Roadha Mihaaru
ރޭ ބެންއާ ގުޅިގެން ފޭސްބުކުން ސްމާޓް އައިނު ނެރެނީ

ރޭ ބެންއާ ގުޅިގެން ފޭސްބުކުން ސްމާޓް އައިނު ނެރެނީ

21 ސެޕްޓެމްބަރ 2020

އިޓަލީގެ މަޝްހޫރު އައިނު ބްރޭންޑް ރޭ ބެންގެ ބެލެނިވެރި ކުންފުނި އެޒިލޯރް ލަގްޒޮޓިކާއާ ގުޅިގެން ސްމާޓް އައިނު ނެރެން ފޭސްބުކުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޓަލީގެ މަޝްހޫރު އައިނު ބްރޭންޑް ރޭ ބެންގެ ބެލެނިވެރި ކުންފުނި އެޒިލޯރް ލަގްޒޮޓިކާއާ ގުޅިގެން ސްމާޓް އައިނު ނެރެން ފޭސްބުކުން ނިންމައިފި އެވެ.

އަންނަ އަހަރު ނެރެން ނިންމާފައިވާ އައިނު ކަލެކްޝަނާ ބެހޭ ގޮތުން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވީ ލަގްޒިޓާއާ ގުޅިގެން ސްމާޓް އައިނު ނެރެން ނިންމީ އެ ކުންފުންޏަކީ ފޭސްބުކް ބޭނުންވާ ކޮލީޓީގައި އައިނު އުފައްދާނެ ކުންފުންޏެއްކަން ކަށަވަރުވާތީ ކަމަށެވެ.

"ވަރަށް ފަހުން އެ މީހުންގެ ފެކްޓަރީ އަށް ޒިޔާރަތްކޮށް ލަގްޒަޓިކާގެ ޓީމާ ބައްދަލުކޮށް، މަސައްކަތްކުރާ ގޮތް ވެސް ވަރަށް ގާތުން ބަލައިލުމުގެ ފުރުސަތު ލިބުނު. އެ ހިސާބުން އެނގިއްޖެ ލަގްޒަޓިކާ އަކީ އަހަރެމެން ބޭނުންވާ ފެންވަރުގެ ކުއްފުންޏެއްކަން." ކެލިފޯނިއާގައި ބޭއްވި ފޭސްބުކް ކަނެކްޓްގައި ޒަކަބާގް ބުންޏެވެ. "އަހަރެމެންގެ އަމާޒަކީ މިހާރު މާކެޓްގައި ހުރި ސްމާޓް ސަންގްލާސްތަކަށް ވުރެ ޓެކްނޮލޮޖީގެ ގޮތުން ފުރިހަމަ އުފެއްދުމެއް ގެނެސް ދިނުން."

ފޭސްބުކް ސްމާޓް އައިނު ވެސް ނެރޭނީ ރޭ-ބަން ބްރޭންޑްގެ ދަށުންނެވެ. އަދި މި އުފެއްދުމުގައި ވާޗުއަލް އަދި އައުގްމަންޓެންޑް ރިއަލިޓީ ހިމަނާނެ އެވެ. ފޭސްބުކްގެ ސްމާޓް އައިނު ވާނީ ފެޝަނެއްގެ ގޮތުގައި ވެސް އަދި ޓެކްނޮލޮޖީގެ ގޮތުން ތަފާތުތަކެއް ތަޖުރިބާކުރެވޭނެ އުފެއްދުމަކަށެވެ.

ލަގްޒޮޓިކާއާ ގުޅިގެން ފޭސްބުކުން ސްމާޓް އައިނު ނެރެން މަސައްކަތް ކުރަމުން އަންނަ އިރު، "ޕްރޮޖެޓް އަރިއާ" ގެ ދަށުން އުފެއްދި އައިނު ފޭސްބުކްގެ މުވައްޒަފުން މިހާރު ވެސް އަންނަނީ ޓެސްޓްކުރަމުންނެވެ. އެކަމަކު މިއީ ވިޔަފާރީގެ އުސޫލުން މާކެޓަށް ނެރޭނެ އައިނެއް ނޫނެވެ. އައުގްމަންޓެޑް ރިއަލިޓީ ނުހިމެނޭ މި އައިނަކީ އޯޑިއޯ އާއި ވީޑިއޯ ކެޕްޗާކޮށް ލޮކޭޝަން ޑޭޓާ ރައްކާކޮށްދޭ އުފެއްދުމެކެވެ.

ސްމާޓް އައިނާ ގުޅޭ ގޮތުން ފޭސްބުކާއި ލަގްޒޮޓިކާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އައިނު ނެރޭނެ ތާރީހާއި އަގާއި އައިނާ ގުޅޭ ވަރަށް ގިނަ ތަފުސީލުތައް ފަހުން އާންމުކުރާނެ ކަމަށެވެ.