުމަކީ އަންހެނުންގެ ހައްގުތަކަށް ލިބުނު ތާރީހީ ކުރިއެރުމެއް. މިކަމަށް އެހީވެދިން ދެ ޖިންސްގެ މީހުންނަށް ޝުކުރު ވެސް އަދާކުރަން."

މިކަމާ ގުޅިގެން ޣަފްއާނިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ މަރިޔަމް ސަމާ ވެސް ވިދާޅުވީ ވަރުބަލި ކަމެއް ނެތި ކުރިއަށް ގެންދިޔަ #ވެއާއިޒްމައިނޭމް ކެމްޕޭމް ކާމިޔާބުވެއްޖެ ކަމަށެވެ.

"މިއީ އެތައް ބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ،" އޭނާ ވިދާޅުވި އެވެ.

އަފްޣާނިސްތާންގެ ނިންމުމާ ގުޅިގެން އދ. ގެ އަންހެނުންނާ ބެހޭ ޖަމާއަތުން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.