Roadha Mihaaru
ޕެރޯލްގައި ދޫކުރާ ގައިދީންނަށް ސްޓެލްކޯ އިން ވަޒީފާ

ޕެރޯލްގައި ދޫކުރާ ގައިދީންނަށް ސްޓެލްކޯ އިން ވަޒީފާގެ ފުރުސަތު

08 އޮކްޓޯބަރ 2020

އެކި ކުށްތަކުގައި ހުކުމް ތަންފީޒުކުރާ މީހުންގެ ތެރެއިން ޕެރޯލްގެ ދަށުން ދޫކުރާ މީހުންނަށް ސްޓެލްކޯ އިން ވަޒީފާ ދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ހޯމް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އެކި ކުށްތަކުގައި ހުކުމް ތަންފީޒުކުރާ މީހުންގެ ތެރެއިން ޕެރޯލްގެ ދަށުން ދޫކުރާ މީހުންނަށް ސްޓެލްކޯ އިން ވަޒީފާ ދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ހޯމް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ކުށުގެ ވެއްޓަށް ހުށަހެޅޭ ޒުވާނުންގެ ސަބަބުން މުޖުތަމައުގެ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާ ކަމަށެވެ. އާންމު ގޮތެއްގައި މީހުން ކުށުގެ ވެއްޓަށް ހުށަހެޅެނީ އިގްތިސާދީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކަމަށާއި އެހެންވެ ގައިދީން އަނބުރާ މުޖުތަމައުއަށް ނެރޭއިރު މަސައްކަތްތެރި ބަޔަކަށް ހަދައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގު ފަހިކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް އުންމީދުކުރަން އަދި މަސައްކަތްކުރަން ގައިދީންގެ ތެރެއިން ގިނަ ފަރާތްތަކެއް އަނބުރާ ނިކުންނަ އިރު މުޖުތަމައުގެ ތެރޭގައި އޭނާ އަކީ ބަލައިގަންނަ މަސައްކަތަށް އަހުލުވެރި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުންނަ އަދި އޭނާގެ ހަޔާތުގައި ދިރިއުޅުމަށް މަސައްކަތެއް އިހްތިޔާރުކޮށްގެން ނިކުންނަ މީހަކަށް ހެދޭތޯ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިއަދު ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

މިއަދު ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ހޯމް މިނިސްޓްރީން ބުނީ ކުށެއް ކުރުމަށް ފަހު ޖަލަށް ލައި އަނެއްކާ މިނިވަންވެގެން މުޖުތަމައުއަށް ނިކުންނަ އިރު މުޖުތަމައު އިން މީހާ ބަލައިނުގަންނަ ކަމަށެވެ. އަދި އަނެއްކާ ވެސް އެ މީހަކު ކުށުގެ ވެށިން ފެންނަ ކަމަށާއި އިތުރަށް އެ ފުރުސަތު ދޭން ބޭނުން ނުވާ ކަމަށެވެ. މި ޕްރޮގްރާމަކީ އެފަދަ މީހުންނަށް އޮތް ފުރުސަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މި ވަގުތު މި ފުރުސަތު އޮތީ ޕެރޯލްގެ ދަށުން މުޖުތަމައުއަށް ނިކުންނަ މީހުންނަށް ކަމަށް ބުންޏެވެ.

މިހާރު ހުޅުވާލައިފައިވާ މި ފުރުސަތުގައި ރާއްޖޭގައި ސްޓެލްކޯ އޮފީސްތައް ހުންނަ ހުރިހާ ރަށަކުން ވެސް ވަޒީފާގެ ފުރުސަތު އޮންނާނެ އެވެ. އެގޮތުން ކޮންމެ މީހަކު ވެސް އެ މީހަކު ޝައުގުވެރިވާ އަދި އެ ދާއިރާއަކުން ތަމްރީން ލިބިފައިވާ ދާއިރާތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި މަސައްކަތުގެ ހުނަރު ނެތް ނަމަ ޓްރެއިނިންގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.