Roadha Mihaaru
ބެންޓްލީން 2030 ގައި ކާބަން ނިއުޓްރަލް ވަނީ

ބެންޓްލީން 2030 ގައި ކާބަން ނިއުޓްރަލް ވަނީ

09 ނޮވެމްބަރ 2020

ލަގްޒަރީ ކާރު އުފައްދާ އިނގިރޭސި ކުންފުނި ބެންޓްލީ މޮޓޯޒް ލިމިޓެޑް 2030 ގައި ކާބަން ނިއުޓްރަލްވާން އަމާޒު ހިފައި 2026 އިން ފެށިގެން ސައްތައިން ސައްތަ އިލެކްޓްރިކް ކާރު ނެރޭ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލަގްޒަރީ ކާރު އުފައްދާ އިނގިރޭސި ކުންފުނި ބެންޓްލީ މޮޓޯޒް ލިމިޓެޑް 2030 ގައި ކާބަން ނިއުޓްރަލްވާން އަމާޒު ހިފައި 2026 އިން ފެށިގެން ސައްތައިން ސައްތަ އިލެކްޓްރިކް ކާރު ނެރޭ ގޮތަށް ނިންމައިފި އެވެ.

ކުންފުންޏަށް 101 އަހަރުވުމާ ގުޅިގެން އެކަން ފާހަގަކުރަން ބޭއްވި އިވެންޓެއްގައި ބެންޓްލީ އިން ބުނީ މިހާރު އަމާޒު ހިފާފައި ވަނީ ދެމެހެއްޓެނިވި ތަރައްގީ އަށް ކަމަށާއި ކުރިއަށް އޮތް 10 ވަރަކަށް އަހަރު ބެންޓްލީގެ މަސައްކަތްތައް ބައްޓަންވެގެން ދާނީ ހުރިހާ ދިމާއަކުން ވެސް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކާ އެކީގައި ކަމަށެވެ. އެގޮތުން 2026 އުން ފެށިގެން މުޅިން ވެސް އުފައްދާނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާރުތައް ކަމަށް ބުންޏެވެ.

"ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ބެންޓްލީގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ. އަހަރެމެންގެ ޓާގެޓަކީ ދެހާސް ތިރީހާ ހަމައަށް އަންނަ އިރު މުޅި ކުންފުނި ކާބަން ނިއުޓްރަލްކުރުން." ކުންފުނީގެ ސީއީއޯ އެޑްރިއަން ހޯލްމާކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާރަކީ ބެންޓްލީގެ މުސްތަގުބަލެވެ. އެހެންވެ ތެޔޮ އަޅާ، ތިމާވެއްޓަށް ގެއްލުން ހުރި އިންޖީނު އެޅި އުޅަނދު އެއްކޮށް ހުއްޓައިލުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

"މިކަމަށް އަހަރެމެން މަސައްކަތްކުރާ އިރު އެބަޖެހޭ އިލެކްޓްރިކް ކާރަކީ ގިނަ ބަޔަކަށް އެފޯޑްކުރެވޭ ވަރުގެ އެއްޗަކަށް ވެސް ހަދަން،" ހޯލްމާކް ވިދާޅުވި އެވެ. "އޭގެ މާނަ އަކީ އެކި ރޭންޖްތަކުގެ ކާރު އުފައްދަން އަހަރެމެން މަސައްކަތް ކުރާނަމޭ. އަހަރެމެން ދެކޭ ގޮތުގައި މިއީ މި މަސައްކަތް ފަށައި ގަންނަންވީ ވަގުތު."

ބެންޓްލީގެ ބޯޑް މެމްބަރު ޖޭން-ހޭންރިކް ލަފްރެންޒް ވިދާޅުވި ގޮތުގައި އެ ކުންފުނިން އިލެކްޓްރިކް ކާރު އުފައްދަން އަމާޒު ހިފުމަކީ ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ކުރަމުން އަންނަ މަސައްކަތުން ހިތްވަރު ލިބިގެން ނިންމި ނިންމުމެކެވެ.

"މިހާރު ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް މިއީ. އަނެއްކާ ވަރަށް ބޮޑަށް ފާހަގަކުރެވޭ އިލެކްޓްރިކް ވެހިކަލްތަކަށް ކަސްޓަމަރުންގެ ޑިމާންޑް ވެސް ބޮޑުވަމުން އަންނަކަން." އޭނާ ވިދާޅުވި އެވެ.

ލަފްރެންޒް ވިދާޅުވި ގޮތުގައި ބެންޓްލީގެ ކަސްޓަމަރުންގެ ތެރެއިން 55 ޕަސަންޓް މީހުން މިހާރު ވެސް ތިބީ އިލެކްޓްރިކް ކާރުތައް ގަންނަން ތައްޔާރަށެވެ. އެހެންވީމާ މި ނިންމުމަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވި އެވެ.

އިލެކްޓްރިކް ކާރު އުފައްދަން ނިންމުމާ ގުޅިގެން ބެންޓްލީން މި މަސައްކަތް ފޭސްތަކަކަށް ބަހާލައިގެން މިހާރުން މިހާރަށް ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ. އެހެންވެ ކުރިއަށް އޮތް ފަސް އަހަރަކީ ބެންޓްލީގެ ކާރުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ވަގުތެކެވެ.

ބެންޓްލީ އަކީ ޖެނުއަރީ 18، 1919 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެ ކުންފުންޏަކީ 1998 ގެ ފަހުން ޖަރުމަންގެ މޮޓޯ ކުންފުނި ވޯކްސްވޭގެން ގްރޫޕްގެ ސަބްސިޑަރީއެކެވެ.