Roadha Mihaaru
ރިޔާސީ ޓިކެޓުގައި ޔާމީނަށް ވާދަކުރެއްވިދާނެތަ؟

ރިޔާސީ ޓިކެޓުގައި ޔާމީނަށް ވާދަކުރެއްވިދާނެތަ؟

03 އޯގަސްޓް 2022

މި ގައުމުގެ ވެރިއަކަށް އިދިކޮޅު ލީޑަރު, ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ބޭފުޅަކަށް ޕީޕީއެމާއި ޕީއެންސީގެ ތާއީދެއް ނެތެވެ; ދެ ޕާޓީގެ ކައުންސިލުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ މި ރޫހުގަ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދަށް ގެނައި ކުއްލި އިސްލާހަކާ އެކު, ޕްރައިމަރީ ބާއްވައިގެން "ވަގުތާއި ހަރަދު ބޭކާރު ކުރަން" ވެސް ބޭނުން ނުވީ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ގައުމުގެ ވެރިއަކަށް އިދިކޮޅު ލީޑަރު, ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ބޭފުޅަކަށް ޕީޕީއެމާއި ޕީއެންސީގެ ތާއީދެއް ނެތެވެ; ދެ ޕާޓީގެ ކައުންސިލުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ މި ރޫހުގަ އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދަށް ގެނައި ކުއްލި އިސްލާހަކާ އެކު, ޕްރައިމަރީ ބާއްވައިގެން "ވަގުތާއި ހަރަދު ބޭކާރު ކުރަން" ވެސް ބޭނުން ނުވީ އެވެ.

ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ގާނޫނީ އެއްވެސް ހުރަހެއް ޔާމީނަކަށް މިހާރަކު ނެތެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނުވަތަ ވެރިކަން ކާމިޔާބު ކުރަން ހަދާނެ ކަމަށް ބެލެވޭ އިއްތިހާދާ ދެކޮޅަށް އެމަނިކުފާނަށް ވާދަކުރެއްވޭނެ އެވެ.

ރާއްޖޭގައި ނުފޫޒު ގަދަކޮށްފައިވާ އިންޑިއާގެ އަސްކަރިއްޔާ މި ގައުމުން ބޭލުމަށް ފަހު ނޫނީ ރިޔާސީ އިންތިހާބަށް ފޯކަސް ނުކުރަން ޕީޕިއެމުން ނިންމައިގެން ތިބި ނަމަވެސް މިވަގުތަށް އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސުން މުހިއްމުވީ އެވެ. ވެރިކަމުގައި ހިންގެވި ކަމަށް ތުހުމަތުކުރާ ހިޔާނާތާ ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އެއް މައްސަލަ މިހާރު ވަނީ ހުކުމާ ގާތަށް ގޮސްފަ އެވެ.

މިއީ އެމަނިކުފާނުގެ ކުރިފުޅުމަތީގައި އޮތް, އިންތިހާބުގެ ޝަރުތު އުނިވެދާނެ ފަދަ ހާލަތެކެވެ. ރިޔާސީ ޓިކެޓް އެރުވީ މިކަން ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގެން ތިއްބަވަ އެވެ.

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް ޔާމީން އިސްވެ ހިންގާ ކެމްޕޭންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކ. ތުލުސްދުއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ \ ޕީޕީއެމް

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް ޔާމީން އިސްވެ ހިންގާ ކެމްޕޭންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކ. ތުލުސްދުއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ \ ޕީޕީއެމް

ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕީޕީއެމުން ޓިކެޓް ދިނުމުގައި ކުރިން އަމަލުކުރަމުން އައި ގޮތާ ހިލާފަށް ޕްރައިމަރީއަކާ ނުލައި ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖެއްސި އެއް ސަބަބަކީ އެމަނިކުފާނަށް މިހާރު އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ޖަލު ހުކުމެއްގެ ފުރުސަތު އޮތުމެވެ. ރިޔާސީ ކެންޑިޑޭޓު ބަންދުކޮށްފި ނަމަ "ސިޔާސީ ހުކުމެއް" ކަމަށް ނިންމައި ސަރުކާރަށް މާބޮޑަށް ވެސް ޕްރެޝަރު ބޮޑުކުރެވޭނެ އެވެ.

