Roadha Mihaaru
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ

ޓްރަމްޕްގެ ފޭސްބުކް އެކައުންޓް އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ

05 މެއި 2021

ޖެނުއަރީ މަހު ބްލޮކް ކުރި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކް އެކައުންޓް އަލުން އިޔާދަކޮށް ދިނުމާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމާނެ ކަމަށް ފޭސްބުކްގެ އޯވަސައިޓް ބޯޑުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖެނުއަރީ މަހު ބްލޮކް ކުރި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކް އެކައުންޓް އަލުން އިޔާދަކޮށް ދިނުމާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމާނެ ކަމަށް ފޭސްބުކްގެ އޯވަސައިޓް ބޯޑުން ބުނެފި އެވެ.

އެތަނުން ކުރި ޓްވީޓެއްގައި މި ވާހަކަ ބުނެފައި ވަނީ ޓްރަމްޕްގެ އެކައުންޓާ ގުޅޭ ގޮތުން ލިބުނު ގިނަ އަދަދެއްގެ ޝަކުވާތައް ބަލަމުން އަންނަ ކަމަށް މިދިޔަ މަހުގެ 16 ގައި ބުނެފައި ވަނިކޮށެވެ. އޭރު ބޯޑުން ބުނެފައި ވަނީ ޓްރަމްޕްގެ އެފްބީ އެކައުންޓާ ގުޅޭ ގޮތުން 9،000 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާތީ އެ ހުރިހާ ޝަކުވާތަކެއް ބަލަމުން އަންނަ ކަމަށެވެ. އެހެންވެ މި ދަނޑިވަޅުގައި ޓްރަމްޕްގެ އެފްބީ އެކައުންޓާއި ފޭސްބުކްގެ ދަށުން ދަށުން ހިންގާ އިންސްޓަގްރާމް އެކައުންޓް ވެސް އިޔާދަކޮށްދެވެން ނެތް ކަމަށެވެ.

އޯވަސައިޓް ބޯޑުން ބުނީ އެކައުންޓް އިޔާދަކޮށް ދިނުމާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމައި އެކަން އެތަނުގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށެވެ.

ޓްރަމްޕްގެ އެކައުންޓްތައް ބްލޮކްކުރީ ޖެނުއަރީ މަހުގެ 6 ގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކެޕިޓޮލް ހިލްގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދެއްވުމާއި ނޮވެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބު ޓްރަމްޕަށް ނާކާމިޔާބުވުމުން ވޯޓާ ގުޅޭ ގޮތުން ސައްހަ ނޫން ވާހަކަތައް ފަތުރަމުން ދިއުމާ ގުޅިގެންނެވެ.

އެ ދުވަސްވަރު ފޭސްބުކާއި އިންސްޓްގްރާމްގެ އިތުރުން ޓްރަމްޕްގެ ޓްވިޓާ އާއި ޔޫޓިއުބް ޗެނެލާއި ސްނެޕް ޗެޓް އެކައުންޓް ވެސް ބްލޮކްކޮށްފައިވެ އެވެ. ޓްވިޓާ އިން ޓްރަމްޕް ނެރެލީ ދާއިމަށެވެ.

އޭނާގެ އެފްބީ އެކައުންޓް އިޔާކޮށްދިނުމުގެ ވާހަކަ އޯވަސައިޓް ބޯޑުން ބުނެފައި މި ވަނީ އެމެރިކާގެ ފްލޮރިޑާ އިން ސޯޝަލް މީޑިއާތަކާ ދެކޮޅަށް ގާނޫނެއް ވެސް ތަސްދީގުކުރަން ތައްޔާރުވަމުން ދަނިކޮށެވެ. އޭގައި ވާ ގޮތުން ސިޔާސީ މީސްމީހުންގެ އެކައުންޓެއް ބްލޮކްކުރެވޭނީ ގިނަވެގެން 14 ދުވަހަށެވެ. އަދި އެކަމާ ހިލާފުވާ ނަމަ އެ ކުންފުންޏެއް ކޮންމެ ދުވަހަކު މަދުވެގެން 250،000 ޑޮލަރުން ޖޫރިމަނާކުރުމުގެ ފުރުސަތު ލިބިދޭނެ އެވެ.