Roadha Mihaaru
އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އަންގައިފި

އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން ލ. ގަން ހޮސްޕިޓަލުން އަންގައިިފި

05 ސެޕްޓެމްބަރ 2021

މި ދުވަސްވަރު އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ފަދަ ބަލިތަކުގައި ޑޮކްޓަރަކަށް ދައްކާ މީހުން ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެކަމަށް ސަމާލުވާން ލ. ގަން ރީޖަނަލް ހޮސްޕިޓަލުން މިއަދު އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ދުވަސްވަރު އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ފަދަ ބަލިތަކުގައި ޑޮކްޓަރަކަށް ދައްކާ މީހުން ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެކަމަށް ސަމާލުވާން ލ. ގަން ރީޖަނަލް ހޮސްޕިޓަލުން މިއަދު އަންގައިފި އެވެ.

ގަމު ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ޖެހިގެން ޑޮކްޓަރަށް ދައްކަން ދާ މީހުން އިތުރަވެފައިވާކަން އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. މި ރޯގާއަކީ ވަރަށް ފަސޭހަ އިން ފެތުރޭ ބައްޔަކަށް ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށާއި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި ރޯގާ ޖެހިއްޖެ ނަމަ، ގިނައިން ދިޔާ ތަކެތި ބޭނުންކުރަން ވެސް ވަނީ އެދިފަ އެވެ. ރޯގާގެ އެއްވެސް އަލާމަތެއް ހުރި ނަމަ، ސްކޫލާއި އޮފީސް އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އަންގައިފަ އެވެ.

ހެލްތު މިނިސްޓްރީން މިދިޔަ ޖޫން މަހު އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ ދެ އަހަރުގެ އެ ދުވަސްވަރާ އަޅާ ބަލާއިރު، މި އަހަރުގެ އެޕްރީލް އިން ފެށިފެން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފަ އެވެ. ޖޫން މަހު އަރިދަފުސް ރޯގާގެ 5،168 ކޭސް ރިޕޯޓްކޮށްފައިވާއިރު، ވައިރަލް ހުމުގެ ރިޕޯޓްކޮށްފައި ވަނީ 1،956 ކޭސްއެކެވެ.

އަރިދަފުސް ރޯގާ ޖެހޭ މީހުން އިތުރުވާ ކަމަށް ގަމު ހޮސްޕިޓަލުން ބުނެފައިވާއިރު، ހަމަ އާންމު ރޯގާގެ އަލާމާތްތައް ފެންނަ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވެސް ރަށްރަށުގައި ދަނީ އިތުރުވަމުންނެވެ.