Roadha Mihaaru
މެކްޑޮނަލްޑްސް އިން އިލެކްޓްރިކް ކާރު ޕްރޮމޯޓްކުރަނީ

މެކްޑޮނަލްޑްސް އިން އިނގިރޭސިވިލާތުގައި އިލެކްޓްރިކް ކާރު ބޭނުންކުރަން ހިތްވަރުދެނީ

01 ޖުލައި 2020

އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން މެކްޑޮނަލްޑްސް އިން އިނގިރޭސިވިލާތުގައި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާރު ބޭނުންކުރަން ހިތްވަރު ދިނުމުގެ ގޮތުން އެކަމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން މެކްޑޮނަލްޑްސް އިން އިނގިރޭސިވިލާތުގައި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާރު ބޭނުންކުރަން ހިތްވަރު ދިނުމުގެ ގޮތުން އެކަމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ހިންގާ އައުޓްލެޓްތަކުގެ ކައިރީގައި އިލެކްޓްރިކް ކާރު ޗާޖްކުރެވޭނެ ޗާޖިން ޕޮއިންޓްތަކެއް ބަހައްޓަން ވަނީ ނިންމައިފަ އެވެ. މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ޗާޖިން ނެޓްވޯކް ކުންފުނި އިންސްޓަވޯލްޓާ ގުޅިގެންނެވެ. މެކްޑޮނަލްޑްސް އިން ބުނި ގޮތުގައި އެ ކުންފުނީގެ އައިޓްލެޓްތަކުގައި ބަހައްޓާ ޗާޖިން ޕޮއިންޓްތަކުން 20 މިނިޓްގެ ތެރޭގައި 80 ޕަސެންޓަށް ކާރު ޗާޖުކޮށްލެވޭނެ އެވެ.

މެކްޑޮނަލްޑްސް އިން އިނގިރޭސިވިލާތުގައި 1،300 އެއްހާ އައުޓްލެޓް ހިންގަ އެވެ.

އެ ތަންތަނުގައި ޗާޖިން ޕޮއިނޓްތަކެއް ބަހައްޓަން ނިންމުމުގެ ކުރިން އެ ކުންފުނިން ވަނީ ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އަދި ތިމާވެއްޓަށް ބޮޑު ސަމާލުކަމެއްދޭ އިނގިރޭސިވިލާތުގައި އިލެކްޓިކް ކާރު ބޭނުންކުރާ މިންވަރު މަދީ ކީއްވެތޯ ބެލުމަށް ދިރާސާއެއް ވެސް ހަދައިފަ އެވެ. އެއިން ދެއްކީ ޗާޖުކުރެވޭނެ ފަސޭހަ ނިޒާމުތަކެއް ހަމަޖެހިފައި ނެތުމުން، ގިނަ ބަޔަކު އެފަދަ އުޅަނދު ބޭނުންކުރަން ޝައުގުވެރިނުވާ ކަމެވެ. އަދި އިލެކްޓްރިކް ކާރު ގެންގުޅޭ ދެބައިކުޅަ އެއްބައި މީހުންނަކީ ފަސޭހަ އިން ކާރު ޗާޖްކުރެވޭނެ ގޮތެއް ވެސް ނެތް މީހުންނެވެ.

"ޗާޖިން ޕޮއިންޓް އިތުރުކޮށް، ޗާޖްކުރެވޭނެ ފަސޭހަ ގޮތްތައް ހޯދައިދިން ވަރަކަށް އިލެކްޓިކް ކާރު ބޭނުންކުރާ މީހުން އިތުރުވާނެ."

އެހެންވެ މެކްޑޮނަލްޑްސް އިން ފަހިކޮށްދެނީ އަދި އެ ހިތްވަރު ދެނީ ވީހާ ވެސް ގިނަ ބަޔަކު އިލެކްޓްރިކް ކާރު ގެންގުޅުމަށެވެ. މިކަމަށް ބާރު އެޅުމުގެ ގޮތުން އެ ކުންފުނިން އަންނަނީ މުވައްޒަފުންގެ ތެރެއިން ދުއްވާނެ ކާރެއް ދޭ މުވައްޒަފުންނަށް ވެސް އިލެކްޓިކް ނުވަތަ ހައިބްރިޑް އުޅަނދު ފޯރުކޮށްދެމުންނެވެ.

އިނގިރޭސި ވިލާތަކީ 2035 އާ ހަމައަށް ދާންވާ އިރަށް އެ ގައުމުގައި ބޭނުންކުރާ ޕެޓްރޯލާއި ޑީސަލް އަޅާ އުނދުފަހަރު ބޭނުންކުރުން ހުއްޓައިލަން އަމާޒު ހިފާފައިވާ ގައުމެކެވެ. އެހެންވެ މެކްޑޮނަލްޑްސް އިން ފެށި މަސައްކަތަކީ އިނގިރޭސި ސަރުކާރުގެ އެ ނިންމުމަށް ވެސް މަގުފަހިކޮށްދޭން ބާރުއަޅާ ކަމަކަށް ވާނެ އެވެ.

މިކަމާ ބެހޭ ގޮތުން މެކްނޮޑަލްޑްސްގެ އިނގިރޭސިވިލަތާއި އަޔަލެންޑްގެ ސީއީއޯ ޕޯލް ޕޮމްރޯއި ވިދާޅުވީ އިލެކްޓްރިކް އުނދުފަހަރަކީ އިނގިރޭސިވިލާތުގެ ވަރަށް ބޮޑު އަމާޒަކަށްވާތީ، އެކަމުގައި އެހީތެރިވާން ބޭނުންވާ ކަމަށެވެ. އެގޮތުން އެހެން ކުންފުންޏަކުން އިލެކްޓްރިކް ކާރު ޗާޖްކުރާނެ ޕޮއިންޓްތައް ނުބަހައްޓާ މިންވަރަށް އެ ކުންފުނިން އެކަން އެ ގައުމުގައި ފުޅާކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އޭރުން އިލެކްޓިކް ކާރު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވާން ފަށާނެ. މިކަން ވީހާ ވެސް ބޮޑަށް ފުޅާވުމަށް އަހަރެމެން އެދެނީ،" އޭނާ ވިދާޅުވި އެވެ. "ޗާޖިން ޕޮއިންޓް އިތުރުކޮށް، ޗާޖްކުރެވޭނެ ފަސޭހަ ގޮތްތައް ހޯދައިދިން ވަރަކަށް އިލެކްޓިކް ކާރު ބޭނުންކުރާ މީހުން އިތުރުވެ، އެކަމަށް ޝައުގުވެރިކަން އުފެދޭނީ. މިއީ ތިމާވެއްޓަށް ކުރެވޭ ވަރަށް ހާއްސަ މަސައްކަތެއް."

އެއްގަމު އުޅަނދުފަހަރު އުފައްދާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އެންމެ ހާއްސަ އެއް މަސައްކަތަކީ ވެސް މިހާރު އިލެކްޓްރިކް ކާރުތައް އުފެއްދުމެވެ.