Roadha Mihaaru
ހިފެހެއްޓި ފައިސާ ދޫކޮށްލަން ކުރި ހުކުމް ބާތިލް

ބިދޭސީއަކު ބޭރުކުރަން އުޅެނިކޮށް ހިފެހެއްޓި ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދޫކޮށްލަން ކުރި ހުކުމް ބާތިލްކޮށްފިި

24 ސެޕްޓެމްބަރ 2020

ބިދޭސީއަކު ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް ހިފެހެއްޓި 48،000 ޑޮލަރު (ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ދޭން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ހައި ކޯޓުން ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިދޭސީއަކު ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް ހިފެހެއްޓި 48،000 ޑޮލަރު (ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ދޭން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ހައި ކޯޓުން ބާތިލްކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބަންގްލަދޭޝްގެ ރައްޔިތަކު ރާއްޖެ އިން ބޭރަށް ފުރަން އުޅުނުއިރު، މޮބައިލް ފޯނު ލާން ގެންގުޅޭ ފޮއްޓަކަށް ލައިގެން އޭނާ ގެންދަން އުޅުނު 48،000 ޑޮލަރު ކަސްޓަމްސް އިން ހިފެހެއްޓީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ޑިކްލެއާ ނުކޮށް އެ ފައިސާ ގެންދަން އުޅުމުންނެވެ. އެ ފައިސާ އަނބުރާ ދޭން ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު އަމުރުކުރީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ހިފެހެއްޓޭ މުދަލާއި ފައިސާ އަނބުރާ ހޯދަން އެ މީހާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުންނެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ފައިސާ ހިފަހައްޓާފައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ބާރު ލިބިގެން ކަސްޓަމްސް އިން ހަދާފައިވާ ގަވާއިދުގެ ދަށުން ކަމަށް ވާތީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހިފެހެއްޓޭ މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ މައްސަލަ ބަލާ އިޖުރައާތުގެ ތެރެއިން ކްރިމިނަލް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށެވެ. އަދި ޖިނާއީ އިޖުރައާތުގެ ގާނޫނު އޮތްގޮތުން ކްރިމިނަލް ކޯޓަށް ބެލޭނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާ މުދަލާއި ފައިސާގެ މައްސަލަތައް އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ކަސްޓަމްސް އިން ހިފަހައްޓާ މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ މައްސަލަތައް ބަލާނެ އިޖުރައާތެއް، ޖިނާއީ އިޖުރައާތުުގެ ގާނޫނާއި މަނީ ލޯންޑްރިންގެ ގާނޫނުގައި ވެސް ބުނެފައި ނެތުމުން އެފަދަ މައްސަލަތައް ބަލަން ޖެހޭނީ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ކޯޓަކުން ކަމަށެވެ. އެ ފައިސާ ހޯދަން ބޭނުންވާ ނަމަ، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ސިވިލް ކޯޓަށް ކަމަށް އެ ހުކުމުގައިވެ އެވެ،

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ ފައިސާ އަނބުރާ ދޭން ކްރިމިނަލް ކޯޓުން ކުރި ހުކުމުން ބާތިލްކުރާ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.

ނަގުދު ފައިސާއިން 20،000 ޑޮލަރަށް ވުރެ މަތީ އަދަދެއް ރާއްޖެ އިން ބޭރަށް ގެންދާ ނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހެ އެވެ. މީގެ ކުރިން ވެސް ޑިކްލެއާ ނުކޮށް ބޭރަށް ގެންދަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސް އިން ހިފަހައްޓާފައިވެ އެވެ.