Roadha Mihaaru
އެކައުންޓް ދޫކޮށްލި މައްސަލާގެ އަޑުއެހުން ނިންމާލައިފި

ޔާމީންގެ އެކައުންޓްތައް ދޫކޮށްލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

21 ސެޕްޓެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން އެކައުންޓްތައް ދޫކޮށްލި މަައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން އެކައުންޓްތައް ދޫކޮށްލި މަައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ޔާމީންގެ ބޭންކް އެކައުންޓްތައް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒް ކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖްރައާތު ފުރިހަމަ ނުކޮށް، އެ އަމުރު ނެރެފައިވާތީ ކަމަށް ބުނެ އެވެ. އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮޮށްފަ އެވެ.

އެ މައްސަލާގައި ދެ ފަރާތުގެ ވާހަކަތަކަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އަޑުއެހުންތައް އެއްކޮށް ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުގެ ބައެއް ސުވާލުތައް މިއަދު ވެސް ފުލުހުންނާއި ދައުލަތަށް އަމާޒުވި އެވެ. ތުހުމަތު ކުރެވެނީ އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކަށް ވާއިރު، ޔާމީންގެ ހުރިހާ އެކައުންޓެއް ފްރީޒްކުރަން އެދުނީ ކީއްވެގެންތޯ ސުވާލު ކުރުމުން ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓާ ހުސައިން ލިރާރު ވިދާޅުވީ އެ މައްސަލައިގައި ފާހަގަކުރެވޭ ފައިސާގެ އަދަދު 100 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އޭގެ ތަފްސީލުތައް ހާމަކުރަން އޭނާ އުޅުމުން ފަނޑިޔާރުންގެ ބެންޗުގައި މަޝްވަރާ ކުރުމަށް ފަހު ފުލުހުންނާ ސުވާލުކުރީ އެ އަދަދުތަކާއި އޭގެ ތަފްސީލުތައް ކްރިމިނަލް ކޯޓަށް ހުށަހެޅިންތޯ ވިދާޅުވެ އެވެ. ޖަވާބުގައި ލިރާރު ވިދާޅުވީ ބޭންކް ސްޓޭޓްމަންޓްތަކުގެ ކޮޕީ ހުށަހަޅާފައިވާނެ ކަމަށާއި އެކަމަކު އަމުރަށް އެދުނު ފޯމްގައި އެ ވާހަކަ ނޯންނާނެ ކަމަށެވެ. އެހެންވެ، ފަނޑިޔާރުންގެ ބެެންޗުން އެންގެވީ އެ ވާހަކަ އިތުރަށް ނުދެއްކުމަށެވެ.

"ތި ތަފްސީލް މިވަގުތު އަޅުގަނޑުމެންނަށް ބަލައިގަންނަން ދަތި. އެހެންވީމަ އެ ބައި ކުރިއަށް ނުގެންދާނަން،" ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުޥި އެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރުމަކީ ފުލުހުން ކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ އަދަދަކީ އެއް މިލިއަން ޑޮލަރުގެ ފައިސާ ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ކަމަށެވެ. އަދި މީހުންނަށް އާމްދަނީ ލިބޭ ހަމައެކަނި މަގަކީ މުސާރަ ކަމަށް ފުލުހުން ދެކިގެން ނުވާނެ ކަމަށާއި 100 މިލިއަން ރުފިޔާއާ ގުޅޭގޮތުން ފުލުހުން ސުވާލުކުރި ނަމަ، ޖަވާބު ދެއްވީސް ކަމަށް ވިދާޅުވި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ބާގަނޑުތަކެއް ހޯދައިގެން ބޭންކްތަކުގެ ކަސްޓަމަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ދައުލަތަށް ވަކާލާތު ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ މަނިކުފާނުގެ އެއް އެކައުންޓުން ދެ ވަނަ އެކައުންޓަކަށް ފައިސާ ބަދަލު ކުރުމަކީ އެ ފައިސާގެ އަސްލު އޮޅުވާލައި، ފައިސާ ފޮރުވަން އުޅުނީ ކަމަށް ބެލެވޭނެ ގޮތެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މުއާމަލާތް ހިންގިއިރު ފައިސާއާ މެދު އެއްވެސް ތުހުމަތެއް އޮތްކަން އަންގާފައި ނުވާ ކަމަށާއި ފުލުހުން އެދިގެން ފްރީޒްކުރީ މައްސަލައާ ގުޅުންހުރި ފައިސާއެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހައި ކޯޓުން ނިންމީ ޔާމީންގެ އެކައުންޓް ފްރީޒްކުރަން އަމުރު ނެރުނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ހ. ގައި ބަޔާންކުރާ އިޖްރައާތު ފުރިިހަމަ ނުކޮށް ކަމަށެވެ. އެއީ އެ މާއްދާގެ ދަށުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ނެރެވޭނީ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރެއް ހޯދުމަށް ފަހު ކަމަށް ވެފައި، އެފަދަ އަމުރެއް ކުރިން ހޯދާފައި ނެތުމުންނެވެ، އެހެން ނަމަވެސް ދައުލަތުން ބުނަނީ 72 ވަނަ މާއްދާގެ ހ. ގައި ބުނާ އިޖްރައާތަށް އެ މާއްދާގެ ބ. ގެ ދަށުން އިސްތިސްނާ ހާލަތްތަކުގައި އެ އިޖްރައާތަށް އަމަލު ކުރަން ނުޖެހޭ ކަމަށެވެ. އަދި އެ މާއްދާގެ ބ. އޮތްގޮތުން ތަހުގީގީ އިދާރާތަކުން އެކައުންޓް ފްރީޒްކުރަން ބޭނުންވާ ނަމަ އެ އިޖްރައާތަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން ވަނީ ހުކުމް ކޮށްފަ އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ މައްސަލަ އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.