އަނެއް ބޭނުމަކީ އެއްވެސް ހާލަތަކުން ވާދަނުކުރެވިއްޖެ ނަމަ އެމަނިކުފާނު ބޭނުންފުޅުވާ ކެންޑިޑޭޓަކު ޕީޕީއެމުން ނެރުމަށް މަގުފަހިކުރުން ކަމަށް ވެސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމްއެމްޕީއާރުސީގެ މުޅި ހިޔާނާތަކީ ޔާމީން ކަމަށް ދައްކަން އުފުލާފައިވާ ނުހައްގު ދައުވާތަކުން އެމަނިކުފާނު ގައިގައި އަތެއް ނުލެވޭނެ އެވެ.

އެހެންވިޔަސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވިދާނެތޯ އުފައްދާ ސުވާލަށް ޔަގީން ޖަވާބެއް އަދި ނެތެވެ. ޔާމީން ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމާއި ޕީޕީއެމްގެ ސިޔާސީ ކުރިމަގު ގުޅިފައި އޮތީ އަނެއްކާވެސް ކްރިމިނަލް ކޯޓުގެ ހުކުމާ އެވެ.

ވާދަނުކުރެއްވޭނެ ހާލަތަކީ ކޮބާ؟

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޝަރުތުތަކުގެ ތެރެއިން (ޅ) ގައި ބުނާ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތުގެ ޖަލު ހުކުމަކުންނެވެ. އިންތިހާބުގައި ވާދަކުރެވޭނީ އެއް އަހަރުގެ ހުކުމެއް އަޔަސް ތަންފީޒުކޮށް ނިމޭތާ ނުވަތަ މާފްކުރެވުނުތާ ތިން އަހަރު ފުރިހަމަވުމުން ކަމަށް އެ މާއްދާގައި ބުނެ އެވެ.

ޔާމީންގެ މައްޗަށް ޝަރީއަތް ހިނގާ އެއް ދައުވާއަކީ އާރަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ހެކި ބަސް ނެގުމުގެ މަރުހަލާ އެވެ.

ކުރީގެ ރައީސްޔާމީން ޕޮލިހަށް ހާޒިރުކުރި ވަގުތު އެމަނިކުފާނު ދޫކޮށްލަން ގޮވާލައި މުޒާހަރާކުރަނީ. --.ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރީގެ ރައީސްޔާމީން ޕޮލިހަށް ހާޒިރުކުރި ވަގުތު އެމަނިކުފާނު ދޫކޮށްލަން ގޮވާލައި މުޒާހަރާކުރަނީ. --.ފޮޓޯ: ނިޝާން އަލީ | މިހާރު

މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވެ އެވެ.

ގާނޫނީ ވަކީލުން ވިދާޅުވަނީ މަނީ ލޯންޑްރިންގެ ދައުވާ އެކަނި ސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުނުވިޔަސް މިއީ 2023 ގައި ވާދަކުރެއްވިދާނެ ގާނޫނީ ފުރުސަތު ބަންދުވެދާނެ ފަދަ ހާލަތެކެވެ.

