ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަވަސް ކޮށްދޭން ލ. އަތޮޅު ކައުންސިލުން، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މިއަދު އެދިއްޖެ އެވެ.
27 ސެޕްޓެމްބަރ 2021
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަވަސް ކޮށްދޭން ލ. އަތޮޅު ކައުންސިލުން، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މިއަދު އެދިއްޖެ އެވެ.
ސިއްހީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ ރާއްޖޭގެ އެންމެ ބޮޑު ރަށުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމައި، އެކަމުގެ ތައްޔާރީތައް ފަށައިފަ އެވެ. މިއީ، ވަކި ބައްޔަކަށް ހާއްސަކޮށްގެން ފަރުވާ ދިނުމަށް ރާއްޖޭގައި އިމާރާތްކުރާ އެންމެ ފުރަތަމަ ހޮސްޕިޓަލެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ލ. އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅުގެ ރަށްރަށުގައި ހިންގަން ހަމަޖައްސާފައިވާ މަޝްރޫއުތައް އަވަސް ކޮށްދިނުމަށް އެދިފަ އެވެ. އޭގެ ތެރޭގައި، ގަމުގައި އިމާރާތްކުރަން ހަމަޖައްސާފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށުމާއި ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްރަށުގެ ކަންކަން އަވަސްކޮށްދިނުން ހިމެނެ އެވެ.
ލ. އަތޮޅުގައި ހަދަން ހަމަޖައްސާފައިވާ ދެ ކޯޒްވޭގެ އަމަލީ މަސައްކަތާއި ގައުމީ ޔުނިވާސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ ޕްރޮޖެކްޓު އަވަސް ކޮށްދިނުމަށް ވެސް އެ ކައުންސިލުން ނައިބު ރައީސްގެ އަރިހުގައި އެވެ.
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދުނުއިރު، އެ މަޝްރޫއު ގަމުގައި ކުރިއަށް ގެންދަން ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ނުރުހެ އެވެ.
އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސިއްހީ ހިދުމަތް ކުރިއަރާފައި ނެތް ތަނެއްގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެ ކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް ރާއްޖޭގެ އިސް ޑޮކްޓަރުންތަކެއް މިދިޔަ މަހު ނައިބު ރައީސް ފައިސަލްއާ ވެސް ބައްދަލުކުރި އެވެ.
އެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި، ކެންސަރު ބަލީގެ ހާއްސަ ޑރ. މުހައްމަދު އަމްރު އަހުމަދު "މިހާރު" އަށް ވިދާޅުވީ ކެންސަރު ހޮސްޕިޓަލެއް ރާއްޖެއަށް މުހިންމު ކަމަށެވެ. ނަމަވެސް ވަސީލަތްތައް ހުރިގޮތުން އެފަދަ ހޮސްޕިޓަލެއް އެޅުން އެންމެ ބުއްދިވެރީ މާލޭ ސަރަހައްދުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ކެންސަރަކީ ހަށިގަނޑުގެ ވަކި ތަނެއްގައި އުފެދެން ނުޖެހޭ ވަރަށް ސެލްތަކެއް އުފެދި ދިމާވާ މައްސަލައެކެވެ. މިކަން ހަށިގަނޑުގެ ކޮންމެ ދިމާލަކަށް ވެސް ދިމާވެދާނެ އެވެ. ކެންސަރުގެ ބާވަތްތައް އެހާ ގިނައީ ވެސް އެހެންވެ އެވެ. އަދި ކެންސަރަށް ފަރުވާ ދިނުމަށް އެ ބައްޔަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން ހަށިގަނޑުގެ އެ ބައެއްގަައި ކެންސަރު އުފެދޭ ސަރަައްދަކަށް ހާއްސަ ޑޮކްޓަރުންގެ ލަފާ ވެސް ބޭނުންވަނީ އެހެންވެ އެވެ.
ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ 2،000 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ އެންމެންނަށް ފަރުވާ ދޭން ތިބީ އެންމެ ތިން ޑޮކްޓަރުންނެވެ.
"މަލްޓި ސްޕެޝަލްޓީ ޑިޒީސެސް މިއީ. އަޅުގަނޑުމެން އެބަ ބޭނުންވޭ ހުރިހާ ސްޕެޝަލިސްޓުންގެ ކޮންޓްރިބިއުޝަން. މިސާލަކަށް ބްރެއިންގެ ޓިއުމާއެއް ވެއްޖެއްޔާ އެ ބޭނުންވޭ ނިއުރޯސާޖަންއެއް،" ޑރ. އަމްރު ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކެންސަރު ހޮސްޕިޓަލު ހަދަން އެންމެ ރަނގަޅީ ހުޅުމާލެ އެވެ. އޭރުން މާލޭ ސަރަހައްދުގައި ގާއިމްވެފައި ހުރި ފެންވަރު ރަނގަޅު ވަސީލްތަކާއި ޑޮކްޓަރުންގެ ބޭނުން ވެސް އެ ތަނަށް ހިފޭނެ ކަމަށް ޑރ. އަމްރު ވިދާޅުވި އެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ހުރިހާ ކަމެއް މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާއާ ގުޅިގެން ކަމަށް ވާތީ އެ ކަންތައް ބަދަލު ކުރަން ސަރުކާރަށް ދަތިވާނެ އެވެ.
ކެންސަރު ހޮސްޕިޓަލަށް 770 މިލިއަން ރުފިޔާ
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމު އަތުވެއްޖެ
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ
ގަމުގެ ޑޮކްޓަރު އަވަހާރަވަންދެން ވެސް ބަލިމީހުންނާ އެކު
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
ސާވިކަލް ކެންސަރު: ރައްކާތެރިވެ, ނައްތާލެވިދާނެ ކެންސަރެއް
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ކެންސަރު ބަލީގައި އެނެސްތީސިއާގެ ދައުރު