Roadha Mihaaru
ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޔައުގޫބް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

20 ސެޕްޓެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަމާ މެދު ގޮތެއް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަމާ މެދު ގޮތެއް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުންނެވެ.

ކޯޓަށް އެ މައްސަލަ ހުށަހެޅީ، އިދިކޮޅު ކޯލިޝަން ޕީޕީއެމާއި ޕީއެންސީގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ. އޭނާ ވިދާޅުވީ ޔައުގޫބްގެ މައްސަލަ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އަށް ބަލާއިރު މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާތީ ކަމަށެވެ.

"މިއީ، ވަރަށް ސާފު މައްސަލައެއް، ގާނޫނުއަސާސީގައި މެމްބަރުކަމުގެ ޝަރުތު އެ ވަނީ އުނިވެފައި،" އައްސަދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެމްބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ދަރަނި ނުދެއްކުމާއި އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައުމާއި ފަނޑިޔާރަކަށް ވުމެވެ. ދައުލަތުގެ އެހެން މަގާމުތައް އަދާކުރުމަކީ މަނާ ކަމެއް ކަމަށް 73 ވަނަ މާއްދާގެ ރ. ގައި އޮތަސް، އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން އެ މާއްދާއަކު ނެތެވެ.

ޔައުގޫބް ވަނީ، އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށުމުން އެ އިންސްޓިޓިއުޓުން އިސްތިއުފާ ދެއްވައިފަ އެވެ. ދިފާއުގައި މިހާތަނަށް ވިދާޅުވެފައި ވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުންނެވެ.

ޔައުގޫބްގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކުރާ ބަހުސްގައި ގާނޫނީ ބޭފުޅުންގެ ހިޔާލު ތަފާތެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އޭނާގެ މެމްބަރުކަން ގެއްލިއްޖެ އެވެ. އަނެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އޮޮތް ގޮތުން އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަން ނުވަތަ ނޫންކަން މުޅިން ސާފު ނުވާ ކަމަށެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، ވަކި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. މިހާތަނަށް މެމްބަރުން ގޮނޑި ގެއްލިފައި ހުރީ ޖިނާއީ ކުށްތައް ސާބިތުވެގެންނާއި ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުންނެވެ. ވަކި މަގާމެއް ގަބޫލުކޮށްގެން މިގޮތަށް މެމްބަރުކަމާ މެދު ސުވާލު އުފެދުނު މިއީ ފުރަތަމަ ފަހަރެވެ.