"އެ ހާލަތެއް ނާންނާނެ, އިންތިހާބު ކާމިޔާބުކުރައްވާނެ"

އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަނީ އެމަނިކުފާނަށް ވާދަނުކުރެއްވިދާނެ ފަދަ އެއްވެސް ހާލަތަކާ މެދު އެ ކޯލިޝަނުގެ ވިސްނުމެއް ނެތެވެ. ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވައި ފުރަތަމަ ބުރުގައި ކާމިޔާބު ކުރައްވާނެ ކަމަށެވެ. މި ސަރުކާރާއި އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު އަޅާކިޔާލާއިރު އެ ތަފާތު ރައްޔިތުންނަށް ފެނިއްޖެ ކަމަށް ވެސް ކޯލިޝަންގެ އިސްބޭފުޅުން ވިދާޅުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޔާމީނަށް ވާދަކުރެއްވިދާނެތޯ އެއީ އޮތް ސުވާލެއް ނޫން ކަމަށް ޕީޕީއެމާއި ޕީއެންސީން ގަބޫލުކުރާ ދެ ސަބަބެއް އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް ފުރަތަމަ އިއްވައި ސުޕްރީމްކޯޓާ ހަމައިން މިނިވަންވެވަޑައިގެންނެވި މަނީ ލޯންޑްރިންގެ ހުކުމަކީ ވެސް އެމަނިކުފާނަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރަކަށް ވާތީ އަނިޔާވެރިވުމުގެ ގޮތުން އިއްވި ހުކުމެކެވެ. މިހާރު އުފުލާފައިވާ ދައުވާތަކުގައި ވެސް އެމަނިކުފާނު ވާދަކުރައްވަފާނެތީ ޖެހިލުންވުން ފިޔަވައި އިތުރު މަގްސަދެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ދެ ވަނަ ކަމަކީ މިހާރު ޝަރީއަތްތައް ހިނގަމުންދާ ގޮތަށް ބަލާއިރު ވެސް އެނގިވަޑައިގަންނަވާނެ, އިއްޔެ ހުށަހެޅި ހެކީގައި ވެސް ތާރީހް އޮތީ ނުބައިކޮށް. އެހެންވީމާ އެނގޭ އެއީ ކަނޑައެޅިގެން އެމަނިކުފާނާ ދެކޮޅަށް އުފައްދާ ހެކިތަކެއް ކަން," އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުން އުފައްދާ އެ ހެކިތަކުގެ ހަގީގަތް ހާމަވެ ޔާމީން މިނިވަންވާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ."

ކާނިވަލުގައި ބޭއްވި ހަރަކާތުގައި، ރައީސް ޔާމީން "ސާސްކަފުގެ 17" ނެރެދެއްވަނީ.--- ފޮޓޯ \ ރައީސް އޮފީސް

ކާނިވަލުގައި ބޭއްވި ހަރަކާތުގައި، ރައީސް ޔާމީން "ސާސްކަފުގެ 17" ނެރެދެއްވަނީ.--- ފޮޓޯ \ ރައީސް އޮފީސް

ޔާމީނަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ވެސް ޕާޓީގެ ވިސްނުމަކީ އިސްތިއުނާފް ކުރުމެވެ. އެ ހާލަތުގައި އެމަނިކުފާނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ވާތީ ސުޕްރީމް ކޯޓު މެދުވެރިވެ އިސްތިއުނާފްގެ މައްސަލަތައް އަވަސްކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެހެން ގޮތަކަށް ވިސްނަން ވެއްޖެ ނަމަ އެކަން ކުރިއަށް ގެންދާނީ ވެސް އޭނާ ވިދާޅުވި ގޮތުގައި އިސްތިއުނާފަށް ފަހު އެވެ.

އިންތިހާބަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ބޭފުޅުން ތިއްބަވާފާނެ ޕާޓީގައި ޕްރައިމަރީއެއް ބޭއްވުމެއް ނެތި ޔާމީނަށް ޓިކެޓް ދިނުމުގައި އެމަނިކުފާނުގެ މައްޗަށް އޮތް ހުކުމާ ގުޅުވާ ވާހަކަތައް ޕީޕީއެމާއި ޕީއެންސީން ދޮގު ކުރެ އެވެ.

