Roadha Mihaaru
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް

ޓްރަމްޕްގެ އެފްބީ އާއި އިންސްޓަގްރާމް އެކައުންޓް އަދިވެސް ދެވޭކަށް ނެތް

18 އެޕްރީލް 2021

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ތެރޭ ޖެނުއަރީ މަހު ހިންގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން ބްލޮކްކޮށްފައިވާ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޑްރަމްޕްގެ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓް ދޫކޮށްލެވެން އަދިވެސް ނެތް ކަމަށް ފޭސްބުކްގެ އޯވަސައިޓް ބޯޑުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ތެރޭ ޖެނުއަރީ މަހު ހިންގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން ބްލޮކްކޮށްފައިވާ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޑްރަމްޕްގެ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓް ދޫކޮށްލެވެން އަދިވެސް ނެތް ކަމަށް ފޭސްބުކްގެ އޯވަސައިޓް ބޯޑުން ބުނެފި އެވެ.

ކުރިން އޮތް ގޮތުން އެކައުންޓް ބްލޮކްކޮށްފައި އޮތް ސުންގަޑި މި މަހުގެ 21 އަށް ހަމަވާނެ އެވެ.

އޯވަސައިޓް ބޯޑުން ކުރި ޓްވީޓްތަކެއްގައި ބުނީ އެކައުންޓްތައް އަލުން އިޔާދަކޮށްދެވޭނެ އިރަކާ މެދު ކުރިއަށް އޮތް ހަފުތާތަކުގައި ގޮތެއް ނިންމާނެ ކަމަށެވެ. އެކަން މި ދަނޑިވަޅުގައި ކުރެވެން ނެތީ އެކަމާ ގުޅިގެން އާންމުންގެ ފަރާތުން ލިބިފައިވާ ކަންބޮޑުވުންތައް ބަލާތީ އާއި ޝަކުވާތައް އަދިވެސް ބަލައިގަތުން ކުރިއަށްދާތީ ކަމަށް ބުންޏެވެ.

ޓްރަމްޕްގެ އެކައުންޓްތަކާ ގުޅުން ހުރި މި މައްސަލަ އަކީ އޯވަސައިޓް ބޯޑުން މިހާތަނަށް ބަލާ އެންމެ ބޮޑު މައްސަލަ އެވެ. މާކް ޒަކަބާގްގެ ފޭސްބުކްގެ އެ ބޯޑްގައި 20 މެމްބަރުން ހިމެނެ އެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުންނާއި ވަކީލުންނާއި ތައުލީމީ ދާއިރާގެ ތަޖުރިބާކާރު މީހުން ހިމެނެ އެވެ.

ފާޑުކިޔާ ފަރާތްތަކުން އޯވަސައިޓް ބޯޑް ސިފަކުރަނީ "ފޭސްބުކްގެ ސުޕްރީމް ކޯޓް" ގެ ގޮތުގަ އެވެ.

ޓްރަމްޕްގެ ފޭސްބުކާއި އިންސްޓަގްރާމް ބްލޮކްކުރަން މަޖުބޫރުވީ ކެޕިޓޮލްގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދެއްވުމާއި ޓްރަމްޕަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން ވޯޓާ ގުޅޭ ގޮތުން ސައްހަ ނޫން ވާހަކަތައް ފަތުރަމުން ދިއުމާ ގުޅިގެންނެވެ.

ފޭސްބުކާއި އިންސްޓްގްރާމެގެ އިތުރުން ޓްރަމްޕްގެ ޓްވިޓާ އާއި ޔޫޓިއުބް ޗެނެލް ވެސް ބްލޮކްކޮށްފައިވެ އެވެ.

ޓްރަމްޕްގެ އެޑްވައިޒަރު ޖޭޒަން މިލާ މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައިވާ ގޮތުގައި ވަރަށް އަވަހަށް ޓްރަމްޕް "އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް" އަކާ އެކު އެނބުރި ވަޑައިގަންނަވާނެ އެވެ. އަދި އެ ވާނީ މިހާރު ހުރި ޕްލެޓްފޯމްތަކަށް ގޮންޖަހައިލާނެ އެއްޗަކަށް ކަމަށް ވެސް ވިދާޅުވި އެވެ.