Roadha Mihaaru
ރާއްޖެއިން އަފްޣާނަށް ވެވޭނެ އެހީތައް ބަލަންޖެހޭ: އީވާ

ރާއްޖެ އިން އަފްޣާންގެ އަންހެނުންނަށާއި ކުޑަކުދިންނަށް ވެވޭނެ އެހީތައް ބަލަން ޖެހޭ: އީވާ

18 އޯގަސްޓް 2021

އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން ނެގުމުން އެކަމުގެ ސަބަބުން ރާއްޖެ އަށް އޮތް ނުރައްކާ އޮތް ވަރާއި އެ ގައުމުގެ މީހުންނަށް އެހީތެރިވާން ކޮށްދެވެން އޮތީ ކޮން ކަމެއްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި އެދިވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން ނެގުމުން އެކަމުގެ ސަބަބުން ރާއްޖެ އަށް އޮތް ނުރައްކާ އޮތް ވަރާއި އެ ގައުމުގެ މީހުންނަށް އެހީތެރިވާން ކޮށްދެވެން އޮތީ ކޮން ކަމެއްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި އެދިވަޑައިގެންފި އެވެ.

ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި އީވާ ވިދާޅުވީ، ބޭނުމަކީ ތާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާނު ވެއްޓި، އެ ގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އޮތްތޯ ބަލަން ހަދާފައިވާ ރިސްކް އެސެސްމެންޓެއް އޮތް ކަން ނުވަތަ ނޫންކަން ދެނެގަތުމަށެވެ. އެފަަދަ އެސެސްމެންޓެއް ހަދާފައި ނުވާ ނަމަ އެ ސެސްމެންޓް ހެދުމަށް ވެސް ސިޓީގައި އޭނާ އެދިވަޑައިގަތެވެ.

"...އަދި އެހީ އަށް ބޭނުން ޖެހިފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންނަށް، ހާއްސަ ގޮތެއްގައި އަންހެނުންނަށާއި ކުޑަކުދިންނަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިިނުމަށްޓަކައި، ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އިން [ހިއުމަނިޓޭރިއަން ގްރައުންޑްގައި] ކުރެވިދާނެ ކަންކަން ދެނެގަތުމަށް ވެސް ހުށަހަޅަމެވެ،" އީވާގެ ސިޓީގައި ވެ އެވެ.

ތާލިބާނުން އަފްޣާނިސްތާނު ހިފުމާ އެކު، ކާބުލްގައި މިހާރު ހިނގަމުންދާ ކަންތަކާ މެދު ބައިނަލްއަގްވާމީ މުޖްތަމައުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، މީޑިއާ އިން ބުނާ ގޮތުގައި، މިހާރުގެ ހާލަތު މެދުވެރިވީ ކުއްލި ގޮތަކަށް އެމެރިކާ އާއި ނޭޓޯ ސިފައިން އަފްޣާނިސްތާނުން ބޭލުމުންނެވެ. ނަމަވެސް، އެމެރިކާ ސިފައިން އަނބުރާ ގެންދިއުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވެސް ވިދާޅުވި އެވެ.

ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާން ހިފުމާ ގުޅިގެން، އެ ގައުމުން ހުޅަނގުގެ ޑިޕްލޮމޭޓުން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ގައުމު ދޫކޮށް ދާން ބޭނުންވާ އަފްގާނިސްތާނުގެ އާންމުންގެ ބަޔަކު، އޮގަސްޓް 16، 2021 ގައި ކާބުލްގެ ވައިގެ ބަނދަރުގައި މަޑުކޮށްލައިގެން. --އޭއެފްޕީ

ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާން ހިފުމާ ގުޅިގެން، އެ ގައުމުން ހުޅަނގުގެ ޑިޕްލޮމޭޓުން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ގައުމު ދޫކޮށް ދާން ބޭނުންވާ އަފްގާނިސްތާނުގެ އާންމުންގެ ބަޔަކު، އޮގަސްޓް 16، 2021 ގައި ކާބުލްގެ ވައިގެ ބަނދަރުގައި މަޑުކޮށްލައިގެން. --އޭއެފްޕީ