"ރައީސް ޔާމީން މިނިވަންވި ދުވަހު އަޅުގަނޑުމެން ރިޔާސީ ޓިކެޓް އަރުވަން އުޅުނިން. އެއީ ދެ ކައުންސިލުން ވެސް އޭރު ނިންމާފައި އޮތް ނިންމުމެއް ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް. މި ނިންމުން ރަށްރަށް ކުރި ދަތުރުތަކުގައި ވެސް ވަނީ ބަލައިގެންފައި," އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ ނިންމުމުގެ މައްޗަށް ރިޔާސީ ޓިކެޓް ދޭން ނިންމި ފަހުން ވެސް އެކަމާ މެދު ކަންބޮޑުވެގެން އެއްވެސް ބޭފުޅަކު ޕާޓީއަށް ރަސްމީ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިވަންވުމާ އެކު ރިޔާސީ ޓިކެޓްގެ ފިލާ ހަވާލުކުރަން އުޅުނު ކޮންމެ ފަހަރަކު އެކަން މަޑުޖައްސާލަން ތަކުރާރުކޮށް އެދިވަޑައިގަތީ ޔާމީން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ޕާޓީ ބޮޑުވެފައި އޮތުމާ އެކު ޕްރައިމަރީއެއް ބާއްވަން ރައީސް ޔާމީން ހުށަހަޅުއްވައި އެ ވިސްނުން ގަބޫލުކުރައްވައި ޕާޓީ ތެރޭގައި ވާހަކަ ދެކެވުނު. އެކަމަކު ޕްރައިމަރީއެއްގައި ވާދަކުރަން ޝައުގުވެރިކަމެއް އެއްވެސް ބޭފުޅަކު ފާޅުކޮށްފައެއްނުވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"ރަށްރަށަށް އަޅުގަނޑުމެން ކުރާ ދަތުރުތަކުގައި އެންމެވެސް ވިދާޅުވަމުން ގެންދަވަނީ ރާއްޖެ މިހާރު މިއޮތް ހާލަތުން ސަލާމަތްކޮށްދެވޭނީ ރައީސް ޔާމީނަށޭ. އިންތިހާބު ކައިރިވަމުން އަންނާތީ އާއި ރައްޔިތުންގެ އެ ވިސްނުން އެގޮތަށް ހުރީމަ އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓަކަށް ދެ ޕާޓީގެ ކައުންސިލުން ހަމަޖެއްސީ."

ޕްރައިމަރީއަކަށް ގޮސްގެން ރިޔާސީ ކެންޑިޑޭޓަކު ހަމަޖެއްސުމަކީ ޑިމޮކްރަސީގެ އެންމެ ރީތި ގޮތް ކަމަށް ވިޔަސް ޔާމީނަށް އަނިޔާދެމުން ދިޔައިރު ކައުންސިލުން ނިންމި ނިންމުމުގެ ބާރު ކަނޑުވާލަން ބޭނުން ނުވުމަކީ ވެސް ސަބަބެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ޓިކެޓް ދިނުމުގެ ނިންމުން ފައިނަލްކުރީ ޔާމީނަށް ދައުވާ އުފުލައި ޖަލަށް ލުމާ އެކު އެމަނިކުފާނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަމަށް ކައުންސިލުން އޭރު ނިންމި ނިންމުމުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

"ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ބޭނުންވެގެން އެއްވެސް ބޭފުޅަކު މިހާރު ވެސް ހުށަހަޅުއްވައިފިއްޔާ އަޅުގަނޑުމެންގެ އެބަހުރި އެ ހިތްވަރު ޕްރައިމަރީއެއް ބޭއްވުމުގެ," އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އިސް ބޭފުޅުންގެ ވިސްނުމާއި ޔަގީންކަމަކީ މި އެވެ; މި ނޫން މަގަކުން ރިޔާސީ އިންތިހާބަށް އެ ދެ ޕާޓީން މިސްރާބު ޖެހުމެއް އަދި ނެތެވެ. އެކަމަކު ވެސް ޔާމީންގެ ޓިކެޓާ ގުޅޭ ގާނޫނީ ސުވާލު އަދި އޮތީ އެވެ.