Roadha Mihaaru
އަދީބުގެ ހުކުމާއެކު އިމްރާން ދެއްކެވީ މޭޑޭގެ ވާހަކަ!

އަދީބުގެ ހުކުމާއެކު އިމްރާން ހަނދާން އާ ކޮށްދެއްވީ މޭޑޭގެ މުޒާހަރާ!

06 އޮކްޓޯބަރ 2020

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިއުތިރާފާ އެކު އިއްޔެ އިއްވި ހުކުމުން، މެއި، 1، 2015 (މޭޑޭ) ގެ މުޒާހަރާގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ދެއްކި ވާހަކަތަކަކީ ހަގީގަތް ކަން ސާބިތުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިއުތިރާފާ އެކު އިއްޔެ އިއްވި ހުކުމުން، މެއި، 1، 2015 (މޭޑޭ) ގެ މުޒާހަރާގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ދެއްކި ވާހަކަތަކަކީ ހަގީގަތް ކަން ސާބިތުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްވި އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައި، 20 އަހަރަށް ޖަލަށް ލުމަށާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން އިއްޔެ ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ. އަދީބުގެ ޖަލު ހުކުމް ލުއިވީ، ހިޔާނާތް ހިންގި ގޮތް ކިޔައިދެއްވައި ފައިސާ ހޯދުމުގައި އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ދައުލަތާ އެކު ވީ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނެވެ.

އަދީބުގެ ހުކުމާ ގުޅިގެން އިމްރާން ކުރެއްވި ޓުވީޓް.

އަދީބުގެ ހުކުމާ ގުޅިގެން އިމްރާން ވިދާޅުވީ މެއި، 2015 ގައި އެތައް ބައިވަރު ރައްޔިތުންނާ އެކު މަގުމައްޗަށް ނުކުމެ (ވެރިކަން ކުރާ ކޯލިޝަނުން) ދެއްކީ ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުން ދިޔަ ވާހަކަ ކަމަށެވެ. އެކަމުގައި ޝާމިލްވި ފަރާތްތަކުގެ އިއުތިރާފާ އެކު ޝަރީއަތަށް އެކަންކަން ސާބިތުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމާ ހިތަށް އަރަނީ ﷲގެ ކުޅަދުންވަންތަކަން. އޭރު ވެސް ދެންނެވިން އަދި މިހާރު ވެސް މި ދަންނަވަނީ އެއްވެސް މީހަކަށް އަޅުގަނޑުމެން އަނިޔާވެރި ނުވާނަން. ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައިދޭނަން،" އިމްރާންގެ ޓުވީޓުގައި ވިދާޅުވި އެވެ.

މޭޑޭގެ މުޒާހަރާއާ ގުޅިގެން، ޔާމީންގެ ސަރުކާރުން އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެއީ، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކޮށް އުފުލި ދައުވާގަ އެވެ.

އެ ވާހަކަތަކަކީ ހަގީގަތެއް ނެތް އިލްޒާމުތަކެއް ކަމަށް ބުނެ، އިމްރާނަށް މިހާރުގެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރި އެވެ. އެންމެ ބޮޑު ހަމަނުޖެހުމެއް އަމާޒުވީ، ޑރ. އަފްރާޝީމްގެ އަލީ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން މޭޑޭގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާވައިގެން ހިންގި ކަމެއް ކަމަށާއި އެކަމުގައި އިރުޝާދު ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ވިދާޅުވެފަ އެވެ. އެ ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި "ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ" ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ އެކު ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ފައިސާ ދައުރުވި ކަމަށް ކުރާ ތުހުމަތަށް އެއްބަސްވެވަޑައިގަތެވެ.

އަދީބާ އެކު ވީ އެއްބަސްވުން ދެން އޮތީ، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމެވެ. އެކަން ކޮށްދެއްވާނެ ކަމަށް އިމްރާންގެ ޓުވީޓުގައި ވެސް ވަނީ އިޝާރާތް ކުރައްވައިފަ އެވެ.