Roadha Mihaaru
ޔައުގޫބްގެ މައްސަލަ ބަލައިގެންފި

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

24 ސެޕްޓެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލި ދާންދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދޭން ހުށަހަޅާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލި ދާންދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދޭން ހުށަހަޅާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

ސުޕްރީމް ކޯޓުން ހުއްދަ ދިނީ، ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަވައި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށެވެ. ހަލީމްގެ އިތުރުން ޔައުގޫބްގެ މައްސަލަ، އިދިކޮޅު ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ.

ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުންނެވެ.

ހަލީމް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގަތީ ޗާޓަޑް އިސްޓިޓިއުޓްގެ މެމްބަރުކަމާ ޔައުގޫބް ހަވާލުވެވަޑައިގަތް ވަގުތުން ފެށިގެން ދާންދޫ ދާއިރާގެ މެމްބަރު ކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މަގާމާ ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އާ ޚިލާފަށް ކަމަށް މައްސަލައިގައިވެ އެވެ.

ކޯޓަށް އެ މައްސަލަ ހުށަހެޅީ، އިދިކޮޅު ކޯލިޝަން ޕީޕީއެމާއި ޕީއެންސީގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ. އޭނާ ވިދާޅުވީ ޔައުގޫބްގެ މައްސަލަ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އަށް ބަލާއިރު މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާތީ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެމްބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ދަރަނި ނުދެއްކުމާއި އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައުމާއި ފަނޑިޔާރަކަށް ވުމެވެ. ދައުލަތުގެ އެހެން މަގާމުތައް އަދާކުރުމަކީ މަނާ ކަމެއް ކަމަށް 73 ވަނަ މާއްދާގެ ރ. ގައި އޮތަސް، އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން އެ މާއްދާއަކު ނެތެވެ.

ޔައުގޫބް ވަނީ، އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށުމުން އެ އިންސްޓިޓިއުޓުން އިސްތިއުފާ ދެއްވައިފަ އެވެ. ދިފާއުގައި މިހާތަނަށް ވިދާޅުވެފައި ވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުންނެވެ.

ޔައުގޫބްގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކުރާ ބަހުސްގައި ގާނޫނީ ބޭފުޅުންގެ ހިޔާލު ތަފާތެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އޭނާގެ މެމްބަރުކަން ގެއްލިއްޖެ އެވެ. އަނެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އޮޮތް ގޮތުން އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަން ނުވަތަ ނޫންކަން މުޅިން ސާފު ނުވާ ކަމަށެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، ވަކި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. މިހާތަނަށް މެމްބަރުން ގޮނޑި ގެއްލިފައި ހުރީ ޖިނާއީ ކުށްތައް ސާބިތުވެގެންނާއި ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުންނެވެ. ވަކި މަގާމެއް ގަބޫލުކޮށްގެން މިގޮތަށް މެމްބަރުކަމާ މެދު ސުވާލު އުފެދުނު މިއީ ފުރަތަމަ ފަހަރެވެ.