Roadha Mihaaru
ރާއްޖޭގެ ރިސޯޓުތައް 80 ޕަސެންޓް ޑިސްކައުންޓެއްގައި

ރާއްޖޭގެ ރިސޯޓުތައް 80 ޕަސެންޓް ޑިސްކައުންޓެއްގައި

07 އޮކްޓޯބަރ 2020

ރާއްޖޭގެ ރިސޯޓްތައް ހުޅުވަމުން އަންނަ އިރު ޓޫރިސްޓުންނަށް ވަރަށް ހެޔޮ އަގުގައި ކޮޓަރިތައް ވިއްކަން ފަށައިފި އެވެ. އެގޮތުން ރާއްޖޭގެ އެންމެ އަގު ބޮޑު، ލަގްޒަރީ ރިސޯޓުތަކުގެ ރޫމް ރޭޓްތައް ވެސް ވަނީ ބޮޑުތަނުން ހެޔޮކޮށްފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ރިސޯޓްތައް ހުޅުވަމުން އަންނަ އިރު ޓޫރިސްޓުންނަށް ވަރަށް ހެޔޮ އަގުގައި ކޮޓަރިތައް ވިއްކަން ފަށައިފި އެވެ. އެގޮތުން ރާއްޖޭގެ އެންމެ އަގު ބޮޑު، ލަގްޒަރީ ރިސޯޓުތަކުގެ ރޫމް ރޭޓްތައް ވެސް ވަނީ ބޮޑުތަނުން ހެޔޮކޮށްފަ އެވެ.

މިކަން ދުނިޔޭގެ މަޝްހޫރު ޓްރެވަލް ވެބްސައިޓްތަކުން ފެނެ އެވެ. ކްރައުން އެންޑް ޗަމްޕާ ކުންފުނިން ހިންގާ ކުޑަދޫ ޕްރައިވެޓް އައިލެންޑް ކުރިން ދުވާލަކަށް 10،000 ޑޮލަރަށް ލިބުނު ނަމަވެސް މިހާރު ދުވާލަކަށް 2،800 ޑޮލަރަށް ޗުއްޓީ ހޭދަކޮށްލެވެ އެވެ.

އެކަމަކު އެ ކުންފުނިން ބުނީ މިއީ ކޮވިޑާ ގުޅިގެން ދޭ ހާއްސަ ޑިސްކައުންޓްތަކެއް ނޫން ކަމަށެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަށް ވަރަށް ހާއްސަ ޑިސްކައުންޓްތަކެއް ދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވިލާ ގްރޫޕްގެ ޕެރެޑައިސް އައިލެންޑް ރިސޯޓުން ކުރިން އާންމުކޮށް ދުވާލަކަށް 700 ޑޮލަރަށް ރޫމެއް ދޭ މިހާރު އެ އަގު ވަނީ އެންމެ 67 ޑޮލަރަށް ވެއްޓިފަ އެވެ. މިއީ ގާތްގަނޑަކަށް 80 ޕަސެންޓަށް ވުރެ ބޮޑު ޑިސްކައުންޓެކެވެ.

އިރުފުށި ރިސޯޓު. އެރިސޯޓުން ވެސް ބޮޑު ޑިސްކައުންޓެއް ލިބޭ

އިރުފުށި ރިސޯޓު. އެރިސޯޓުން ވެސް ބޮޑު ޑިސްކައުންޓެއް ލިބޭ

އަގޯޑާގައިވާ ގޮތުން، ކުރިން 3،000 އާއި 4،000 ޑޮލަރަށް ލިބޭ ބީޗް ވިލާ އާއި ވޯޓާ ވިލާ ރޫމްތައް 500 ޑޮލަރަށް ވެސް ވަނީ ކުޑަވެފަ އެވެ. މިއީ އެންމެ ފަހު ވަގުތު ބުކްކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އަގުތަކެވެ.

ކުރިން 1،000 އާއި 2،000 ޑޮލަރަށް ލިބޭ ރޫމްތަކުގެ އަގުތައް މިހާރު އުޅެނީ 500 ޑޮލަރުން ދަށުގަ އެވެ.

ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓުގެ ވޯޓާ ވިލާތައް: ހުރިހާ ރިސޯޓެއްގެ އަގުތައް ވެސް ވަނީ ހެޔޮކޮށްފައި

ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓުގެ ވޯޓާ ވިލާތައް: ހުރިހާ ރިސޯޓެއްގެ އަގުތައް ވެސް ވަނީ ހެޔޮކޮށްފައި

އެވްރެޖުކޮށް ހުރިހާ ރިސޯޓަކުން ވެސް ކޮވިޑްގެ ކުރިން ހުރި އަގުތަކަށް ވުރެ 60 ޕަސެންޓް މަތިން ޑިސްކައުންޓްތައް ވަނީ ދީފަ އެވެ. މިގޮތަށް މިހާ ބޮޑު ޑިސްކައުންޓަކާ އެކު ރިސޯޓުތަކުގެ ރޫމްތައް ވިއްކާ ނަމަ އާމްދަނީ ވެސް ގާތްގަނޑަކަށް 60 ޕަސެންޓަށް ދަށް ވާނެ އެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމުގައި ޓޫރިޒަމް ހުޅުވަން ރިސޯޓްތަކުން ކުރަން ހުރި މަސައްކަތްތައް ބޮޑުކަމުން، މިއީ ވެސް ރަނގަޅު ފެށުމެއް ކަމަށް ބެލެވެ އެވެ.

ބައެއް ރިސޯޓުތަކުން ބުނީ މިހާ ބޮޑަށް އަގު ހެޔޮކޮށް ރޫމްތައް ވިއްކަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ނުތަނަވަސް ކަމާ ގުޅިގެން ކަމަށެވެ.

ޖުލައި މަހު ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް މިދިއަ މަހުގެ ނިޔަލަށް އައީ ގާތްގަނޑަކަށް 18،000 ޓޫރިސްޓުންނެވެ.