Roadha Mihaaru
ޖިހާދާއި މުނައްވަރުގެ މައްސަލަ ފުރިހަމަކުރަން އެދިއްޖެ

ޖިހާދާއި މުނައްވަރުގެ މައްޗަށް ދައުވާކޮށްދޭން ހުށަހެޅި މައްސަލަ ފުރިހަމަކުރަން އެދިއްޖެ

20 ސެޕްޓެމްބަރ 2020

ޓޫރިސްޓު ރިސޯޓް ތަރައްގީ ކުރަން ޖޮއިންޓް ވެންޗާ އުސޫލުން ހަތް ރަށެއް ދޫކުރުމާ ގުޅޭ މައްސަލަތަކެއްގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ މައްޗަށް ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދުނު މައްސަލަ އިތުރަށް ފުރިހަމަކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓޫރިސްޓު ރިސޯޓް ތަރައްގީ ކުރަން ޖޮއިންޓް ވެންޗާ އުސޫލުން ހަތް ރަށެއް ދޫކުރުމާ ގުޅޭ މައްސަލަތަކެއްގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ މައްޗަށް ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދުނު މައްސަލަ އިތުރަށް ފުރިހަމަކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެދިއްޖެ އެވެ.

މިކަން ޕީޖީ އޮފީހާއި އޭސީސީން ވެސް މިރޭ ކަށަވަރު ކޮށްދިނެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޑިއުޓީ ޕްރޮސިކިއުޝަންގައި، ބައެއް ކަންކަން އިސްލާހުކުރަން އޭސީސީގައި ވާނީ އެދިފައި ކަމަށެވެ. އެކަމަކު މައްސަލަ އަނބުރާ ފޮނުވައެއް ނުލަ އެވެ.

އޭސީސީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ދައުވާ އުފުލައިދޭން އެދިފައިވާ މައްސަލައިގައި ޕީޖީ އޮފީހުން ފުރިހަމަކުރަން އެދުނު ކަންކަން ފުރިހަމަކޮށް ހުށަހަޅާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވުމަށް ފަހު ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތް ޖިހާދުގެ އިތުރުން އޭރުގެ ޒުވާން ފިނޭންސް މިނިސްޓަރު މުނައްވަރު އަދި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރުގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ވަނީ އެދިފަ އެވެ. މި ދައުވާކޮށްދޭން އޭސީސީން އެދުނީ މިދިޔަ މަހުގެ 13ގަ އެވެ.

މި ދައުވާކޮށްދޭން އޭސީސީން އެދުނީ ޓޫރިޒަމަށް ޖޮއިންޓް ވެންޗާގެ އުސޫލުން ދޫކުރި ހަތް ރަށެއްގެ ތެރެއިން ހަ ރަށެއްގެ ހިއްސާ ސަރުކާރުން ދޫކޮށްލުމުންނެވެ. ޓޫރިޒަމް ގާނޫނުގައި އޮންނަ ގޮތުން ހިއްސާ ދޫކޮށްލުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ އެއްބަސްވުންތަކުގައި، ކުއްޔަށް ދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗަ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާ ޖޮއިންޓް ވެންޗަ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާ ނުލާ ބަދަލުކުރޭވޭނެ ގޮތަށް ހިމެނުމަކީ ދައުލަތަށް ގެއްލުންވާ ކަމެއްގެ ގޮތުގައި އޭސީސީން ވަނީ ތަހުގީގުގައި ފާހަގަކޮށްފަ އެވެ.

އުފުލައިދޭން އެދުނު ދައުވާތައް:

- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން.

- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ.

- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ.

- ގާނޫނުލްއުގޫބާތުގެ 512 (ހ) ގެ ދަށުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގި ހުރެ، ގާނޫނުގައި ހުއްދަކޮށްފައި ނުވާ ކަމެއް ކޮށްފައިވާ ކަމުގެ ދައުވާ.

- ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ.

އޭސީސީން ތަހުގީގުކުރީ ޓޫރިސްޓު ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ބ. ތިލަދު އާއި ށ. ހުރަސްފަރާއި ށ. ނާއިންފަރާއި ރ. ފަސްމެންދު އާއި ކ. އެނބޫދު ފިނޮޅާއި ކ. ކޮއްދިއްޕަރުފަޅު (ދިއްދޫ ފިނޮޅު) އާއި ކ. ކޮއްދިއްޕަރުފަޅު (އަމީންގިރީ)ގެ ދޫކުރި ގޮތެވެ. މި ރަށްތަކުގެ މައްސަލަތައް ތަހުގީގުކޮށްދޭން އެދުނީ ޖޮއިންޓް ވެންޗަ އެއްބަސްވުންތަކުގެ ދަށުން ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކުރި ހަތް އެއްބަސްވުމުގައި ތަރައްގީކުރަން ނިންމި ރަށްތަކުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް، ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާ ނުލައި ދޫކޮށްލަން ލާޒިމްވާގޮތަށް “ޕުޓް-އޮޕްޝަން ރައިޓް” ހިމަނާފައިވާ ކަމަށް ބުނެ އެވެ.

މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ނައިބު ރައީސް ޖިހާދެވެ. މުނައްވަރުގެ މައްޗަށް ދައުވާ އުފުލަން އެދުނީ ބ. ތިލަދޫ ތަރައްގީކުރަން ވި އެއްބަސްވުމުގައި އެއްވެސް އަގަކާ ނުލައި ސަރުކާރުގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރެވޭގޮތަށް ސޮއި ކުރައްވާފައިވާތީ ކަމަށް އޭސީސީން ބުންޏެވެ. ލިރާރުގެ މައްޗަށް ދައުވާ އުފުލަން އެދުނީ ބައެއް އެއްބަސްވުންތަކުގައި އޭނާ ސޮއިކުރައްވާފައިވާތީ އެވެ.

