Roadha Mihaaru
ޕާޓީތައް ސަސްޕެންޑުކުރުން: އިސްލާހުވުމުގެ ފުރުސަތެއް؟

ޕާޓީތައް ސަސްޕެންޑުކުރުން: އިސްލާހުވުމުގެ ފުރުސަތެއް؟

24 ސެޕްޓެމްބަރ 2020

ސިޔާސީ ޕާޓީތައް ވަކި މުއްދަތަކަށް ސަސްޕެންޑު ކުރެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހަކީ ހަރަކާތްތައް ހުއްޓުވައި "އިދިކޮޅުގެ އަތް ބަނުން" ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން ދަނިކޮށް، އެއީ އިސްލާހުވުމުގެ ފުރުސަތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ޕާޓީތައް ވަކި މުއްދަތަކަށް ސަސްޕެންޑު ކުރެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހަކީ ހަރަކާތްތައް ހުއްޓުވައި "އިދިކޮޅުގެ އަތް ބަނުން" ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން ދަނިކޮށް، އެއީ އިސްލާހުވުމުގެ ފުރުސަތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

ގާނޫނާ ޚިލާފުވުމުން ފިޔަވަޅު އެޅުމުގެ ތެރޭގައި ޕާޓީ ސަސްޕެންޑު ކުރަން ހިމަނާފައިވާ މާއްދާގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއަކުން ގާނޫނުއަސާސީ އާއި ގާނޫނަކާ ޚިލާފުވެއްޖެ ނަމަ އެ ގާނޫނަކާ ޚިލާފުވި ކުޑަ ބޮޑުމިނަށް ބަލައި ފިޔަވަޅު އެޅިދާނެ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީ އަށް އިންޒާރު ދިނުމާއި ޖޫރިމަނާ ކުރުމާއި ސަސްޕެންޑު ކުރުމުގެ އިތުރުން އުވައިލުން ހިމެނެ އެވެ.

ގާނޫނާ ޚިލާފުވެއްޖެ ނަމަ ޕާޓީތައް ސަސްޕެންޑު ކުރާނެ ވަކި މުއްދަތެއް އެ އިސްލާހުގައި ނެތެވެ.

ގާނޫނަށް އަލަށް ގެންނަން ހުށަހެޅި ސަސްޕެންޑު ކުރާ އިސްލާހުން އީސީ ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވައި ހިފެހެއްޓޭ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފަ އެވެ. އިސްލާހުގެ ބޭނުމަކީ އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅުން ކަމަށް އެ ކޯލިޝަނުން ތުހުމަތުކުރެ އެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، އެއީ ޕާޓީތައް އިތުރަށް ޒިންމާދާރު ކުރުވައި، އިސްލާހުވާން ދޭ އިތުރު ފުރުސަތެއް ކަމަށެވެ. އެ އިސްލާހުގެ ބޭނުމަކީ ސިޔާސީ ޕާޓީތައް ހުއްޓުވުން ނޫން ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުން ކޮންގްރެސް ނުބާއްވައިފި ނަމަ ނުވަތަ ތަކުރާރުކޮށް ގާނޫނާ ޚިލާފުވެއްޖެ ނަމަ މިހާރު އޮންނަނީ [ކޯޓަށް ހުށަހަޅައި] އުވާލެވޭ ގޮތަށް. މިއީ، އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާ އެކު ކުރި މަޝްވަރާތަކުގައި ފާޅުކުރި ކަންބޮޑުވުމެއް. މިކަމަށް ރިއާޔަތްކޮށް އުވާލުމުގެ ކުރިއަށް މި ގެންނަނީ ސަސްޕެންޝަނެއް،" އަކްރަމް ވިދާޅުވި އެވެ.

"ބޭނުމަކީ އިސްލާހުވުމުގެ ފުރުސަތެއް ދިނުން. އެއްގޮތަކަށް ވެސް ސިޔާސީ ހަރަކާތް ހުއްޓުވުމެއް ނޫން."

އީސީގެ ނައިބު ރައީސް އަކްރަމް: ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ ޕާޓީތައް އިތުރަށް ޒިންމާދާރުކުރުވައި ބާރުވެރިކުރުވަން ކަމަށް ވިދާޅުވި. -- ފޮޓޯ/މިހާރު

އީސީގެ ނައިބު ރައީސް އަކްރަމް: ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ ޕާޓީތައް އިތުރަށް ޒިންމާދާރުކުރުވައި ބާރުވެރިކުރުވަން ކަމަށް ވިދާޅުވި. -- ފޮޓޯ/މިހާރު

ޕާޓީތައް ސަސްޕެންޑު ކުރުމުގެ އިތުރުން ވެސް ގިނަ އިސްލާހުތަކެއް ގެންނަން އިލެކްޝަންސް ކޮމިޝަނުން ބޭނުންވެ އެވެ. އޭގެ ތެރޭގައި މުހިއްމު އެއް ބަދަލަކީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތައް ފަދަ އިންތިޚާބުތަކުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ދަފްތަރަށް ބަލައިގެން ވޯޓުލުމެވެ. މިހާރު އޮންނަނީ، އެ ޕާޓީއަކުން ބަލަހައްޓާ ދަފްތަރުގައި ތިބި މެމްބަރުން ވޯޓުލައިގެން އިންތިޚާބުތައް ބޭއްވިޔަސް މައްސަލައެއް ނެތް ގޮތަށެވެ.

މީގެ އިތުރުން ގާނޫނާ ޚިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރާ އަދަދު ބޮޑުކުރަން ވެސް ވަނީ އިސްލާހުގައި ހުށަހަޅައިފަ އެވެ. އިސްލާހުގައިވާ ގޮތުން، ގާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހަޅަން ޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާން ޖެހޭ މުއްދަތުގައި ހުށަހަޅާފައި ނުވާ ނަމަ ނުވަތަ ހިސާބުތަކާއި ލިޔެކިޔުންތައް ބަލަހައްޓާފައި ނުވާ ނަމަ 50،000ރ. އިން ފެށިގެން 150،000ރ.އާ ދެމެދުގެ ޖޫރިމަނާއެއް ކުރެވިދާނެ އެވެ. ކުށް ތަކުރާރުކޮށްފި ނަމަ މި ޖޫރިމަނާ 300،000ރ.އާ ހަމައަށް ވެސް އަރަ އެވެ.

މީގެ އިތުރުން އެ އިސްލާހުގައިވާ ގޮތުން ޕާޓީގެ ފައިސާ ބަލަހައްޓާ ފަރާތް، 15،000-35،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ.

"މި އިސްލާހުތަކާ އެކު ސިޔާސީ ޕާޓީތައް ހިންގުމުގައި، އިތުރަށް ޒިންމާދާރުވެެގެންދާނެ. އަދި ޕާޓީތައް އިތުރަށް ބާރުވެރިވެގެންދާނެ" އަކްރަމް ވިދާޅުވި އެވެ.

މި އިސްލާހުތަކަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދަން އަންނަ ހަފުތާގައި ޕާޓީތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.