ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ ހެދި މާލެ އަށް ދަތުރުކުރުން އުނދަގޫވެފައި ވާތީ، ބޭސްފަރުވާ އަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ދާ މީހުން ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
23 ސެޕްޓެމްބަރ 2020
ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ ހެދި މާލެ އަށް ދަތުރުކުރުން އުނދަގޫވެފައި ވާތީ، ބޭސްފަރުވާ އަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ދާ މީހުން ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަ ޖެނަރަލް މުހައްމަދު އަބްދުއްސަމަދު "މިހާރު" އަށް ވިދާޅުވީ އއ. އަތޮޅާއި ލ. އަތޮޅާ ދެމެދުގައި އޮންނަ ހަ އަތޮޅުން ބޭސްފަރުވާ ހޯދަން މިހާރު ގަމު ހޮސްޕިޓަލަށް އަންނަ ކަމަށެވެ. ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން އެ ރަށުން އާންމުކޮށް ބޭސްފަރުވާ ހޯދަމުން ދިޔައީ ތ. އަދި ލ. އަތޮޅާ އެކު އަށެއްކަ އަތޮޅުގެ މީހުން ކަމަށް އެތަނުން ބުންޏެވެ.
"މީގެ ކުރިން [ބަލިމަޑުކަމުގެ ކުރިން] އޯޕީޑީ އިން ދުވާލަކު ބަލަމުން އައީ އާންމުކޮށް 150-200 އެއްހާ ބަލި މީހުން. އެކަމަކު މިހާރު ގާތްގަނޑަކަށް 300-350 އާ ދެމެދުގެ އަދަދަކަށް ބަލި މީހުން ބަލަން،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ، އއ. އާއި އދ. އަތޮޅުން ވެސް 100 އަށް ވުރެ ގިނަ މީހުން ސިއްހީ ފަރުވާ ހޯދަން މިއަދު ގަމަށް ދިޔަ ކަމަށެވެ. މިގޮތަށް ދުރު ރަށްރަށުން އަންނަ މީހުން އާންމުކޮށް 3-4 ދުވަހު އެ ރަށުގައި މަޑުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލަން އެހެން ދުރު ރަށްރަށުން އަންނަ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން، ފުރަން ވާއިރަށް ހުރިހާ ކަމެއް ހަމަޖައްސައިދެވޭތޯ. އާންމުކޮށް ޑޮކްޓަރަށް ދައްކާ އަދަދަށް ވުރެ ގިނައިން އެެޕޮއިންޓްމަންޓް ހަމަޖައްސައިގެން ނަމަވެސް،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ އެންމެ ގިނަ މީހުން އެ ރަށަށް ދަނީ ކަށީގެ ޑޮކްޓަރަށާއި ކުޑަކުދިންގެ ޑޮކްޓަރަށާއި އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދައްކަން ކަމަށެވެ. އެތެރެހަށީގެ ހާއްސަ ޑޮކްޓަރަށް ދައްކަން ވެސް އެ ރަށަށް ގިނަ ބަޔަކު ދެ އެވެ. ނަމަވެސް މި ދުވަސްވަރު އެ ހޮސްޕިޓަލުގައި އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދަން މިދިޔަ އަންގާރަ ދުވަހު ދިޔަ ބަޔަކު ގަމު ޖެޓީ ސަރަހައްދުގައި.
"މި ހޮސްޕިޓަލުގައި މަސައްކަތްކުރި އެތެރެ ހަށީގެ ޑޮކްޓަރު، އޭނާގެ ކޮންޓްރެކްޓް ހަމަވުމުން އަލެއް ނުކުރި. އެކަމަކު އަޅުގަނޑުމެން މި އަންނަނީ ކައިރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ވާހަކަ ދައްކައިގެން އެކި ތަންތަނުން ހަފުތާއެއްހާ ދުވަހަށް ޑޮކްޓަރުން ގަމަށް ގެންނަމުން،" މުހައްމަދު ވިދާޅުވި އެވެ.
މިވަގުތު ޑޮކްޓަރުން ގެންނަން ދަތިވެފައި ވަނީ ބަލިމަޑުކަމާ ހެދި، ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއަށް ދަތުރުކޮށްފި ނަމަ ރަށަށް އަނބުރާ ގޮސް 14 ދުވަހު ކަރަންޓީނުގައި މަޑުކުރަން ޖެހޭނެތީ، މާލެ އައުމުގެ ބަދަލުގައި ރަށްރަށުން މީހުން މިހާރު ޑޮކްޓަރަށް ދައްކަން ގިނައިން ދަނީ ރީޖަނަލް ހޮސްޕިޓަލްތަކަށެވެ. މިދުވަސްވަރު ހދ. ކުޅުދުއްފުއްޓަށް ވެސް ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަންދެ އެވެ.
އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އަންގައިފި
ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
މި ސަރަހައްދުން ބޭސް އެތެރެކުރާތީ ނަޒީރުގެ ކަންބޮޑުވުން
އެމްއެފްޑީއޭއިން ޖީން ސީކުއެންސް ޓެސްޓު ހަދަން ފަށައިފި
ސަރުކާރުން ހައްލެއް ހޯދައި ނުދެވުމުން މަޖިލީހަށް!
ގަމުގައި ސިޒޭރިއަން ހެދި މީހެއް ހާލު ދެރަވެ މާލެއަށް
ފަސް ހޮސްޕިޓަލް އަމިއްލައަށް ހިންގާ ގޮތަށް ބަދަލުކުރަނީ
ކެންސަރު ހޮސްޕިޓަލު މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