އޭސީސީން ފާހަގަކުރާ މައްސަލަތައް:

ކޮމިޝަނުން ބުނިގޮތުގައި މި އެއްބަސްވުންތަކުގައި ކަން ހިނގި ގޮތަށް ބެލިއިރު، ހަތް ރަށުގެ ތެރެއިން ތިލަދޫ ފިޔަވައި އެހެން ރަށްތައް ދޫކުރީ ޓޫރިޒަމް ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި އޮންނަނީ، ޓޫރިސްޓު ރިސޯޓް ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަން ވާނީ ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށް އިއުލާންކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށެވެ. ސަރުކާރުން އިންވެސްޓްކުރާ ނުވަތަ ސަރުކާރު ބައިވެރިވެގެން އިންވެންސްޓްކުރާ ރަށްރަށާއި ބިން ބިން މި އުސޫލުން އިސްތިސްނާވާނެ އެވެ.

ތިލަދޫ ކުއްޔަށް ދޫކުރީ ޓޫރިޒަމް ގާނޫނުގެ 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު13/2016) އައުމުގެ ފަހުންނެވެ. އޭގައި އޮންނަނީ، ޓޫރިޒަމާ ބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ގާނޫނުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތައް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރު ހިމެނޭ ގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ފިނޭންސް މިނިސްޓްރީން އާއްމުކުރާ އުސޫލެއްގެ ދަށުން އެ ޖޮއިންޓްވެންޗާ ކުންފުނީގެ ހިއްސާދާރަށް ނުވަތަ ހިއްސާދާރުންނަށް ވިއްކާލުމުގެ އިހްތިޔާރު ސަރުކާރަށް ދޫކޮށްލެވެ އެވެ.

އޭސީސީން ބުނިގޮތުގައި ތިލަދޫ ތަރައްގީކުރަން ފިނޭންސް މިނިސްޓްރީ އާއި އަމިއްލަ ކުންފުންޏަކާ އެކު ސޮއިކުރި ޖޮއިންޓު ވެންޗާ އެއްބަސްވުމުގައި “ޕުޓް-އޮޕްޝަން ރައިޓް” މާއްދާ ހިމަނާފައިވީ ނަމަވެސް ޓޫރިޒަމް ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ކ) ގެ ދަށުން ސަރުކާރަށް ލިބެނީ ސަރުކާރާ އެކު ޖޮއިންޓް ވެންޗާގައި ބައިވެރިވާ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ “ވިއްކާލުމުގެ” އިޚްތިޔާރެވެ. ސަރުކާރުގެ ހިއްސާ އެގްރިމެންޓްގެ އަނެއް ބައިވެރިޔާއަށް އެއްވެސް އަގަކާ ނުލައި ދިނުމުގެ ބާރާއި އިޚްތިޔާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށް އޭސީސީން ބުންޏެވެ.

އެއްބަސްވުން ހެދި ހަތް ރަށުގެ ތެރެއިން ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ އޭސީސީން ބުނީ ޓޫރިޒަމްގެ ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހާލަތުގެ ދަށުން އާންމު އިއުލާނުކޮށްގެން ރަށްތައް ކުއްޔަށް ދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓު ވެންޗަ އެގްރީމެންޓުތަކެއްގެ ދަށުން ހަދާ ޖޮއިންޓު ވެންޗަ ކުންފުނިތަކާ އެކު ލީސްއެގްރީމެންޓް ހަދައިގެން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެކެވެ. އެ ރަށްތަކަށް ލީސް އެކުއިޒިޝަންގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީ ނަމަވެސް ޓޫރިޒަމް ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހާލަތަކީ އެ ހާލަތުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗަގެ ދަށުން ޓޫރިސްޓް ރިސޯޓުތައް އޮޕަރޭޓްކުރަން ފެށުމުން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން، ސަރުކާރުން ކުރާ އިންވެސްޓްމަންޓްގެ ބަދަލު ލިބިލިބި ހުރުމުގެ މުގާބިލުގައި ދެވޭ އިސްތިސްނާއެއް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް އޭސީސީން ބުންޏެވެ.

ޖޮއިންޓު ވެންޗަ އެގްރީމެންޓުގެ 11 ވަނަ މާއްދާގައި، ކުއްޔަށްދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗަ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު 5 ޕަސެންޓް ހިއްސާ ޖޮއިންޓް ވެންޗަ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއިނުލާ ބަދަލުކުރޭވޭނެ ގޮތަށް މާއްދާއެއް ހިމަނާފައި ވުން މައްސަލައެއްގެ ގޮތުގައި އޭސީސީން ފާހަގަކޮށްފައިވެ އެވެ. އެ މާއްދާ ހިމަނާފައި ވަނީ އެސީސީން ބުނިގޮތުގައި ބައެއް އިންވެސްޓަރުންނާ އެކު ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކޮށްގެންނެވެ.

އެ މާއްދާ ހިމަނަން އެއްބަސްވިކަން ބައެއް ރަށްތަކަށް އިންވެސްޓަރުން ހުށަހަޅާފައިވާ ސިޓީތަކުން އެނގެން އޮތް ކަމަށް ވެސް އޭސީސީން ބުންޏެވެ.