Roadha Mihaaru
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ

ޓާޝަރީ ފެންވަރަށް ބަދަލުކުރަން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ސާމާނު ފޮނުވައިފި

26 ޖޫން 2020

ލ. ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ބައެއް ސާމާނު ހެލްތު މިނިސްޓްރީން ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ބައެއް ސާމާނު ހެލްތު މިނިސްޓްރީން ފޮނުވައިފި އެވެ.

އޭގެ ތެރޭގައި ޑެންޓަލް ލެބަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ އާއި ކަށީގެ ފަރުވާ އާއި ލޮލުގެ ފަރުވާ އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ލެޕެރޮސްކޮޕީ ސެޓު އަދި ކުޑަކުދިންނަށް ހާއްސަ ވެންޓިލޭޓަރު ހިމެނެ އެވެ. މީގެ ކުރިން ވެސް އެ ހޮސްޕިޓަލަށް ބޭނުންވާ މުހިއްމު ވަސީލަތްތައް ގެންގޮސްފައި ވެ އެވެ.

ގަމު ހޮސްޕިޓަލުގައި މިހާރު ވެސް 11 ދާއިރާއެއްގެ ޚާއްސަ ޑޮކްޓަރުން ތިބެ އެވެ. އެއީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކާއި ކަށީގެ ބަލިތަކާއި ހަމާ ގުޅޭ ބަލިތަކާއި އެތެރެ ހައްޓާއި ކަރުންމަތީގެ ޑޮކްޓަރުންނާއި ލޮލުގެ ހާއްސަ ޑޮކްޓަރުންނާއި ނަފްސާނީ ބަލިތަކާއި އޮޕަރޭޝަން ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރާއި ސްކޭން ޑޮކްޓަރު އަދި ދަތުގެ ޑޮކްޓަރެވެ.

"ގިނައީ ޑޮކްޓަރުން ތިބެފައި ވަސީލަތްތައް ނެތީމަ ހިދުމަތް ނުފެށި ކަންކަން. އެ މެޝިންތައް ބަހައްޓައި ވީހާ ވެސް އަވަހަކަށް ހިދުމަތް ދޭން ފަށަންވީ،" ނަޝީދު ވިދާޅުވި އެވެ.

ޓާޝަރީ ފެންވަރަށް ޚިދުމަތް ބަދަލުކުރަން ބޭނުންވާ ތަކެއްޗާއެކު، ގަމު ހޮސްޕިޓަލުގައި ގާއިމްކުރާ ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ބޭނުންވާ ގިނަ މެޝިނަރީ އަދި އިކުއިޕްމަންޓް ވެސް ފޮނުވާފައި ވެ އެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރާއި ތަނަށް ބޭނުންވާ އެހެން މެޝިންތައް ހިމެނެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ތެރެއިން، އެކި ސަރަހައްދުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތައް އަންނަނީ ތަރައްގީ ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ރ. އުނގޫފާރު ސަރަހައްދީ ހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވެސް ފޮނުވާފައި ވެ އެވެ.