ބޮޑެތި ހުރިހާ ސިޓީތައް ހިފުމަށް ފަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ވަށާލައި އެ ތަނަށް ވަންނަން ތައްޔާރުވުމާ އެކު ކާބުލް ދޫކޮށް ދިއުމަށް އަފްޣާނުގެ ގިނަ އަދަދެއްގެ ރައްޔިތުން މަސައްކަތް ކުރި އެވެ. އެ ގޮތުން ކާބުލްގެ އެއާޕޯޓަށް ގިނަ އަދަދެއްގެ މީހުން ޖަމާވުމުގެ ސަބަބުން އެކަން ބޮޑު ކާރިސާއަކަށް ވި އެވެ.

އަފްޣާނިސްތާނުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކާބުލް ދޫކޮށް ދާން އެހާ ގިނަ ބަޔަކު މަސައްކަތް ކުރީ މީގެ ކުރިން ތާލިބާނުން ވެރިކަން ކުރި އިރު، އެ މީހުން ހިންގާފައިވާ ހަރުކަށި ލާއިންސާނީ އަމަލުތައް އަނެއްކާވެސް ހިންގަން ފަށައިފާނެ ކަމުގެ ބިރަށެވެ.

ތާލިބާނުން މީގެ ކުރިން އަފްޣާނިސްތާނުގެ ވެރިކަން ހޯދީ 1996 ވަނަ އަހަރު އެވެ. އެ ފަހަރު ކާބުލް ހިފުމަށް ފަހު، އެ މީހުންނާ ދެކޮޅު ގިނަ އަދަދެއްގެ ބަޔަކު މެރި އެވެ. އަދި އަންހެނުން ގެއިން ބޭރަށް ނުކުތުމާއި އަންހެންކުދިންް ސްކޫލަށް ފޮނުވުން ވެސް މަނާކުރި އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ "މިހާރު" އަށް ވިދާޅުވީ އަފްޣާނިސްތާނުގެ އަންހެނުންނަށާއި ކުޑަކުދިންނަށް، އިންސާނީ އެހީގެ ދާއިރާ އިން ރާއްޖޭން ކޮށްދެވެން އޮތީ ކޮންކަމެއްތޯ ބަލަން އެދިވަޑައިގަތީ އެ މާޒީ އަށް ބައްލަވާފައި ކަމަށެވެ.

"މާޒީ އަށް ބަލާއިރު، އަފްޣާނިސްތާނުގެ އަންހެނުންނަށް ކުރިމަތިވާނެ ކަންތައްތައް އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ޔަގީންކަމާ އެކު އެބަ އެނގޭ. އެހެންވީމާ އަޅުގަނޑުމެންނަަށް ކުރެވެން އޮތީ ކޮން ކަމެއްތޯ ބަލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަފްޣާނިސްތާނަކީ ރާއްޖެއާ އެކު ސިޔާސީ ގުޅުން އޮންނަ، އަދި ސަރަހައްދީ ޖަމިއްޔާ "ސާކް"ގެ މެމްބަރު ގައުމެކެވެ. އެ ގައުމުގެ މީހުން ކޮންމެވެސް ވަރަކަށް ރާއްޖެ އަށް ދަތުރު ވެސް ކުރެ އެވެ.

ތާލިބާނުން 1996 ވަަނަ އަހަރު އަފްޣާނިސްތާނުގައި ގާއިމުކުރި ވެރިކަން ނިމުނީ އެމެރިކާ އިން 2001 ވަނަ އަހަރު އަފްޣާނިސްތާނު ހިފުމުންނެވެ. އޭގެ ފަހުން ފާއިތުވި 20 އަހަރު ދުވަހު ވެސް ތާލިބާނުން ދިޔައީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންނާ ހަނގުރާމަ ކުރަމުންނެވެ.